[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 5

womens rights

އަދި ހަމައެއާއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ، ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނާވަނީ ސުވަރުގޭގައި ކަމުގައެވެ.

 عَنْ رَاشِدِ بْنِ حُبَيْشٍ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى عُبَادَةَ بْنِ الصَّامِتِ يَعُودُهُ فِي مَرَضِهِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أَتَعْلَمُونَ مَنِ الشَّهِيدُ مِنْ أُمَّتِي؟)) فَأَرَمَّ الْقَوْمُ، فَقَالَ عُبَادَةُ: سَانِدُونِي، فَأَسْنَدُوهُ، فَقَالَ: يَا رَسُولَ اللهِ، الصَّابِرُ الْمُحْتَسِبُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((إِنَّ شُهَدَاءَ أُمَّتِي إِذًا لَقَلِيلٌ: الْقَتْلُ فِي سَبِيلِ اللهِ عَزَّ وَجَلَّ شَهَادَةٌ، وَالطَّاعُونُ شَهَادَةٌ، وَالْغَرَقُ شَهَادَةٌ، وَالْبَطْنُ شَهَادَةٌ، وَالنُّفَسَاءُ يَجُرُّهَا وَلَدُهَا بِسُرَرِهِ إِلَى الْجَنَّةِ))

[والسرر: ما تقطعه القابلة من المولود، والحديث أخرجه الإمام أحمد في مسنده بسند صحيح (المسند 3/489)، وله شاهد عند مالك (1/233) وأبي داود)3/482)]

މާނައީ: “ރާޝިދު ބުން ޙުބައިޝްގެ ކިބައިން ރިވާވެގެންވެއެވެ. ޢުބާދަތު ބުލް ޞާމިތު އާލާސްކަންފުޅެއްގައިވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަރިހަށް ވަދެވަޑައިތެވެ. އަދި ޙަދީޘްކުރެއްވިއެވެ. ” ތިމަން ކަލޭގެފާނުގެ އުންމަތުގެ ތެރެއިން ޝަހީދުންނަކީ ކޮބާކަން ތިޔަބައިމީހުންނަށް އެންގިވަޑައިގެންވަމުތޯއެވެ؟ މީސްތަކުން އެއްވެސް އެއްޗެކޭ ވިދާޅުނުވެ މަޑުމައިތިރިކަމާއިއެކު ތިބެތެވެ. ފަހެ، ޢުބާދަތު ވިދާޅުވިއެވެ. އަހަރެން އިށީނުމަށްޓަކައި އެހީތެރިވެދެއްވާށެވެ. އެބޭކަލުން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. “ﷲ ގެ ރަސޫލާއެވެ. ބަލިމަޑުކަމަށް ކެތްކުރުމުން ﷲ ގެ ދަރުމައަށް އެދޭ މީހާއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެހެންކަމަށް ވަނީނަމަ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ޝަހީދުން ވަރަށް މަދުވާނެއެވެ. ﷲ ގެ މަގުގައި ޤަތުލުވާ މީހަކީ ޝަހީދެކެވެ. ޠާޢޫނުބަލީގައި މަރުވާ މީހަކީ ޝަހީދެކެވެ. ޣަރަޤުވުމުން މަރުވާ މީހަކީ ޝަހީދެކެވެ. ބަނޑުގެ ބަލިތަކުގައި މަރުވާ މީހަކީ ޝަހީދެކެވެ. އަދި އަންހެނާގެ ނިފާސް ކަމުގެ ދުވަސްވަރު މަރުވެއްޖެނަމަ، އޭނާގެ ދަރި އޭނާގެ ފޫޅޫދަނޑީގައި ހިފަައިގެން ސުވަރުގެއަށް ވައްދާނެތެވެ.” السررގެ މާނައަކީ: އަންހެނާ ވިހެއުމަށްފަހު ފޫޅުމައިމީހާ ކަނޑާލާ ފޫޅު ދަނޑިއެވެ.”

އަދި އެހެން ރިވާޔަތެއްގައި ވެއެވެ.

عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((مَا تَعُدُّونَ الشَّهِيدَ فِيكُمْ؟ ” قَالُوا: الَّذِي يُقَاتِلُ فَيُقْتَلُ فِي سَبِيلِ اللهِ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِنَّ شُهَدَاءَ أُمَّتِي إِذًا لَقَلِيلٌ الْقَتِيلُ فِي سَبِيلِ اللهِ شَهِيدٌ، وَالْمَطْعُونُ شَهِيدٌ، وَالْمَبْطُونُ شَهِيدٌ، وَالْمَرْأَةُ تَمُوتُ بِجُمْعٍ شَهِيدٌ ” يَعْنِي النُّفَسَاءَ

 [رواه الإمام أحمد) 5/315 (، وابن ماجه وابن حبان في صحيحه]

މާނައީ: “ޢުބާދަތު ބުން ޞާމިތުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ޝަހީދުންގެ ގޮތުގައި ގުނޭނީ ކޮންބައެއް ހެއްޔެވެ؟ ދެންނެވުނެވެ “ﷲ ގެ މަގުގައި ޖިހާދުކޮށް އަދި އެޖިހާދުގައި މަރުވެގެންދާ މީހާއެވެ.” ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެހެންކަމަށް ވަނީނަމަ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ޝަހީދުންނަކީ މަދުބައެކެވެ. ﷲ ގެ މަގުގައި ޤަތުލުވެވޭ މީހަކީ ޝަހީދެކެވެ. އަދި ޠާޢޫންބަލީގައި މަރުވުމަކީ ޝަހީދެވެ. އަދި ބަނޑުގެ ބަލިތަކުގައި މަރުވުމަކީ ޝަހީދެވެ. އަދި ރަހިމުގައި ދަރިއަކުވެ މަރުވާ އަންހެނަކީ ޝަހީދެކެވެ.”

ބަޔާންވެދިޔަ އާޔަތްތަކާއި ޙަދީޘް އިން ބަޔާންވެ އެންގިގެން ދަނީ މާބަނޑުވުމާއި ވިހެއުމުގެ ވޭނަކީ އަންހެނުންނަށް ދެވިފައިވާ އަދަބެއް ނޫންކަމެވެ. އަދި އެކަމުގެ ސަބަބުން އުފުލިގެންދަނީ އެކަނބަލުންގެ މާތްކަމާއި މަތިވެރިކަންކަމެވެ.

ﷲ ޙަޟްރަތުގައި މީސްތަކުން އެކަކު އަނެކަކުގެ މައްޗަށް މަތިވެރިވެގެންވަނީ އެއިލާހަށް ވެވޭ ތަޤުވާގެ ފުރިހަމަ ކަމުގެ ނިސްބަތުންނެވެ. އެއިލާހަށް ވެވޭ އިޙްޞާލްތެރިކަމާއި، ކިޔަމަންތެރިކަމުގެ ފުރިހަމަ ކަމުގެ ސަބަބުންނެވެ. ހެޔޮޢަމަލުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ  [سورة الحجرات: ١٣] 

މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފްވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.”

ތަޤުވާވެރިވުމަކީ: ﷲ ގެ ޢަޛާބާއި އޭނާއާއި ދެމެދު ހުރަހެއް ލާ އެ ޢަޛާބުތަކުން ސަލަމާތްވެގަތުމެވެ. މިކަން ކުރެވޭނީ އެއިލާހު އެންގެވިގޮތުގައި އުޅެގެންނެވެ. އެގޮތުން ﷲ އަމުރުކުރެއްވި ކަންތައްކުރުމާއި ނަހީކުރެއްވި ކަންތައްތަކުން ދުރުވެގެންނެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް