ނަމަވެސް ލޯބިވާކަމުގެ ޢަލާމާތެއްކަމުގައި ފާރުތަކާއި ދޮރުތަކުގައި ބީހުމެއް ނުވެއެވެ. ލޯބިވާކަމުގެ ޢަލާމާތަކީ އެކަލޭގެފާނުގެ ސުންނަތާއި އެއްގޮތައް ޢަމަލުކުރުމެވެ. އިސްލާމްދީން ބިނާވެގެންވަނީ މަތިވެރި ދެކަމެއްގެ މައްޗަށެވެ.
ފުރަތަމަކަމަކީ: ﷲތަޢާލާ ފިޔަވާ އެހެންއެއްވެސް ފަރާތަކަށް އަޅުކަން ނުކުރުން
ދެވަނަކަމަކީ: ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އުނގަންނަވާދެއްވި ގޮތަށް މެނުވީ ﷲތަޢާލާއަށް އަޅުކަން ނުކުރުމެވެ. ޝަހާދަތުގެ ދެކަލިމައިން ލާޒިމުކުރާކަމަކީ މިއީއެވެ.
ކީރިތި ޤުރުއާނުގައިވާ އާޔަތަކަށް ބައެއް ޢިލްމުވެރިން އިމްތިޙާނުގެ އާޔަތުގެ ނަމުން ނަންދެއްވައެވެ. އެއީ:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ ” މިއާޔަތެވެ.
މާނައީ :” ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ﷲދެކެ ލޯބިވާކަމުގައިވާނަމަ، ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. އަދި ﷲއީ ފާފަ ފުއްސަވާ އޯގާވަންތަ އިލާހެވެ.”
ޙަސަނުލް ބަޞަރީ އާއި ސަލަފުންގެ އެހެނިހެން ބޭކަލުން މިއާޔަތާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. ބަޔަކުމީހުން އެބައިމީހުން ﷲތަޢާލާ ދެކެ ލޯބިވާކަމަށް ބުނުމުން އެބައިމީހުން ﷲތަޢާލާ މިއާޔަތުން އިމްތިޙާނު ކުރެއްވީއެވެ.
އިމްތިޙާނުކުރެއްވީއޭ ބުނެވޭބަހުގެ މުރާދަކީ ދޮގުވެރިންގެ ތެރެއިން ތެދުވެރިން ވަކިކުރެއްވުމަށްޓަކައި އިމްތިޙާނުކުރެއްވުމެވެ. އެހެނީ ﷲއާއި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވާކަމަށް ބުނާމީހާ އެކަމަށް ހެކިދައްކާ ޘާބިތުކޮށްދޭން ޖެހޭނެއެވެ. އެކަމުގެ ހެއްކަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ތަބާވުމެވެ.
އިބްނު ކަޘީރު ރަޙިމަހުﷲ އިސްވެދިޔަ އާޔަތް ތަފްސީރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
“ﷲތަޢާލާ ދެކެ ލޯބިވާކަމަށް ބުނެ، މުޙައްމަދުގެފާނު ގެންނެވިގޮތައް ތަބާނުވާ ކޮންމެ މީހަކަށް މިބަރަކާތްތެރި އާޔަތް ޙުކުމްކުރެއެވެ. މުޙައްމަދުގެފާނުގެ ޝަރީޢަތާއި ދީނަށް، އޭނާގެ ބަހާއި ޢަމަލުން ތަބާވެއްޖެއުމަށް ދާންދެން އޭނާއަކީ ދޮގުވެރިއެކެވެ. އައްޞަޙީޙްގައި ޘާބިތުވެގެން އައިސްފައިވާ ފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.” مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا، فَهُوَ رَدٌّ ” މާނައީ: :”ތިމަންކަލޭގެފާނު ގެންނެވިގޮތާ ޚިލާފަށް ޢަމަލުކުރާމީހާގެ ޢަމަލުވަނީ އޭނާއަށް ރައްދުވެގެންނެވެ”. މިއާޔަތުގައި فَاتَّبِعُونِي يُحْبِبْكُمُ اللَّهُ، “ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެ”ކަމަށް އައިސްފައިވަނީ އެހެންވެއެވެ. އެބަހީ: ތިޔަބައިމީހުން އެދުނު މިންވަރަށްވުރެވެސް ބޮޑަށް އެކަން ޙާޞިލުވާހުށްޓެވެ. ތިޔަބައިމީހުން އެދުނީ އެއިލާހުދެކެ ލޯބިވުމަށެވެ. ނަމަވެސް އެއިލާހުގެ ލޯބިވެސް އެބައިމީހުންނަށް ޙާޞިލުވާހުށްޓެވެ. އެއީ އެބައިމީހުން ލޯބިވުމަށްވުރެ އަދި މާތްވެގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާފަދައިންނެވެ. “މަތިވެރިވެގެންވަނީ ތިބާ (އެއިލާހުދެކެ) ލޯބިވުމެއް ނޫނެވެ. ނަމަވެސް (ހަޤީޤީ) މަތިވެރިކަމަކީ (އެއިލާހު) ތިބާދެކެ ލޯބިވުމެވެ.”
އެއަށްފަހު – އިސްވެ ބަޔާންކުރެވުނު -ޙަޞަނުލްބަޞަރީގެ ބަސްފުޅާއި އެހެނިހެންވެސް ސަލަފުންގެ ބޭކަލުންގެ ބަސްފުޅުތައް ބަޔާންކުރައްވާފައިވެއެވެ.
=ނުނިމޭ=