[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްކާގެ މުޝްރިކުން އީމާން ނުވުމަށް ދެއްކި ޢުޛުރު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

﴿وَقَالُوا إِن نَّتَّبِعِ الْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَا…﴾ [سورة القصص ٥٧]

މާނައީ: “އަދި އެއުރެން ބުންޏެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް ތަބަޢަވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުށްޓެވެ… “

 ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވަނީ މިއީ ބައެއް ކާފިރުން ތެދުމަގަށް ތަބަޢަނުވުމަށް ދެއްކި ޢުޛުރެއްކަމުގައެވެ. އެބައިމީހުން ރަސޫލުﷲ صلى الله عليه وسلم އަށް ދެންނެވިއެވެ.

﴿…إِن نَّتَّبِعِ الْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَا…﴾ [سورة القصص ٥٧]

މާނައީ: “…ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް ތަބަޢަވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުށްޓެވެ… “

އެބަހީ: ‘އަހަރެމެން ކަލޭގެފާނު ތިޔަ ގެންނެވި ރިސާލަތަށް ތަބަޢަވެ، އަހަރެމެންގެ ވަށައިގެންވާ މުޝްރިކު ޢަރަބި ގަބީލާތަކާއި ދެކޮޅުވެއްޖެނަމަ، އެބައިމީހުން އަހަރެމެންނަށް ގެއްލުންދީ އަހަރެމެންނާ ދެކޮޅަށް ހަނގުރާމަ ކޮށް އަހަރެމެން ތިބި ކޮންމެ ތަނަކުން އަހަރެމެން ފަހާލަފާނެ ކަމަށްޓަކާ އަހަރެމެން ބިރުގަނެއެވެ.’

އެއަށް ރައްދު ދެއްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿…أَوَلَمْ نُمَكِّن لَّهُمْ حَرَمًا آمِنًا …﴾ [سورة القصص ٥٧]

މާނައީ: “…އަމާންކަން ލިބިގެންވާ ޙަރަމެއް ތިމަންއިލާހު އެއުރެންނަށްޓަކައި ނުލައްވަން ހެއްޔެވެ…”

އެބަހީ: އެބައިމީހުން އެދައްކާ ޢުޛުރަކީ ބާޠިލު ދޮގެކެވެ. އެހެނީ ﷲ ތަޢާލާ އެބައިމީހުން ލައްވާފައިވަނީ އަމާންކަން ލިބިގެންވާ ރަށަކާއި، އެތަން ބިނާކުރީއްސުރެ އަމާންކަން ލިބިގެންވާ ޙަރަމެއްގައެވެ. ފަހެ އެބައިމީހުން ކާފިރުކަމާއެކު ޝިރުކުކުރާ ޙާލުގައި ތިއްބާ މި ޙަރަމް އަމާންވާނީ ކިހިނެއް ހެއްޔެވެ. އަދި އެބައިމީހުން ތަބަޢަވެ އިސްލާމްވުމުން އެތަން އަމާން ނުވާންވީ ކީއްވެ ހެއްޔެވެ؟

އަދި އެއިލާހު ވަޙީކުރައްވައެވެ.

﴿…يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ…﴾ [سورة القصص ٥٧]

މާނައީ: “…އެތަނަށް ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ…”

އެބަހީ: ޠާއިފާއި އަދި އެނޫންވެސް އެތަނުގެ ވަށައިގެންވާ ތަންތަނުން ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އަދި އެފަދައިން ވިޔަފާރިކުރެއެވެ. އަދި މުދާ ގެނެވެއެވެ.

﴿…رِّزْقًا مِّن لَّدُنَّا…﴾ [سورة القصص ٥٧]

މާނައީ: “…ތިމަންއިލާހުގެ ޙަޟްރަތުން ލިބެނިވި ރިޒްޤެއްގެ ގޮތުގައެވެ…”

﴿…وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴾ [سورة القصص ٥٧]

މާނައީ: “…އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.”

އެބައިމީހުން ބުނި އެއްޗެއް ބުނީ އެހެންވެގެންނެވެ.

________________________________________________________

مختصر تفسير ابن كثير