[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢީސާ ޢަލައިހިއްސަލާމްއަކީ އިލާހެއްނޫނެވެ.

ނަޞާރާ ދީނަކީޢީސާ ޢަލައިހިއްސަލާމް އުޑަށް އުފުއްލެވުމާއި ގުޅިގެން  ބާޠިލް  ޢަޤީދާއެއްގެ މައްޗަށް ބިނާވެގެން  މި ބިންމަތީގައި އުފެދުނު ބާޠިލް ދީނެކެވެ. މި ދީނުގެ އަހުލުވެރީން ޤަބޫލުކުރާގޮތުގައި ޢިސާ ޢަލައިހިއްސަލާމްއަކީ މާތްﷲ ގެ ދަރިކަލެކެވެ. ނުވަތަ އިލާހެކެވެ. ނުވަތަ އެއީ 3 އިލާހުން ކުރެ އިލާހެކެވެ.

އިސްލާމްދީނުގެ ފުރިހަމަ ޢަޤިދާގެ އަހުލުވެރީން ކަމުގައިވާ ސުންނަތް ޖަމާޢަތުގެ އަހުލުވެރީންގެ ޢަޤިދާގައިވާ ގޮތުން ޢީސާ އަލައިހިއްސަލާމް އަކީ އިލާހެއްނޫނެވެ. ނުވަތަ 3 އިލާހުން ކުރެ އިލާހެއްވެސް ނޫނެވެ. އެހެނަސް ޢީސާ ޢަލައިހިއްސަލާމް އަކީ މާތްﷲ ގެ އަޅާއެވެ. އަދި އެހެންމެ އެއީ އެކަލާނގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދިނުމަށްޓަކައި މާތްﷲ ފޮނުއްވި ރަސޫލެއްވެސްމެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ މިކަން ބަޔާން ކުރައްވައިފައެވެ.

مَّا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ …. ﴿٧٥   سورة المائدة

މާނައީ: ” رسول އަކު ކަމުގައި މެނުވީ مريم ގެފާނުންގެ ދަރިކަލުން المسيح ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ.

އިސްވެ ބަޔާންވެދިޔަ އާޔަތުގައި ވަރަށް ޞަރީޙަކޮށް ޢީސާ ޢަލައިހިއްސަލާމް އަކީ ރަސޫލެއްކަން މާތްﷲ ބަޔާން ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން އެކަލޭގެފާނަކީ އިލާހެއް ނޫންކަން ވަރަށް ރަގަޅަށް ސާބިތުވެގެންދެއެވެ. ސަބަބަކީ އާޔަތުގައި ޢީސާ ޢަލައިހިއްސަލާމްއާއި އެކަލޭގެފާނުގެ މަންމާފުޅު ފަރީއްކުޅެއްވި ވާހަކަ ބަޔާންވެގެންވާތީއެވެ. އިލާހަކީ އެއްވެސް ކެއުމަކަށް އަދި ބުއިމަކަށް ބޭނުންވެ ވޮޑިގެންވާނެ ފަރާތެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިލާހަކީ އެއްވެސް ޙާލެއްގައި އެ އިލާހުގެ މަޚްލޫގުންނާއި ވައްތަރުވެވިގެންވާނޭ އިލާހެއް ނުމެނޫނެވެ. އެހެންކަމުން ޢީސާ ޢަލައިހިއްސަލާމް ފަރީއްކުޅުއްވި ވާހަކަ އިސްވެދިޔަ އާޔަތުގައި ބަޔާންވެ އޮތުމުން، ޢީސާ ޢަލައިހިއްސަލާމް އަކީ އިލާހެއްނޫން ކަމާއި އެއީ އިލާހުގެ މަޚްލޫޤެއްކަމުގެ ދަލީލު ލިބި އެކަން އިތުރަށް ސާބިތު ވެގެންދެއެވެ.

މާތްﷲ ވަޙީ ކުރައްވައެވެ.

إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ ﴿٥٩ سورة الزخرف

މާނައީ: “ ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް نعمة ދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި إسـرآءيـل ގެދަރިންނަށް عبرة އެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ.

މި އާޔަތުންވެސް ވަރަށް ޞަރީޙަކޮށް ޢިސާ ޢަލައިހިއްސަލާމް އަކީ ނިޢުމަތް ލިބިގެންވާޙާލު ދިރިހުންނެވި އާދަމުގެ ދަރިއެއްކަން އަޅުގަނޑުމެންނަށް  އެނގިގެންދެއެވެ.

 ވީމާ ޢިސާ ޢަލައިހިއްސަލާމް އަކީ ﷲ ކަމުގައި ނުވަތަ އެއީ ﷲ ގެ ދަރިއެއްކަމުގައި ނުވަތަ އެއީ 3 އިލާހުންކުރެ އިލާހެއްކަމުގައި ދަޢުވާ ކޮށްފިމީހާ ވަނީ ކާފަރުވެގެންނެވެ. މިކަން އަންނަނިވި އާޔަތްތަކުން އަޅުގަނޑުމެންނަށް ސާބިތެވެ.

މާތްﷲ ވަޙީ ކުރައްވަނީ

لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ اللَّـهِ شَيْئًا إِنْ أَرَادَ أَن يُهْلِكَ الْمَسِيحَ ابْنَ مَرْيَمَ وَأُمَّهُ وَمَن فِي الْأَرْضِ جَمِيعًا ۗ وَلِلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَاءُ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٧ سورة المائدة

މާނައީ: ” ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުންގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) އާއި، އެކަލޭގެފާނުގެ މައިކަނބަލުންނާއި، ބިމުގައިވާހައި ބަޔަކު ނެތިކުރެއްވުމަށް اللَّه އިރާދަކުރައްވައިފިނަމަ، اللَّه ގެ އިރާދަފުޅާ ދެކޮޅަށް ކަމެއް ކުރުމަށް އެއްވެސް ބާރެއް ލިބިގެންވަނީ ކާކަށްހެއްޔެވެ؟ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ހައްދަވަތެވެ. އަދި اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

ކަން އޮތީ މިހެންކަމުގައި ވީނަމަވެސް، ނަޞާރާ ދީނުގެ އަހުލުވެރީންވަނީ ޢީސާ ޢަލައިހިއްސަލާމްއަށް އުލޫޙިއްޔަތުގެ ދަރަޖަދީފައެވެ. އެމީހުން ދެކޭގޮތުގައި ޢީސާ ޢަލައިހިއްސަލާމް އަކީ ތިން އިލާހުންކުރެ އިލާހެކެވެ. އެހެންނަމަވެސް ޢީސާ ޢަލައިހިއްސަލާމް ގޮވައިލެއްވީ ތައުޙީދަށްކަމާއި އަޅުކަން ކުރުން ޙައްޤު ފަރާތަކީ މާތްﷲ ކަމާއި އަދި ހަމަ އެހެންމެ އެފަރާތަށް އަޅުކަންކުރުމަށް ޢީސާ ޢަލައިހިއްސަލާމް މީސްތަކުންނަށް އަމުރުކުރައްވާފައިވެއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވަނީ

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿٧٢﴾ لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّا إِلَـٰهٌ وَاحِدٌ ۚ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ ﴿٧٣ سورة المائدة

މާނައީ: ” ހަމަކަށަވަރުން، اللَّه އީ، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު) ކަމަށް ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އަދި المسيح ވިދާޅުވިއެވެ. އޭ إسـرآءيـل ގެދަރިންނޭވެ! އަހުރެންގެ ވެރިރަސްކަލާނގެ، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرام ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.  ހަމަކަށަވަރުން، اللَّه އީ، ތިން إله ންކުރެ إله އެކޭ ބުނި މީހުން كافر ވެއްޖެކަން ކަށަވަރެވެ. އެއްކައުވަންތަ إله މެނުވީ، އެހެން إله އަކު ނުވެއެވެ. އެއުރެން އެބުނާ ބުނުން ހުއްޓާނުލިނަމަ، ހަމަކަށަވަރުން، އެއުރެންގެ ތެރެއިން كافر ވި މީހުންނަށް ވޭންދެނިވި عذاب ލިބޭނެކަން ކަށަވަރެވެ.

ވީމާ ޢިސާ ޢަލައިހިއްސަލާމް އުލޫޙިއްޔަތުގެ ދަރަޖައަށް އުފުލައިގެން އުޅޭ ނަޞާރާއީންގެ ދަޢުވާއަކީ ބާޠިލް ދަޢުވާއެކެވެ. އަދި އެއީ އެއްވެސް ތާކުންތާކުނުޖެހޭ ބުއްދި ޤަބޫލުނުކުރެވޭ ދޮގު ދަޢުވާއެއްވެސްމެއެވެ.