فَانطَلَقَا حَتَّىٰ إِذَا رَكِبَا فِي السَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرًا ﴿٧١﴾
ފަހެ ، އެ ދެބޭކަލުން ކުރިޔަށްވަޑައިގެން ، ނަވަށް އަރައިވަޑައިގެންނެވި ހިނދު ، އެބޭކަލަކު އެ ނައު ފޫދުއްވާލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ކަލޭގެފާނު އެ ނައު ތިޔަ ފޫދުއްވާލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން ، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ”.
قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٢﴾
އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟”
قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا ﴿٧٣﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު ، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ (މި) ކަންތަކުގައި ދަތިކަމެއް ، އުނދަގުލެއް ނުޖައްސަވާށެވެ!”.
فَانطَلَقَا حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرًا ﴿٧٤﴾
ފަހެ ، އެދެބޭކަލުން ކުރިޔަށް ވަޑައިގަންނަވަނިކޮށް ، ކުޑަފިރިހެން ކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު ، އެބޭކަލަކު އެކުއްޖާ ޤަތުލުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “އެއްވެސް މީހަކު މަރާފައިނުވާ ، ކުށެއްނެތް ، ޠާހިރު ނަފްސެއް ، ކަލޭގެފާނު ތިޔަ ޤަތުލު ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން ، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު މުންކަރާތެކެވެ”.
قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرًا ﴿٧٥﴾
އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟”
قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِن لَّدُنِّي عُذْرًا ﴿٧٦﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “މީގެފަހުން އެއްވެސް ކަމަކާމެދު ، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ ، ކަލޭގެފާނާ އެކުގައި ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް ޢުޛުރެއް ލިބިވަޑައިގެންފިއެވެ”.
فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا ﴿٧٧﴾
ފަހެ، އެ ދެބޭކަލުން ކުރިޔަށް ވަޑައިގަންނަވަމުން ، ރަށެއްގެ އަހުލުވެރިތަކަކާ ހަމަޔަށް ވަޑައިގެންނެވުނު ހިނދު ، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުރިއެވެ. ދެން ، އެރަށުތެރޭން ވެއްޓެން ކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައި ކޮޅަށް ޖައްސަވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ކަލޭގެފާނު ބޭނުންފުޅުނަމަ ، އެކަމަށް އުޖޫރައެއް ކަލޭގެފާނަށް ހިއްޕެވިދާނެއެވެ”.
قَالَ هَـٰذَا فِرَاقُ بَيْنِي وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴿٧٨﴾
އެބޭކަލަކު ވިދާޅުވިއެވެ: “މިއީ ތިމަންކަލޭގެފާނާ ، ކަލޭގެފާނާ ދެމެދުގެ ވަކިވާ ފަހަރެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ ޚަބަރު ތިމަންކަލޭގެފާނު ، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.
أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴿٧٩﴾
އެ ނަވާ މެދު ދަންނައެވެ! ފަހެ ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބަޔެއްގެ ނަވަކަށެވެ. ފަހެ ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަޞްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް ފޭރިގަންނަ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ.
وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ﴿٨٠﴾
އަދި އެ ފިރިހެން ކުއްޖާއާ މެދު ދަންނައެވެ! ފަހެ ، އޭނާގެ މައިންބަފައިންވީ ދެ މުއުމިނުން ކަމުގައެވެ. ފަހެ ، (އެދެމަފިރިންގެ ހިތުގައި އެކުއްޖާއަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އެކުއްޖާ މާތް اللّه އަށް ކާފިރުވުމަށް ފަހުގައި އެކުއްޖާގެ ސަބަބުން) އެދެމަފިރިން (ވެސް) اللّه އަށް އުރެދި ކާފިރުވެދާނެތީ ތިމަންކަލޭގެފާނު ބިރުގަތީއެވެ.
فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا ﴿٨١﴾
ފަހެ ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ ، އެ ދެމަފިރިންގެ ވެރިރަސްކަލާނގެ ، އެކުއްޖާއަށްވުރެ ދީންވެރި ހެޔޮލަފާ އަދި އޯގާތެރިކަންބޮޑު ކުއްޖަކު އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.
…