الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ވިތުރި ނަމާދު:
ވިތުރި ނަމާދަކީ ސުންނަތަކަން ގަދަވެގެންވާ ނަމާދެކެވެ. އަދި އެނަމާދެއް ކުރުމަށް މާތް ނަބިއްޔާ ﷺ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ނަމާދެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (يَا أَهْلَ القُرْآن أَوْتِرُوا) މާނައީ: “އޭ ޤުރްއާނުގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުން ވިތުރި ކުރާށެވެ.” ވިތުރި ނަމާދުގެ ވަގުތަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދާއި ދެމެދު ކަމަށް ޢިލްމުވެރިން އިޖްމާޢު ވެލައްވައެވެ. ރޭގަނޑުގެ ކުރީބައިގައި ވިތުރި ކުރުމަށްވުރެ، ފަހުބައިގައި ވިތުރިކުރުން ހެޔޮވެގެން ވެއެވެ. އެހެންނަމަވެސް ރޭގަނޑުގެ ފަހުބައިގައި ހޭނުލެވިދާނެކަމަށްހީވާ މީހާއަށް، ރޭގަނޑުގެ ކުރީބައިގައި ވިތުރިކުރުން ސުންނަތް ވެގެންވެއެވެ.
ވިތުރީގެ އެންމެ މަދުމިނަކީ އެއްރަކުޢަތެވެ. ވިތުރީގެ ތިން ރަކްޢަތް ކުރުންވެސް ހުއްދައެވެ. ތިން ރަކްޢަތުން ކުރާއިރު އެއް އައްތަޙިއްޔާތާއި، އެއް ސަލާމުން ވެސް ކުރެވިދާނެއެވެ. ހަމައެހެންމެ ދެއައްތަޙިއްޔާތާއި ދެސަލާމުންވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް ދެއައްތަޙިއްޔާތާއި އެއްސަލާމުން ނުކުރެވޭނެއެވެ. އެއީ މަޣްރިބު ނަމާދާއި އެއްގޮތް ވާތީއެވެ. ވިތުރީގައި ހަތް ރަކްޢަތް ނުވަތަ ފަސް ރަކްޢަތް ކުރުންވެސް ހުއްދައެވެ. އަދި މިގޮތަށް ކުރާއިރު އެއް އައްތަޙިއްޔާތުން ސަލާމް ދިނުމަކީ މާތް ނަބިއްޔާ ﷺ ޢަމަލު ކުރައްވާފައިވާ ގޮތެވެ.
ސުންނަތް ނަމާދު ކުރުން ނަހީވެގެންވާ ވަގުތުތައް:
އިސްތިޘްނާ ވެގެންވާ ސުންނަތް ނަމާދުތައް ފިޔަވައި އެހެން ސުންނަތް ނަމާދުތައް ކުރުން ނަހީ ވެވިގެންވާ ފަސް ވަގުތެއް ވެއެވެ.
- ފަތިސް ނަމާދުފަހުން އިރު އެރުމާއި ދެމެދު.
- އިރުއަރާ ވަގުތު. ލޮންސިއެއްގެ މިންވަރަށް އިރު އަރައިފުމަށް ދާންދެން ނަމާދުކުރުން މަކްރޫހަ ވެގެންވެއެވެ.
- އިރު މެދުޖެހޭ ވަގުތު.
- ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާއި ދެމެދު.
- އިރު އޮއްސޭވަގުތު.
މިފަސް ވަގުތު، ތިން ވަގުތެއްގެ ގޮތުގައިވެސް ބެލެވިދާނެއެވެ. އެއީ ފަތިސް ނަމާދުފަހުން ލޮންސިއެއްގެ މިންވަރަށް އިރު އަރައްޖައުމަށް ދާންދެން، އިރު މެދުޖެހޭ ވަގުތު އަދި ޢަޞްރު ނަމާދަށްފަހު ފުރިހަމައަށް އިރު އޮއްސުމަށް ދާންދެނެވެ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر