ދަންނާށެވެ! – ﷲ އަށް ކިޔަމަންގަތުމަށް އެއިލާހު ތިބާއަށް މަގުދައްކަވާށިއެވެ! – ހަމަކަށަވަރުން ޙަނީފިއްޔާއަކީ (ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބުމަކީ) އިބްރާހިމު عليه السلام ގެ މިއްލަތެވެ. އެއީ ހަމަކަށަވަރުން ހަމައެކަނި ﷲ އަށް ދީން ޚާލިޞްކުރާ ޙާލު އެއިލާހަށް އަޅުކަންކުރުމެވެ. ހުރިހާ މީސްކަތުންނަށް ﷲ އަމުކުރެއްވީ އެކަން ކުރުމަށެވެ. އަދި ﷲ އެބައިމީހުން ޚަލްޤުކުރެއްވީވެސް އެކަމަށެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ([1])
މާނައީ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން، ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ޚަލްޤުނުކުރައްވަމެވެ.”
އަޅުކަންކުރުމުގެ މާނައަކީ: އެއްކައުވަންތަކުރުމެވެ.
ﷲ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ތައުޙީދެވެ. އެއީ އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުމެވެ. އަދި ﷲ ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ޝިރުކުކުރުމެވެ. އެއީ އެއިލާހާ އެކުގައި އެހެން ފަރާތަކަށް އަޅުކަންކުރުމެވެ. ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.
وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا([2])
މާނައީ: “އަދި ތިޔަބައިމީހުން (ހަމައެކަނި) ﷲއަށް އަޅުކަންކުރާހަށިކަމެވެ. އަދި އެއިލާހާ އެހެން އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ…”
ފިލާވަޅުގެ އިރުޝާދުތައް
* ޙަނީފަކީ: ޝިރުކާއި މަގުފުރެދުންތައް ދޫކޮށް ﷲ އެއްކައުވަންތަކުރުމުގެ މަތީ ޘާބިތުވެ ހުންނަ މީހާއެވެ. ﷲ ތަޢާލާ އެއްކައުވަންތަކުރުންމަތީ ޙަނީފެއްގެ ގޮތުގައި، އިބްރާހީމު عليه السلام ދެމިހުންނަވައި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ޚިލާފުވެވަޑައިގެންނެވުމުން، ﷲ ތަޢާލާވަނީ އެކަލޭގެފާނާ މެދު ޘަނާގެބަސް ވަޙީކުރައްވާފައެވެ.
* ނަބިއްޔާ صلى الله عليه وسلم އާއި އަޞްޙާބުބޭކަލުންނަށް، ﷲ ތަޢާލާ އަމުރުކުރެއްވީ، އެހެން ދީންތަކުގެ މީސްތަކުން، އެއުރެންގެ ދީނަށް ވަނުމަށް އެބޭކަލުންނަށް ގޮވާލައިފިނަމަ، އަހަރުމެން މިތިބީ އިބްރާހީމު عليه السلام ގެ މިއްލަތަށް ތަބާވެގެންކަމުގައި ބުނުމަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَقَالُوا كُونُوا هُودًا أَوْ نَصَارَىٰ تَهْتَدُوا قُلْ بَلْ مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ﴾ [سورة البقرة ١٣٥]
މާނައީ: “އެއުރެން (އެބަހީ: ޔަހޫދީންނާއި ނަޞާރާއިން) ބުންޏެވެ. ތިޔަބައިމީހުން ޔަހޫދީން ކަމުގައި ނުވަތަ ނަޞާރާއިންކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިޔެއް ހެއްޔެވެ. (ތިމަންމެން ތަބާވާނީ) ޝިރުކުން އެއްކިބާވެ ތައުޙީދުގެ މަގަށް ލެނބިގެންވާ އިބްރާހީމުގެފާނުގެ މިއްލަތަށެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.”
* މުޙައްމަދު صلى الله عليه وسلم، އެދީނަކައިގެން ވަޑައިގެންނެވި އިސްލާމްދީނަކީ ޙަނީފިއްޔަތުގެ ދީނެވެ. އެއީ އެހެނިހެން ދީންތަކުގެ މީސްތަކުންނަށް ލިބިގެންނުވާ ކަމެކެވެ. އެހެންކަމުން އަހަރުމެންގެ މައްޗަށް ލާޒިމުވެގެންވަނީ އިސްލާމްދީނާ އެއްގޮތަށް އުޅެ، އެދީނަށް ވަނުމަށް އެހެންމީސްތަކުންނަށް ދަޢުވަތު ދިނުމެވެ.
* ﷲ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ތައުޙީދެވެ. (އެއިލާހު އެއްކައުވަންތަކުރުމެވެ.) އަދި އެއިލާހު ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ ޝިރުކުކުރުމެވެ. އެހެންކަމުން ނިސާ ސޫރަތުގެ 36ވަނަ އާޔަތުގައި، ދިހަ ޙައްޤު ބަޔާންކޮށްދެއްވިއިރު އެންމެ ފުރަތަމަވެސް ފައްޓަވާފައިވަނީ އެއިންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا([3])
މާނައީ: “އަދި ތިޔަބައިމީހުން (ހަމައެކަނި) ﷲއަށް އަޅުކަންކުރާހަށިކަމެވެ. އަދި އެއިލާހާ އެހެން އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ…”
ސުވާލުތައް
- އަންނަނިވި ސުވާލުތަކުގައި ރަނގަޅު ޖަވާބު އިޚްތިޔާރުކުރާށެވެ.
ﷲ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ:
ހ. އަމާނާތްތެރިކަމެވެ. ( )
ށ. ތައުޙީދެވެ. ( )
ނ. ތެދުވެރިކަމެވެ. ( )
އެއިލާހު ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ:
ހ. ދޮގުހެދުމެވެ. ( )
ށ. ޝިރުކުކުރުމެވެ. ( )
ނ. މަކަރުހެދުމެވެ. ( )
- ޔަހޫދީންނާއި ނަޞާރާއިން އެއުރެންގެ ދީނަށް ވަނުމަށް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ގޮވާލައިފިނަމަ، ﷲ ތަޢާލާ އަމުކުރެއްވީ އެއުރެންނަށް ޖަވާބުގައި ކޮންފަދައަކުން ބުނުމަށް ހެއްޔެވެ؟
- އިބްރާހީމު عليه السلام ގެ މިއްލަތަކީ ކޮބާ ހެއްޔެވެ؟_____________________________________