ޤަސްދުގައި ނަމާދު ވަޤުތު ފާއިތުކުރާމީހާގެ ޙުކުމަކީ ކޮބާ؟
މި މައްސަލާގައި ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައި ވެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޤަސްދުގައި އެއްމެ ނަމާދެއްވެސް، ޝަރުޢީ ޢުޒުރަކާއި ނުލައި ވަޤުތު ފާއިތުވަންދެން ލަސްކޮށްފި މީހާ، ކާފަރުވާނެއެވެ. ސަޢޫދީ އަރަބިއްޔާގެ ލަޖްނަތު އައްދާއިމާ ގެ ފަތުވާއަކީ މިއީ އެވެ. އަދި ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބުން ބާޒް ރަޙިމަހުﷲ ގެ ޤައުލަކީވެސް މިއީއެވެ.
އަދި ނަމާދު ކުރުން އެއްކޮށް ދޫކޮށްލައިފި މީހާ މެނުވީ މިއްލަތުން ބޭރުނުވާނެ ކަމަށް ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ.
ނަމަވެސް ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤުވަނީ، ޤަސްދުގައި އެއްމެ ނަމާދެއްވެސް ދޫކޮށްލައިފި މީހާ، ފާފައިގެ ދޮރުތަކުގެ ތެރެއިން ބޮޑެވެގެންވާ ދޮރެއް ހުޅުވައިފިއެވެ. އެމީހާގެ ފާފަ ވައްކަންކުރާމީހާއާއި، ރާބޯ މީހާއާއި ޒިނާކުރާމީހާގެ ފާފައަށްވުރެ ބޮޑެވެ. އެފަދަ މީހާއަކީ ބޮޑުވެގެންވާ ފާސިޤެކެވެ. ނުވަތަ ބައެއް ޢިލްމުވެރިން ވިދާޅުވާފަދައިން ކާފިރެކެވެ.
ކޮންމެއަކަސް، ޝަރުޢީ ނައްސު ތަކުގެ އަލީގައި ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތަކުން ހާމަވެގެން ދަނީ، ޤަސްދުގައި އެއްމެ ނަމާދެއް ދޫކޮށްލާމީހާއަށް ހުރި ނުރައްކާތެރިކަމެވެ. ކިރިޔާވެސް ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވާ މީހާވެސް ޤަސްދުގައި ނަމާދެއް އެޅުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
ފަރުވާކުޑަކަމާއި ކަންނެއްކަމާއި އެކު ނަމާދު އަޅާމީހާގެ ޙުކުމަކީ ކޮބާ؟
ނަމާދުގެ ފަރުޟިއްޔަތުކަމާއި މެދު އިޤުރާރުވާމީހާ، ފަރުވާކުޑަކަމާ އެކު ނުވަތަ ކަންނެއްކަމާއި އެކުވެސް ނަމާދުތައް ދޫކުރާނަމަ އެމީހާ ބޮޑު ކުފުރުން ކުފުރުވާނެއެވެ. މިއްލަތުން ބޭރުވާނެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެއްމެ ނަމާދެއް ދޫކޮށްލިޔަސް ކާފިރުވާނެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ކާފަރުވާނީ އެފަދައިން ދެ ނަމާދު ދޫކޮށްލާމީހާއެވެ.
ނަމަވެސް، ދަލީލުތަކުން ހާމަވާގޮތުގައި އެއްމެ ޞައްޙަ ޤައުލަކީ، ނަމާދު ކުރުން އެއްކޮށް ދޫކޮށްލައިފިމީހާނޫނީ ކާފިރު ނުވާނެކަމެވެ. އެއީ އެމީހާގެ ނަފްސު އެކަމަށް ހާނުވައި އާދަކޮށްފި މީހާއެވެ.
ޢިލްމުގެ އަހުލުވެރިންގެ މި ބަސްފުޅުތަކުން ހާމަވެގެން ދަނީ ނަމާދު ނުކުރުމުގެ ނުރައްކާތެރިކަމެވެ.
ކަންނެއްކަމާއެކު ބައެއްފަހަރު ނަމާދެއް، ދެނަމާދެއް ދޫވާމީހާ މިއްލަތުން ބޭރެއް ނުވާނެއެވެ. އެމީހަކީ ނަމާދުކުރުން ދޫކޮށްލައިފި މީހެކޭނުބުނެވޭނެއެވެ. އޭނާ ނަމާދު ކުރެއެވެ. ނަމަވެސް ފަރުވާކުޑަކަމާއި ކަންނެއްކަމުން ބައެއް ނަމާދުތައް އަދާކޮށްފަ، ބައެއް ނަމާދުތައް ދޫކޮށްލެވެނީއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. (( މީހާއާއި، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު ދޫކޮށްލުމެވެ. )) – ޞަޙީޙް މުސްލިމް – އެކަލޭގެފާނުގެ މި ޙަދީޘްކުރައްވާފައި ވަނީ ” ނަމާދު ” ދޫކޮށްލަމުގެ ވާހަކައެވެ. ” ނަމާދެއް ” ދޫކޮށްލުމުގެ ވާހަކައެއްނޫނެވެ.
އެހެނީ މުސްލިމެއްގެ އަޞްލަކީ އޭނާގެ އިސްލާމްކަން އޭނާގެ ކިބައިގައި އޮތުމެވެ. އަހަރެމެން އޭނާގެ ކާފަރުކޮށް މިއްލަތުން ބޭރުކުރަންވާނީ އެކަން ޔަޤީންވުމުންނެވެ. ކަނޑައެޅިގެން އެމީހާގެ އިސްލާމްކަން ޔަޤީންވެ އެނގޭ ވަކި މުސްލިމު މީހަކު، އޭނާ އިސްލާމްކަމުން ކުފުރަށް ބަދަލުވާވަރުގެ ދަލީލެއް ޔަޤީންކަމާއެކު ލިބުމުން ނޫނީ، އެމީހަކަށް އަހަރެމެން ކާފަރެއްކަމަކަށް ޙުކުމެއް ނުކުރާނަމެވެ.
ނަމާދުތަކަށް ފަރުވާކުޑަކުރުމަކީ ނުރައްކާތެރި ކަމެއް.
ނަމާދުތަކަށް ފަރުވާކުޑަކުރުމަކީ ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި އެއްވެސް މުސްލިމަކަށް އެކަށީގެންވާކަމެއް ނޫނެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިނުވެ، ބައެއް ނަމާދުތައް ދޫކުރަމުންދާ މީހާ ކާފަރު ނުވިޔަސް، އެހުރީ ނުރައްކާތެރި ޙާލަތެއްގައިއެވެ. އޭގެ ސަބަބުން، ނަމާދުތައް ދޫކުރުމަށް ނަފްސު ހޭނިގެން ދިޔުމަށް މަގުފަހިވެއެވެ. ނަތީޖާއެއްގެ ގޮތުން ކުފުރުވާ ހިސާބައްވެސް އެމީހަކު ހިނގައިދާނެއެވެ. އަޅާއާއި އޭނާގެ ރައްބާއި ގުޅުވައިދޭ އެއްމެ މުހިއްމު އަޅުކަމަކީ ނަމާދެވެ. އެ ގުޅުން ކަނޑާލައިފި މީހާ ހަމަ ޔަޤީނުންވެސް އެހުރީ ވަރުގަދަ ޢަޒާބަކަށް ހުޝަހެޅިގެންނެވެ.
ނަމާދު އަޅައި ޝަހުވަތްތަކަށް ތަބާވާމީހުން ނަރަކައިގެ އަލްޣައްޔު އޭ ކިޔުނު ވާދީ އަށް ވަންނާނެކަން ﷲ ތަޢާލާ ވަނީ ޚަބަރުދެއްވާފައެވެ. އަދިވެސް، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާނުކުރާމީޙުންނަށް ( ބައެއް ނަމާދުތައް ދޫކޮށްފައި، ނަމާދު ކުރި ނަމަވެސް ﷲ ތަޢާލާގެ ޒިކުރުން ޣާފިލުވެ ނަމާދުކުރާ މީހުންނަށް ) ހުރި ނުބައި ޖަޒާގެ ވާހަކަ ބަޔާންކުރައްވައި އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ((فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ – سورة الماعون )) މާނަ: (( ފަހެ ނަމާދުކުރާމީހުންނަށް ގަދަފަދަ ޢަޒާބު ހުއްޓެވެ. އެމީހުންނަކީ ނަމާދު ތަކާމެދު ޣާފިލުވެ، ނަމާދުތައް ވަޤުތުން ލަސްކޮށް ހަދާމީހުންނެވެ. ))
ﷲ ތަޢާލާ އަންގަވާފައިވަނީ، ރެއަކާއި ދުވާލު ފަރުޟު ފަސްނަމާދު ކަނޑައެޅިފައިވާ ވަޤުތުތަކެއްގައި އަދާކުރުމަށެވެ. އެއްވެސް ޙާލެއްގައި އެއްނަމާދު އަދާކޮށްފައި، އަނެއް ނަމާދު ދޫކޮށްފައި، މިފަދައިން ނަމާދުކުރާކަށް ނޫނެވެ. ހަޤީޤަތުގައި ނަމާދު ކުރާމީހަކަށް ވާނީ ފަރުޟު ފަސްނަމާދަށް ރައްކާތެރި ވާނަމައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((إِلَّا الْمُصَلِّينَ ﴿٢٢﴾ الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ ﴿٢٣﴾ – سورة المعارج )) މާނަ: (( ނަމާދުކުރާމީހުން ފިޔަވައެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދުތައް އަދާކުރުމުގައި ދެމިތިބޭމީހުންނެވެ. ))
އަދި ހަމަ އެއާއި އެކު ނަމާދު ލަސްކުރުމާއި ނަމާދުގައި ކަންނެތް ވުމަކީ މުނާފިޤުންގެ ސިފައެއްވެސް މެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “…وَإِذَا قَامُواْ إِلَى الصَّلاَةِ قَامُواْ كُسَالَى يُرَاؤُونَ النَّاسَ وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً” (سورة النساء: 142) “އަދި މުނާފިޤުން ނަމާދަށް ތެދުވެއްޖެނަމަ ތެދުވަނީ ކަންނެތްކަމާއިއެކީ އަދި މީސްތަކުންނަށް ދެއްކުމަށެވެ. އެހެނެއްކަމަކު ވަރަށް މަދުން މެނުވީ އެމީހުން ﷲ މަތިން ހަނދުމައެއް ނުކުރެތެވެ.”
އެހެންކަމުން، ނަމާދުކުރުން އެއްކޮށް ދޫނުކޮށްލި ކަމުގައިވިޔަސް، ނަމާދުތަކަށް ފަރުވާކުޑަކޮށް، ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރި ނުވާމީހާ އެހުރީ ވަރަށް ނުރައްކާތެރި ޙާލަތެއްގައެވެ. އަދި، ފަރުޟު ފަސްނަމާދަށް ރައްކާތެރި ނުވާ މީހާ، އަލްމުއުމިނޫން ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ކާމިޔާބު ލިބެނިވި މުއުމިނުންގެ ތެރޭގައިވެސް ނުހިމެނެއެވެ.
– ނުނިމޭ –
މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.