7. ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން:
ފާޅުވެފައިވާ ޢަލާމާތްތަކުގެ ތެރޭގައި، ނަބީކަމަށް ދަޢުވާކުރާ ކައްޒާބުން (ދޮގުވެރީން) ފާޅުވުން ހިމެނެއެވެ. އެއީ ގާތްގަނޑަކަށް ތިރީހަކަށް ކައްޒާބުންނެވެ. އޭގެތެރެއިން ބަޔަކު ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައާއި ޞަޙާބީންގެ ޒަމާނުގައި ފާޅުވިއެވެ. އަދި އެބައިމީހުން ފާޅުވޭވެހުރުން ހުއްޓުމަކަށް ނާދެތެވެ.
އަދި ޙަދީޘްތަކުގައި ކަނޑައެޅިފައިވާ [ނަބީކަމަށް ދަޢުވާކުރުމުގެ] މުރާދަކީ ނަބިއްޔެއްކަމުގައި ދަޢުވާކުރާ ކޮންމެ މީހެއް ނުމެނޫންމެއެވެ. ފަހެ އެފަދަމީހުން ގުނައި ޢަދަދު ނުކުރެވޭހާ ގިނައެވެ. އަދި އޭގެ މުރާދަކީ އެމީހަކަށް ތާއީދު ކުރާމީހުން ގިނަވެ މީސްތަކުން ތެރޭ މަޝްހޫރުވެ، ދަރަޖަ ލިބިފައިވާ މީހުން އެކަންޏެވެ.
ފަހެ ދެ ޞަޙީޙުގައި، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައިވާތީ ވެއެވެ. ޙަދީޘްކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يُبْعَثَ دَجَّالُونَ كَذَّابُونَ قَرِيبٌ مِنْ ثَلاَثِينَ، كُلُّهُمْ يَزْعُمُ أَنَّهُ رَسُولُ اللهِ))[1] މާނައީ: “ދޮގުވެރި ދައްޖާލުންގެ ތިރީހަކަށް މީހުން ފޮނުއްވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. އެއެންމެން ވެސް ދަޢުވާކުރަނީ އޭނާއީ ﷲގެ ރަސޫލާ ކަމުގައެވެ.”
އަދި ثَوْبَان رضي الله عنه ގެ އަރިހުން [ރިވާވެގެން] ވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالمُشْرِكِينَ، وَحَتَّى يَعْبُدُوا الأَوْثَانَ، وَإِنَّهُ سَيَكُونُ فِي أُمَّتِي ثَلَاثُونَ كَذَّابُونَ، كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ، وَأَنَا خَاتَمُ النَّبِيِّينَ، لَا نَبِيَّ بَعْدِي))[2] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު މުޝްރިކުންނާ ގުޅި އަދި ބުދަށްއަޅުކަން ކޮށްފުމަށްދާންދެއް ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ އުއްމަތުގައި ތިރީސް ކައްޒާބުން ވާނެކަން ކަށަވަރެވެ. އެއެންމެންވެސް ދަޢުވާކުރަނީ އެއީ ނަބިއްޔެއް ކަމުގައެވެ. ތިމަންކަލޭގެފާނީ ނަބީކަން ޚަތަމްކުރެއްވި ކަލޭގެފާނެއެވެ. ތިމަންކަލޭގެފާނަށް ފަހުގައި ނަބިއްޔަކު ނުވެއެވެ.”
މިދައްޖާލުން ފާޅުވުމާ ބެހޭގޮތުން ހުރި ޙަދީޘްތައް ގިނަގުނައެވެ. އަދި ثَوْبَان [ރިވާކުރައްވާފައިވާ] ޙަދީޘްގައި ވާފަދައިން އެއީ ތިރީސްކަމުގައި ކަނޑައެޅިފައިވާ ޙަދީޘްތައް ވެއެވެ. އަދި ދެޞަޙީޙުގައި ވާފަދައިން އެއީ ގާތްގަނޑަކަށް ތިރީސްކަމުގައިވެސް ވެއެވެ. ޘައުބާންގެ ރިވާޔަތުގައި ވަނީ އެންމެ ފުރިހަމަ މިންވަރު ކަމުގައި ބެލެވެއެވެ.[3]
މިތިރީސްމީހުންގެ ތެރެއިން ފާޅުވެފައިވާ މީހުންގެ ތެރޭގައި، مُسَيْلَمَةُ الْكَذَّاب ހިމެނެއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގެ ފަހުކޮޅުގައި، އެކަލޭގެ ނަބީކަމަށް ދަޢުވާ ކުރިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އޭނާއަށް [ސިޓީއެއް] ލިއުއްވެވިއެވެ. އަދި مُسَيْلَمَةُ الْكَذَّاب ގެ ނަމުން އޭނާއަށް ނަންދެއްވިއެވެ. ދެންފަހެ އޭނާއަށް ތަބާވާ މީހުން ގިނަވެ އޭނާގެ ނުބައިކަން މުސްލިމުންނަށް ބޮޑުވެއްޖެއެވެ. أَبُوْبَكرُ الصِّدِّيْق رضي الله عنه ގެ ވެރިކަމުގައި ހިނގި މަޝްހޫރު ޔަމާމާ ހަނގުރާމާގައި އަޞްޙާބުބޭބަކަލުން އެކަލޭގެ ކަންތައް ނިންމައިފޫއެވެ.
ހަމައެފަދައިން الأَسْوَدُ الْعَنَسِي ޔަމަނުން ފާޅުވިއެވެ. އަދި ނަބިއްޔެއްކަމުގައި އެކަލޭގެ ދަޢުވާކުރުމުން ފަހެ އަޞްހާބު ބޭކަލުން އެކަލޭގެ ޤަތުލުކުރެއްވޫއެވެ. [އެއީ] ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިންނެވެ.
އަދި سَجَّاح [ކިޔުނު އަންހެނަކު] ފާޅުވިއެވެ. އަދި އޭނާ ނަބީކަމަށް ދަޢުވާކޮށް މުސައިލިމާއާ ކައިވެނި ކުރިއެވެ. އޭގެފަހުގައި [މުސައިލިމާ] ޤަތުލު ކޮށްލެވުމުން އެއަންހެނާ އިސްލާމް ދީނަށް އެނބުރުނެވެ.
އަދި طُلَيْحَة بن خُوَيْلد الأَسَدِي ގެ ވާހަކަ ވެއެވެ. [ނަބީކަމަށް ދަޢުވާކޮށް] އެއަށްފަހު އޭނާ އިސްލާމް ދީނާށް ރުޖޫޢަވެ ހެޔޮގޮތުގައި ވިއެވެ.
ދެން އަށްފަހު ފާޅުވީ مُخْتَار بن أَبِي عُبَيْد الثَّقَفِي އެވެ. އަދި އަހުލު ބައިތުންނަށް ލޯބިވާކަމުގައި އޭނާ ފާޅުކޮށް ޙުސައިނުގެފާނުގެ މަރުގެ ދިޔައަށް އެދުނެވެ. އޭނާއަށް ތަބާވާ މީހުން ނިކަން ގިނައެވެ. އަދި ޒުބައިރުގެފާނު ދަރިކަލުންގެ ވެރިކަމުގެ ކުރީކޮޅުގައި ކޫފާއަށް ވެރިވެގަތެވެ. އެއަށްފަހު އޭނާގެ މައްޗަށް ޝައިޠާނާ ސަވާރުވެ ފަހެ އޭނާއީ ނަބިއްޔެއް ކަމަށާއި އޭނާގެ ގާތަށް ޖިބުރީލުގެފާނު ވަޑައިގަންނަވާ ކަމުގައި ދަޢުވާ ކުރިއެވެ.
މީނާވަނީ ދައްޖާލުންގެ ތެރެއިން ކަމުގައި ބާރުގަދަކޮށްދެނީ، ކައްޒާބުންގެ ވާހަކަ ޛިކުރުކޮށް ދެޞަޙީޙުގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެފައިވާ ޙަދީޘަށްފަހު އަބޫދާވޫދު ރިވާކުރައްވާފައިވާ މި ރިވާޔަތުންނެވެ. ((عَنْ إبْرَهِيْم النَّخَعِيْ أَنَّهُ قَالَ لِعُبَيْدَة السَّلْمَانِي[4]: أَتَرَى هَذَا مِنْهُم -يَعْنِي: المُخْتَار-؟ قَالَ: فَقَال عُبَيْدَة: أَمَّا إِنَّهُ مِنَ الرُّؤُوْس))[5] މާނައީ: “عُبَيْدَة السَّلْمَانِي އަރިހުގައި إبْرَهِيْم النَّخَعِي ދެންނެވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. މީނާވަނީ އެބައިމީހުންގެ ތެރެއިން ކަމުގައި ދެވަޑައިގަންނަވަންތޯއެވެ؟ -އެބަހީ: މުޚްތާރުވަނީ [ތިރީސްމީހުންގެ] ތެރޭގަ ހެއްޔެވެ.- ވިދާޅުވިއެވެ. ޢުބައިދާ ވިދާޅުވިއެވެ. ހަމަކަށަވަރުން އޭނާވަނީ އެބައިމީހުންގެ ރައީސުންގެ ތެރެއިންކަން ދަންނައެވެ.”
އަދި ފަހުގެ ތާރީޚެއްގައި مِيْرزَا أَحْمَدُ الْقَادِيَانِي ހިންދު ކަރައިން ފާޅުވިއެވެ. އަދި އޭނާއީ ނަބިއްޔެއް ކަމަށާ އިންތިޒާރު ކުރެވެމުންދާ މަސީޙަކީ އެއީ ކަމުގައާއި ޢީސާގެފާނު އުޑުގައި ދިރިނެތް ކަމުގައި އޭނާ ދަޢުވާ ކުރިއެވެ. ….އަދި މިނޫންވެސް އެތައް ބާޠިލު ދަޢުވާތަކެކެވެ. އޭނާއަށް ތަބާވެ ނަޞްރުދޭނޭ ބަޔަކު ވިއެވެ. އެތައް ޢިލުމުވެރިއަކު އެކަލޭގެ ކިބައިން ބަރީއަވެ ރައްދު ދެއްވިއެވެ. އަދި އެއީ ދައްޖާލުންގެ މީހެއް ކަމުގައި ބަޔާންކޮށްދެއްވިއެވެ.
އަދި އެމީހުންގެ ތެރޭގައި الحَارث الكَذَّاب ހިމެނެއެވެ. އޭނާފާޅުވީ ޢަބްދުލްމަލިކް ބިން މަރުވާންގެ ޚިލާފަތުގައެވެ. ފަހެ އޭނާވެސް ޤަތުކޮށްލެއްވުނެވެ.
އަދި ބަނޫ ޢައްބާސްގެ ޚިލާފަތުގެ ދުވަސްވަރުގެ ޖަމާޢަތެއްގެ ބަޔަކު ފާޅުވިއެވެ.[6]
މިދައްޖާލުން އެކަކަށްފަހު އަނެކަކު ފާޅުވުން މެދުކަނޑައިގެން ނުދާނެތެވެ. އެބައިމީހުންގެ ފަހުމީހަކަށް ލޯއަވަރު ދައްޖާލު ފާޅުވެއްޖައުމަށް ދާންދެނެވެ. ފަހެ سَمُرَة بن جُنْدَب رضي الله عنه ގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އިރުކޭތަ ހިފި ދުވަހުގެ ޚުޠުބާގައި އެކަލޭގެފާނު ޙަދީޘްކުރެއްވިކަން ކަށަވަރެވެ. ((وَإِنَّهُ -وَاللهِ- لَا تَقُوْمُ السَّاعَة حَتَّى يَخْرُجَ ثَلَاثُوْن كَذَّابًا، آخِرهُم الأَعْوَر الكَذَّاب))[7] މާނައީ: “ހަމަކަށަވަރުން -ﷲ ގަންދީ ހުވައި ކުރައްވައި [ޙަދީޘްކުރައްވަމެވެ.]- ތިރީސް ކައްޒާބުން ފާޅުވެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ. އެމީހުންގެ ފަހުމީހަކީ ލޯއަވަރު ކައްޒާބެވެ.”
މި ކައްޒާބުންގެ ތެރޭގައި ހަތަރު އަންހެނުން ހިމެނެއެވެ. ޙުޛައިފާ رضي الله عنه ގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރައްވާފައިވާ ވެއެވެ. ހަމަކަށަވަރުން ﷲގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((فِي أُمَّتِي كَذَّابُونَ وَدَجَّالُونَ سَبْعَةٌ وَعِشْرُونَ، مِنْهُمْ أَرْبَعُ نِسْوَةٍ، وَإِنِّي خَاتَمُ النَّبِيِّينَ، لَا نَبِيَّ بَعْدِي))[8] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައި ދޮގުވެރި ދައްޖާލުންގެ ހަތާވީސް މީހުން ވެއެވެ. އޭގެތެރޭގައި ހަތަރު އަންހެނުން ވެއެވެ. ހަމަކަށަރުން ތިމަންކަލޭގެފާނީ ނަބީކަން ޚަތަމް ކުރެއްވި ކަލޭގެފާނެވެ. ތިމަންކަލޭގެފާނަށް ފަހުގައި ނަބިއްޔަކު ނުވެއެވެ.”
__________________________________________
[1] ((صحيح البخاري))، كتاب المناقب، باب علامات النبوة، (6 / 616 – مع الفتح)، و ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 45 – 46 – مع شرح النووي).
[2] ((سنن أبي داود)) (11 / 324 – مع عون المعبود)، و((الترمذي)) (6 / 466 – مع تحفة الأحوذي)، وقال: ((هذا حديث صحيح)).
[3] ބައްލަވާ: ((فتح الباري)) (13 / 87).
[4] [އެއީ] عُبَيدَة السَّلْمَانِي المرَادي އެވެ. ކުފާގެ ފަޤީހެކެވެ. އަދި މުފްތީއެވެ. އިސްލާމްވީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައެވެ. އަދި ޢަލީގެފާނާއި އިބްނު މަސްޢޫދާ އޭނާ ބައްދަލުވެފައި ވެއެވެ. އޭނާއާމެދު ޝަޢުބީ ވިދާޅުވިއެވެ. ((كَانَ يُوازي شرِيْحًا فِي الْقَضَاء)). “ޙުކުމް ކުރެއްވުމުގައި އެއީ ޝުރައިޙު[އަލްޤާޟީ] ފަދަ ބޭފުޅެކެވެ.”
[5] ((سنن أبي داود)) (11 / 486 – مع عون المعبود).
[6] [ބައްލަވާ:] ((فتح الباري)) (6 / 618)
[7] ((مسند أحمد)) (5 / 16 – بهامشة منتخب كنز العمال).
[8] ((مسند أحمد)) (5 / 396)، وهو صحيح.
ބައްލަވާ: ((صحيح الجامع الصغير)) (4 / 97) (ح 4134).
وقال الهيثمي: ((رواه أحمد، والطبراني في ((الكبير)) و ((الأوسط))، والبزار، ورجال البزار رجال الصحيح)) ((مجمع الزوائد)) (7 / 332).