ފަހެ، އިންސާނާގެ މައްޗަށް ދެނެގަތުން ވާޖިބު ވެގެންވާ ތިން އަޞްލަކީ ކޮބައިހޭ ބުނެވިއްޖެނަމަ ތިބާ ބުނާށެވެ. އެއީ އަޅާ އޭނާގެ ރައްބު މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ދީނާ އަދި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ މަޢުރިފާކޮށް ދެނެގަތުމެވެ.
ފުރަތަމަ އަޞްލު: ފަހެ ތިބާގެ ގާތުގައި، ތިބާގެ ރައްބަކީ ކޮބައިތޯ އެހިއްޖެނަމަ ބުނާށެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތުން އަހަރެން ހައްދަވާ ގެންގުޅުއްވާ އަދި އެންމެހާ ޢާލަމްތައް ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަދި އެއީ އަހަރެން އަޅުކަންކުރާ ފަރާތެވެ. އެއިލާހު ފިޔަވާ އަޅުކަންކުރާނެ އެހެން ފަރާތެއް އަހަރެންނަކަށް ނުވެއެވެ. އެކަމުގެ ދަލީލަކީ އެއިލާހުގެ މި ވަޙީ ބަސްފުޅެވެ.
الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ([1])
މާނައީ “އެންމެހާ ޙަމްދެއްވަނީ ޢާލަމްތަކުގެ ވެރި ރައްބަށެވެ.”
ﷲ ފިޔަވާ އެހެން ހުރިހާ ތަކެއްޗަކީ ޢާލަމެވެ. އަދި އަހަރެންނަކީ އެޢާލަމުގެ ތެރެއިންވާ އެކަކީމެވެ.
ފިލާވަޅުގެ އިރުޝާދުތައް
* الأُصُوْل އަކީ الأَصْلُ ގެ ގިނަ ގޮތެވެ. الأَصْلُ ގެ މާނައަކީ އޭގެ މައްޗަށް އެހެން އެއްޗެއް ބިނާކުރެވޭ އެއްޗެވެ. މިސާލަކަށް ފާރެއްގެ އަޞްލަކީ އޭގެ އަސާސެވެ. މިތާގައި މިފޮތުގެ މުއައްލިފުމިވަނީ ޖުމްލަގޮތެއްގައި ތިން އަޞްލު ބަޔާންކުރައްވާފައެވެ. އެއަށްފަހުގައި ފަހަރަކު އަޞްލެއް ތަފްޞީލުކޮށް ބަޔާންކުރައްވާނެއެވެ.
* މިތަނުގައި އިޝާރާތްކުރެވިފައިމިވާ ތިން އަޞްލަކީ، އެކަމަކާ ބެހޭގޮތުން ކަށްވަޅުގައި އިންސާނާއާ ކުރެވޭ ސުވާލުތަކެވެ. އެއީ:
ތިބާގެ ރައްބަކީ ކޮން ފަރާތެއް ހެއްޔެވެ؟ އަދި ތިބާގެ ދީނަކީ ކޮބާ ހެއްޔެވެ؟ އަދި ތިބާގެ ނަބިއްޔަކީ ކޮން ބޭކަލެއް ހެއްޔެވެ؟
* އެންމެހާ ޢާލަމްތަކެއް ޚަލްޤުކުރެއްވީ ﷲ ތަޢާލާއެވެ. އެގޮތުން އެންމެހާ މީސްތަކުންނާއި ދިރުމެއްނުވާ ތަކެއްޗާއި ގަސްގަހާ ގެއްސާއި ޖަނަވާރުތަކާ އަދި އެނޫން އެންމެހާ ތަކެތި އެއިލާހު ޚަލްޤުކުރެއްވިއެވެ. އެތަކެއްޗަށް عَالَم ތަކޭ ކިޔުނީ عَلَم އަށް (އެބަހީ: ޢަލާމާތަށް) ނިސްބަށްކޮށެވެ. އެހެނީ އެތަކެއްޗަކީ އެތަކެތި ޚަލްޤުކުރެއްވި ވެރި އިލާހުގެ ޢަލާމާތެކެވެ.
* މީސްތަކުން ދިރިއުޅުމަށް ބޭނުންވާ ކެއުންބުއިމާއި ހެޔޮ ޞިއްޙަތާ އަދި މިފަދަ އެހެނިހެން އެންމެހާ ކަމެއްވެސް ފަހިކޮށްދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
* ޚަލްޤުކުރައްވާ އަދި ރިޒްޤުދެއްވާ ފަރާތަކީ ﷲ ތަޢާލާއެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެހެން ފަރާތްތަކަށް އަޅުކަންނުކޮށް ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމެވެ.
ސުވާލުތައް
- އަޅާ ދެނެގަތުން ވާޖިބު ވެގެންވާ ތިން އަޞްލަކީ ކޮބާ ހެއްޔެވެ؟
- الرَّبُّ ގެ މާނައަކީ ކޮބާ ހެއްޔެވެ؟
- ﷲ އަކީ ހުރިހާ ޢާލަމުތަކެއްގެ ވެރިރައްބުކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
_________________________________________