[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިފުޅުގެ ސިޓީ

letter

މިއީ މިހާރު ތިން ކުދިން ލިބިފައިވާ މަންމައަކު، އޭނަގެ ލޯބިވާ މަންމައަށް ފޮނުވާފައިވާ ޙަޤީޤީ ސިޓީއެކެވެ. ކިޔުންތެރިންނާހަމައަށް ސިޓީ ގެނެސްފައިމިވަނީ   ސިޓީގެ އަސްލާ އެއްގޮތަށެވެ. ސިޓީގެ އެއްވެސް ޢިބާރާތަކަށް ބަދަލެއް ނުގެނެސް ހުރި ގޮތަށެވެ. ސިޓީ އަސްލު ލިޔެފައިވަނީ ފަންސުރަކުން ޕްރީސްކޫލް ކުދިން ބޭނުންކުރާ ކަހަލަ ޖޮޓަރ ފޮތުގެ ގަނޑެއްގައެވެ. މި ސިޓީ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ މަޤްސަދަކީ ވިސްނާ ފިކުރު ކުރާ މީހުންނަށް ޢިބުރަތަކަށެވެ. ވަގުތު ނުވެގެން މަންމަގެ ޙާލު ނުބެލޭ މީހުންނަށް މެސެޖެއް ދިނުމުގެ ގޮތުންނެވެ. ފޯނުގެ ބެލެންސް ނެތިގެން ފޯނު ނުކުރެވޭ މީހުންނަށް މިސާލަކަށެވެ. ވަކި ދުވަހެއްގައި ނޫނީ މަންމައަށް “ވިޝް” ނުކުރާ މީހުންނަށް ފިލާވަޅަކަށެވެ.

މި ސިޓީއަކީ ކުރު ސިޓީއެއް ނަމަވެސް، މި ސިޓީގެ ކޮންމެ ޖުމުލައަކީ މިއަދުގެ މީހުންނަށް ފައިދާ ހުރި ޖުމުލައެކެވެ. މި ސިޓީ ލިޔުނު ފަރާތަށާއި އޭނަގެ އާއިލާއަށް ހެޔޮރަޙްމަތް ލައްވާށިއެވެ. އަދި މުޅި ދިވެހި އުއްމަތަށް މި ސިޓީގެ ސަބަބުން މަންފާ އިތުރު ކުރައްވާށިއެވެ. އާމީން.

ލޯބިވާ މަންމައަށް

ހެޔޮދުޢާ އާއި ސަލާމް!

މަންމާއެވެ! މަންމަ އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ދެކެ ލޯބިވާ ވަރު އަޅުގަނޑަށް އެނގެއެވެ. އެކުގައި އުޅެން ބޭނުންވާކަންވެސް އެނގެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މީ ދުނިޔެއެވެ. ދުނިޔޭގައި އުޅެންޖެހެނީ މިކަހަލަ ގޮތަކަށް ނޫންހެއްޔެވެ.

ބައެއްފަހަރު ތިމާ އެންމެ ލޯބިވާ މީހާއާއި ވަކިވާންޖެހޭ ފަހަރުވެސް އާދެއެވެ. މަންމަ ތިހެން އެކަނި އުޅޭތީ އަޅުގަނޑުވެސް ދެރަ ވެއެވެ. މަންމައަށް އަތްގާތްކޮށް އެހީވާހިތް ވެއެވެ. އަހަރެންގެ ކުދިންދެކެ މަންމަ ލޯބިވާވަރުވެސް އެނގެއެވެ. އެކުދިންނާއެކު ގިނަވަގުތު ހޭދަކޮށް، އަބަދު އެކުގައި އުޅެން ބޭނުންވާނެ ކަންވެސް އެނގެއެވެ.

މަންމާއެވެ. އަޅުގަނޑު މަންމަ ދެކެ ލޯބި ވެއެވެ. އަބަދުވެސް މަންމަ މަތިން ހަނދާން ކުރަމެވެ. އެކުގައި އުޅުނު ދުވަސްތައް މަތިންނެވެ. އެއްގެއެއްގައި އުޅެ އެކުގައި ކައިބޮއެ، އެކުގައި ނިދާ، ކުޅެ އުޅުނު ދުވަސް ހަނދާން ވެއެވެ.

އަޅުގަނޑުމެން ބަލާ ބޮޑުކުރުމަށް މަންމަ އުޅުނު ދަތިޙާލު ހަނދާން ކުރަމެވެ. ތަޢުލީމްދޭން އޮހޮރިދަލާއި، ކުރި ބުރަ މަސައްކަތް ހިތަށް ވަދެއެވެ. މުސްތަޤުބަލަށް ދިން ނަސޭޙަތް މަތިން ހަނދާން ނުނެތެއެވެ. އެހުރިހާ ކަމެއް ހަނދާނުގައި އެބަހުއްޓެވެ.

މިހާރުވެސް މަންމަ މަސައްކަތް ތިކުރަނީ ކޮއްކޮމެންގެ މުސްތަޤްބަލް އުޖާލާކޮށްދިނުމަށެވެ.

މަންމާއެވެ! ބައެއްފަހަރު ދެރަވާ ތަންވެސް އަންނާނެއެވެ. އެކަމަކުވެސް ހިތްވަރު ކުރާށެވެ. ފަސްނުޖެހޭށެވެ. އަޅުގަނޑުގެ ތި މަންމައަކީ އިންޝާﷲ ވަރަށް ހިތްވަރުގަދަ މަންމައެކެވެ. ހުރިހާކަމެއްގައިވެސް ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އެކަލާނގެއަށް ދުޢާކުރާށެވެ. ދިރިއުޅުމުގެ ކަންތަކަށް ކެތްކުރާށެވެ. މަންމަ ތިކުރާ މަސައްކަތް ﷲ ގެއްލެނި ނުކުރައްވާނެއެވެ. އެކަލާނގެ ބައްލަވާ ވޮޑިގެންވެއެވެ. އެކަލާނގެ އެންމެ ފުރިހަމަ ގޮތުގައި ހިސާބު ކުރައްވައެވެ. އާޚިރަތް ދުވަހުން ތިހުރިހާ ކަމެއްގެ އުޖޫރަ އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެއެވެ.

މަންމާއެވެ! ބައެއްފަހަރު މަންމަގެ ހިތުގައި ޖެހޭގޮތަށްވެސް ކަންތައް ކުރެވިފައި ހުރެދާނެއެވެ. އަޅުގަނޑަށް މަޢާފް ކުރާށެވެ. އަޅުގަނޑު ރަނގަޅަށް ނުކިޔަވާތީ މަންމަ ރުއި ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް ތަޢުލީމު ހޯދަދޭން މަންމަ ކުރި ބުރަ މަސައްކަތް ތާކުން ތާކު ނުޖެހުނީތީ ދެރަވެއެވެ. ކިޔެވުމުގެ ހަރުފަތުން ފަޚުރުވެރި ކާމިޔާބީއެއް ލިބޭ މިންވަރަށް ނުކިޔެވުނީތީ ދެރަވެއެވެ.

މަންމާއެވެ! އަޅުގަނޑުގެ ޢާއިލާއަށް ދުޢާކޮށްދޭށެވެ. މައިންބަފައިންގެ ދުޢާއަކީ އެންމެ އަވަހަށް އިޖާބަކުރައްވާ ދުޢާއެވެ. އަޅުގަނޑު މިހެން ނުބުންޏަސް މަންމަ ދުޢާކުރާނެކަން އަޅުގަނޑަށް އެނގެއެވެ.

މަންމާއެވެ! މިދުނިޔޭގައި މަންމަ ބޭނުންވި ކަހަލަ ރިޕޯޓެއް ނުހޯދުނަސް އާޚިރަތުގައި މަންމަ ހިތްހަމަ ޖެހޭކަހަލަ ރިޕޯޓެއް ހޯދަން ބޭނުމެވެ. އެކަމަށް މަސައްކަތް އެބަކުރަމެވެ.

މަންމާއެވެ! މަންމަގެ ރުހުންލިބިފައިވާ ދަރިއަކަށް ވާން އަޅުގަނޑު ބޭނުމެވެ. ސުވަރުގޭގައި އެކުގައިވާން ބޭނުމެވެ.

ނިމުނީ