[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 4

الأحكام الشرعية (މިއާޔަތްތަކުންނެގޭ ޝަރުޢީ ޙުކުމްތައް)

 

ފުރަތަމަ ޙުކުމް:

ޙައިޟުގެ ދުވަސްވަރު އަނބިންނާ ދުރުވެގަންނަންވީ މިންވަރު

ޙައިޟުގެ ދުވަސްވަރު އަނބިންނާ ދުރުވެގަންނަންވީ މިންވަރާމެދު ޢިލްމުވެރިންގެ ރަޢުޔު ތަފާތުވެފައިވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން:

ފުރަތަމަ ރަޢުޔު:

އެކަނބަލުންގެ ޙައިޟުގެ ދުވަސްވަރު އެކަނބަލުންގެ މުޅިހަށިގަނޑާ ދުރުވެގަންނަން ޖެހެއެވެ. އެއީ ابن عباس އާއި عبيدة السلماني ގެ އަރިހުން ރިވާވެގެންވާ ގޮތެވެ. މިބޭކަލުންގެ ޙުއްޖަތަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ދުރުވެގަތުމަށް އަމުރުކުރައްވާފައިވުމެވެ. އަދި މިވެނިތަނަކުން ދުރުވެގަންނާށޭ ނުވަތަ މިވެނިތަނެއް ނޫން އެހެންތަންތަނުން ދުވެގަންނާށޭ، މިފަދައިން ވަކިތަނެއް ޚާއްޞަކުރައްވާފައި ނުވުމެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެކަނބަލުންގެ މުޅި ހަށިގަނޑާ ދުރުވެގަތުމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވާފަދައިންނެވެ.

﴿…فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ… ﴾

މާނައީ: “… ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަނބިންނާ ދުރުހެލިވާށެވެ!…”

القرطبي ވިދާޅުވިއެވެ. “މިއީ ޝާޒް (އެކަހެރި) ބަހެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ބޭރުވެގެންވާ ބަސްފުޅެކެވެ. އަދި މިއާޔަތާ ގުޅޭގޮތުން ސުންނަތުން ސާބިތުވެފައިވާ ބަސްފުޅުތަކާ މިބަސްފުޅު ޚިލާފެވެ.”[1]

ދެވަނަ ރަޢުޔު:

އެކަނބަލުންގެ ފޫޅާއި ކަކުލާ ދެމުގައިވާ މިންވަރުން ދުރުވެގަންނަން ޖެހެއެވެ. މިއީ ޙަނަފީ މަޛްހަބާއި މާލިކީ މަޛްޙަބުގައިވާ ގޮތެވެ. މިބޭކަލުންގެ ޙުއްޖަތަކީ ޢާއިޝާގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެކެވެ. އެކަމަނާ ވިދާޅުވިއެވެ.

((كُنْتُ أَغْتَسِلُ أَنَا وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ، كِلانَا جُنُبٌ، وَكَانَ يَأْمُرُنِي فَأَتَّزِرُ، فَيُبَاشِرُنِي وَأَنَا حَائِضٌ)) [2]

މާނައީ: “ތިމަންކަމަނާއާއި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އެއް ކަންވާރަކުން ނާނޭފުޅުފިއްލަވަމުއެވެ. އެއީ ތިމަންކަމަނާއާއި އެކަލޭގެފާނާ ޖުނުބުވެރިޙާލުގައި ވަނިކޮށެވެ. އަދި ތިމަންކަމަނާގެ ޙައިޟުގެ ދުވަސްވަރު އެކަލޭގެފާނު ތިމަންކަމަނާއަށް އިޒާރެއް އަނުމަށް އަމުރުކުރައްވައެވެ. އެއަށްފަހުގައި އެކަލޭގެފާނު ތިމަންކަމާއާ مباشرا ކުރައްވައެވެ. (ލޯބިކުރައްވާ ހައްދަވައެވެ.) “

އަދި ميمونةގެ އަރިހުން ރިވާވެގެންވިއެވެ. އެކަމަނާވިދާޅުވިއެވެ.

((كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُبَاشِرُ نِسَاءَهُ فَوْقَ الْإِزَارِ وَهُنَّ حُيَّضٌ))[3]

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އިޒާރެއްގެ މަތިން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ޙައިޟުގައިވާ ދުވަސްވަރު مباشرا ކުރައްވާ ހައްދަވާކަމުގައިވިއެވެ.” (ލޯބިކުރައްވާ ހައްދަވައެވެ.)

ތިންވަނަ ރަޢުޔު:

ހަމައެކަނި ފަރުޖުން ދުރުވެގަތުން. މިއީ ޝާފިޢީ މަޛްހަބުގައިވާގޮތެވެ. އަދި މިއީ ޝައިޚް އަލްބާނީގެވެސް ރަޢުޔެވެ. އެބޭފުޅުންގެ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަންނަނިވި ޙަދީޘް ބަސްފުޅެވެ.

((اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ))[4]

މާނައީ: “ނިކާޙް ފިޔަވައު (އެބަހީ ޖިމާޢުވުން ފިޔަވައި) ހުރިހާކަމެއް ކުރާށެވެ.”

އަދި مسروقގެ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

قُلْتُ لِعَائِشَةَ: “مَا يَحِلُّ لِلرَّجُلِ مِنَ امْرَأَتِهِ إِذَا كَانَتْ حَائِضًا؟ قَالَتْ: كُلُّ شَيْءٍ إِلَّا الْجِمَاعَ”[5]

މާނައި: “ތިމަންކަލޭގެފާނު ޢާއިޝާގެފާނުގެ އަރިހުގައި ދެންނެވީމެވެ. ފިރިހެނުންނަށް އެމީހުންގެ އަނބިން ޙައިޟުގައިވާ ދުވަސްވަރު ހުއްދަވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. ޖިމާޢުވުން ފިޔަވާ ހުރިހާކަމެއް ހުއްދައެވެ.”  

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

” أَنَّ مَسْرُوقًا، رَكِبَ إِلَى عَائِشَةَ، فَقَالَ: السَّلَامُ عَلَى النَّبِيِّ وَعَلَى أَهْلِ بَيْتِهِ فَقَالَتْ عَائِشَةُ: أَبُو عَائِشَةَ مَرْحَبًا فَأْذِنُوا لَهُ، فَدَخَلَ، فَقَالَ: إِنِّي أُرِيدُ أَنْ أَسْأَلَكِ عَنْ شَيْءٍ وَأَنَا أَسْتَحْيِي، فَقَالَتْ: إِنَّمَا أَنَا أُمُّكُ وَأَنْتَ ابْنِي. فَقَالَ، ” مَا لِلرَّجُلِ مِنَ امْرَأَتِهِ وَهِيَ حَائِضٌ؟ قَالَتْ لَهُ: كُلُّ شَيْءٍ إِلَّا فَرْجَهَا “[6]

މާނައީ: “ހަމަކަށަވަރުން ޢާއިޝާގެފާނުގެ އަރިހަށް ސަވާރީއެއްގައި مسروق ދިޔައެވެ. އަދި ވިދާޅުވިއެވެ. “ނަބިއްޔާއަށާއި އެކަލޭގެފާނުގެ ގޭގެ އަހުލުވެރިންނަށް ސަލާމް ހުށްޓެވެ.” އެހިނދު ޢާއިޝާގެފާނު ވިދާޅުވިއެވެ. “أبو عائشة އަށް މަރުޙަބާއެވެ.” އަދި އޭނާއަށް އިޛުނަދެއްވިއެވެ. ފަހެ، އޭނާ ވަނެވެ. އަދި ދެންނެވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަމަނާ ގެއަރިހުން އެއްޗެއް އަހާލަންބޭނުމެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު ލަދުގަނެއެވެ.” އެހިނދު އެކަމަނާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަންކަމަނާއީ ތިބާގެ މަންމައެވެ. އަދި ތިއީ ތިމަންކަމަނާގެ ދަރިއެކެވެ.” ދެން އޭނާ ވިދާޅުވިއެވެ. “ފިރިހެނުންނަށް އެމީހުންގެ އަނބިން ޙައިޟުގައިވާ ދުވަސްވަރު ހުއްދަވަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެކަމަނާވިދާޅުވިއެވެ. ޖިމާޢުވުން ފިޔަވާ ހުރިހާކަމެއް ހުއްދައެވެ.”

މިރަޢުޔަތުގެ ތެރެއިން އެންމެ ރާޖިޙްވެގެންވަނީ ދެވަނަ ރަޢުޔެވެ. އެއީ ابن جرير الطبري ވެސް ރާޖިޙްކުރައްވާފައިވާ ރަޢުޔެވެ. ފޫޅާއި ކަކުލާދެމެދު ނިވާކޮށްލުމުގައި ޢިއްލަތެއްވެއެވެ. އެއީ އެކަންކުރުމުގެ ތެރޭގައި ފަހަރެއްގައި ޖިމާޢުވެވިދާނެތީއެވެ. والله أعلم .

= ނުނިމޭ =

 

މިލިޔުމުގެ އެހެނިހެން ބައިތައް

____________________________________

[1]  جامع الأحكام القران للقرطبي

[2]  رواه البخاري ومسلم

[3]  رواه البخاري ومسلم

[4]  حديث أنس المتقدم في المسالة

[5]  اخرجه ابن جرير الطبري

[6]  اخرجه ابن جرير الطبري