[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ގަލާއި ދޮންވެލި

kids storiesވަގުތަަކީ ފަތިހުގެ ހިތްގައިމު ވަގުތެވެ. ހުކުރުދުވަހު ފަތިހު ފަތިސް ނަމާދުކޮށް ނިމިގެން އިރުއަރާ މަންޒަރު ބަލަން ދިއުމަކީ ޝަމާލާއި ޝަޒީމްގެ އާދައެކެވެ.

އަތިރިމައްޗާ މާ ދުރު ނޫން ހިސާބެއްގައި ދިރިއުޅޭ މި ދެކުދިންނަކީ އަވައްޓެރި ކުދިންނެވެ. އެއަށްވުރެ ބޮޑަށް ތުއްތު އިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކަކަށް ލިބޭ އުފަލާއި ހިތާމައިގައި އަނެކަކު ބައިވެރި ވެއެވެ. ހިތްހެޔޮކަމާއި ހަމްދަރުދީ ފާޅުކުރެއެވެ.

މިދެކުދިން އެކުގައި އުޅުނުކަމުގައި ވިޔަސް، ބައެއް ކަންކަމުގައި ދެކުދިންގެ މިޒާޖު ވަރަށް ތަފާތެވެ. ޝަޒީމަކީ ސަކަ މީޒާޖެއްގެ ކުއްޖެކެވެ. ސަމާސާ ކުރުމުގެ ޙައްދެއް ނޯވެއެވެ. އެކަމަކު ޝަމާލަކީ ކަންކަމާމެދު ފުންކޮށް ވިސްނާ ހަރުދަނާގޮތް ހުންނަ ކުއްޖެކެވެ.

ޢުމުރުގެ ތޭރަ ވަނަ އަހަރު ގުނަމުންދާ މި ދެ އެކުވެރިން އާދައިގެ މަތިން މައިންބަފައިންގެ ހުއްދަ ހޯދުމަށްފަހު އަތިރި މައްޗަށް ފޭބި އެވެ.

އަދި ޤުދުރަތީ ރީތި މަންޒަރުތައް ސިފަކުރަމުން، ފެތުރިފައިވާ ދޮންވެލިގަނޑުމަތީ ހުސް ފަޔާ ހިނގަމުން ކުރިއަށް ދިޔައެވެ.

ހިނގާލުން މާ “ސީރިއަސް” ކޮށް ދާން ފެށުމުން ޝަޒީމް ސަކަރާތް ޖަހަން ފަށައިފިއެވެ. ސަކަރާތްޖެހުމުގެ ތެރޭގައި ސަމާސަޔަކަށް ޝަމާލުގެ މުލައްދަނޑީގައި ޖަހައިފިއެވެ.

ޝަޒީމްގެ މަޤްސަދަކީ ރުޅިއައިސްގެން ޝަމާލު ހަޅޭއްލަވާ މަންޒަރު އަޑުއެހުމެވެ. ބައެއްފަހަރު މިގޮތަށް ކުރެވޭ ސަމާސާ ވިހަ ވެ ދެމީހުންނަށްވެސް ގެއްލުން ލިބެއެވެ. އެކަމަކުވެސް ޝަޒީމް ފަރުވާލެއްނެތި އޭނަ ރުޅިއަރުވަން މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް އެހެން ދުވަހާ ޚިލާފަށް ޝަމާލު އެއްވެސް އެއްޗެއް ނުބުނެ ދޮންވެލިގަނޑުމަތީގައި އިށީނެވެ. އަދި ދޮންވެލިގަނޑުގެ މަތީގައި ލިޔަން ފެށުމުން ޝަޒީމް ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. ޝަމާލު ލިޔުނެވެ. “އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަހަރެންގެ ގައިގައި ޖަހައިފި”. މިގޮތަށް ލިޔެފައި ތެދުވެގެން ކުރިއަށް ދިޔައެވެ.

ފަހަތުން ޝަޒީމްވެސް ހިނގައިގަތެވެ. ދެކުދިން ހިނގަމުން ދިޔައީ ފައިވާން އަތަށް ލައިގެން ހުސްފަޔާއެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ ރާޅެއް ޖެހިއެވެ. އަދި ރާޅުގެ ސަބަބުން ޝަމާލަށް ކުއްލި ޙަރަކާތެއްް ގެނެވުނެވެ. އަދި އެވަގުތު އޭނަގެ ފައިވާން އަތުން ދޫވެގެން ވެއްޓި އޮޔާ ދާން ފަށައިފިއެވެ. ޝަމާލުގެ މަސައްކަތުން ނެގުނީ ފައިވާނުގެ އެއް ކިބައެވެ. ބަލާލިއިރު އަނެއްކިބަ އޮތީ މާ ދުރުގައވެ. ޝަމާލަކީ މޫދަށް ފައިބަން ޖެހިލުންވާ ކުއްޖެއްކަން ޝަޒީމަށް އެނގެއެވެ. އެހެންވެ ބަލާކަށް ނުހުރެ ވަގުތުން މޫދަށް ފުއްމާލައިފިއެވެ. އަދި ފައިވާން ކިބަ ނަގައިގެން އައިސް ދިނެވެ.

އެވަގުތު ޝުކުރުވެރި ނަޒަރަކުން ޝަމާލު ޝަޒީމްގެ މޫނަށް ބަލައިލިއެވެ. އަދި ހޭޅި ފަށުގައި އޮތް ބޮޑު ގަލެއްގެ މަތީގައި އިށީނެވެ. ޝަމާލަށް ކުއްލިއަކަށް ބިންމަތިން ފެނުނު މޮހޮރެއްނަގާ ގަލުގައި ކަނޑައިނަގައި ލިޔަން ފެށިއެވެ. “އަހަރެންގެ ރަޙުމަތްތެރިޔާ އަހަރެންގެ ފައިވާން ސަލާމަތްކޮށްދީފީ” .

މިހެން ލިޔެފައި ތެދުވެގެން ހިނގައިގަންނަމުން ޝަމާލު ބުންޏެވެ. “ދެން ހިނގާ. ގެއަށް ދަމާ. މިހާރު މާ ލަސް ވެއްޖެ.”

މިހެން ބުނުމުން ޝަޒީމް ބުންޏެވެ. “ގެއަށް ދެވޭނީ މިއަދު ތި ކުރި ކަންތައްތަކުގެ ތަފްޞީލު ދިނީމަ. ” މިހެން ބުނެ ދޮންވެލިގަނޑުމަތީގައި އިށީނނެވެ. މިއަދު އެހެންދުވަސްތަކާ ތަފާތުކޮށް ތިކުރި ކަންތައްތަކުގެ ސިއްރު ކިޔައިދިނީމަ ކަމުގައި ޝަޒީމް ބުނުމުން ޝަމާލު ކިޔާ ދޭން ފެށިއެވެ. “މިއަޮތް ހުރިހާ ދުވަހު އަހަންނަށް ބޮޑަށް ފާހަގ ކުރެވެނީ ޝަޒީމް ކުރާ ނޭދޭކަންތައ. ނޭދެވޭ ސަމާސާ. އެކަމަކު މިއަދު އަހަރެންގެ ވިސްނުން ބަދަލުވެއްޖެ. މީގެފަހުން އަހަރެން ބޮޑަށް ފާހަގަ ކުރަން ބޭނުން ރަނގަޅު ސިފަތައް. އަހަރެން ދޮންވެލިގަނޑުގައި ލިޔުނީ ނޭދެވޭ ސިފަ. މިހާރު ގޮސް ބަލާބަލަ. ދޮންވެލިގަނޑުގައި ލިޔުނު އެއްޗެއް އޮތްތޯ؟ ނޯންނާނެ. ރާޅުގެ ސަބަބުން އެ ލިޔުންކޮޅު ފޮހެވިގެންދާނެ. އެކަމަކު ގަލުގައި ކަނޑާނެގީ ރަނގަޅުކަންތައް. ކޮށްދިން ހެޔޮކަންތައް. އަހަރެން ޢުމުރަށް ހަނދާންކުރަން ބޭނުންވަނީ އެކަންތައް. ބައެއްފަހަރަށް ކުރެވޭ ‘ސަމާސާ’ ވިހަވެ ހިތުގައި ޖެހޭގޮތްވެ ދެމީހުންނަށްވެސް އެކަމުގެ ޝަކުވާ މާ ބޮޑަށް އެބަ ކުރެވޭ. މިއަދު އަހަންނަށް ވިސްނުނީ އެއީ ރަނގަޅު ގޮތެއް ނޫން ކަމުގައި. ހަމަޖެހޭ، ބަދަހި ގުޅުމެއް ދެމިއޮންނާނީ ރަގަޅު ސިފަތަކާއި ރަނގަޅުކަންތައް ބޮޑަށް ފާހަގަކޮށްގެން. އެހަނދާންތައް އާކޮށްގެން” ހަރުދަނާ ޒުވާނެއްހެން ޝަމާލު ވާހަކަ ދެއްކިއެވެ.

“ތީ ރަނގަޅު ވާހަކައެއް. އެކަމަކު އަހަރެން ދޯ އަބަދު ޙައްދުން ނައްޓާ ވަަރަށް ސަކަރާތް ޖަހަނީ. އެކަމަކު މީގެ ފަހުން އަހަރެންވެސް ރަނގަޅު ކަންތައް ފާހަގަކުރުމަށް ސަމާލު ވާނަން.” އެއްބަސްވުމުގެ ގޮތުން ޝަޒީމް ބުންޏެވެ.

“ސަމާސަވެސް އޮންނަން ވާނެ. ސަމާސަ ކުރާ މިންވަރު މަދުކޮށްލަންވީ. ސަމާސާ ކުރަމުންގޮސް ސަމާސާ ވިހަވެ، އެކަކު އަނެކަކުގެ ނޭދެވޭ ވާހަކަ ދައްކާ ހިސާބަށް ދިއުމަކީ ރަނގަޅު ކަމެއް ނޫންދޯ. އަހަރެން މައްސަލަ ޖެހޭ ކޮންމެ ފަހަރަކު މިކަމާ ވިސްނަން.” ހަރު މީހެއްހެން ޝަމާލު ބުންޏެވެ.

ޝަޒީމް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ގަލާއި ދޮންވެލީގެ ހަނދާން އާކޮށް ރަގަޅު ކަންތައް ފާހަގަކުރުމުގެ އާ ޢަޒުމުގައި ދެކުދިން ގެއަށް ދިޔައެވެ.