الحمد لله رب العالمين والصلاة والسلام على أشرف المرسلين وبعد:
އިސްލާމްދީނުގައި ކައިވެނީގެ އަޤުދަކީ، ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން އަޤުދުކުރެވޭ އަޤުދެކެވެ. ކައިވެނި އަޤުދު ކުރުމަށްފަހު، އެކައިވެނި ރޫޅިގެންދާފަދަ ހުރިހާ ކަމެއް، ކައިވެންޏެއް ކުރުމުގެ ކުރިން އިސްލާމްދީން މަނާކުރެއެވެ. އެގޮތުން ކައިވެނި ކުރާފަރާތުން ކައިވެނި ކުރެވޭފަރާތަށް ބަލާލުމަކީ ދީނުގައި ބާރުއަޅާ ކަމެކެވެ. އެއީ ކައިވެނިކުރާ އަންހެނާއާއި ފިރިހެނާވެސް މެއެވެ. އޭގެ ސަބަބުން ކައިވެނި ކުރުމުގެ ކުރިން ތިމާއަށް ކައިވެނި މިކުރެވެނީ، ތިމާ ހިތްއެދޭ ކަހަލަ މީހަކާކަން އެނގިގެނދެއެވެ.
މިކަމާބެހޭގޮތުން ވާރިދުވެގެންވާ ބައެއް ޙަދީޘްތައް
މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“إِذَا خَطَبَ أَحَدُكُمُ الْمَرْأَةَ، فَإِنْ اسْتَطَاعَ أَنْ يَنْظُرَ مِنْهَا إِلَى مَا يَدْعُوهُ إِلَى نِكَاحِهَا، فَلْيَفْعَلْ “[1]
މާނައީ: “ތިޔަބައިމީހުންގެ މީހަކު އަންހެނަކާއި ކައިވެނިކުރުމަށް ހުށަހަޅައިފިނަމަ އޭނާއަށް ވާނަމަ އެ އަންހެނާއަށް ބަލައިލާ ހުށިކަމެވެ. އެއީ އެކަމުގެ ސަބަބުން އެކަނބުލޭގެއާ ކައިވެނިކުރުމަށް ބާރުއެޅޭ ކަމަކަށް ވާތީއެވެ.”
މާތްﷲ ރުއްސުންލެއްވި މުޣީރަތު ބިން ޝުޢުބާ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު (މުޣީރަތު ބިން ޝުޢުބާ) އަންހެނަކާ ކައިވެނިކުރުމަށް ހުށަހެޅިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
” انْظُرْ إِلَيْهَا، فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا “[2]
“އެކަނބުލޭގެއަށް ބަލައިލާށެވެ! އޭގެސަބަބުން ތިޔަދެކަނބަލުންގެ ދެމެދުގައި (ކައިވެނި) ދެމިގެން ދިއުމަށް ބާރުލިބިގެންދާނެއެވެ.”
އަދިވެސް މާތްﷲ ރުއްސުންލެއްވި މުޣީރަތު ބިން ޝުޢުބާ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އަހަރެމެން ތިބީމުއެވެ. އެވަގުތު އެތަނަށް މީހަކު އައެވެ. އަދި އެމީހާ އަންޞާރީ ބޭކަނބަލުންކުރެ ބޭކަނބަލަކާ ކައިވެނިކުރަން އުޅޭކަމުގެ ޚަބަރު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށް ދެއްވިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
” أَنَظَرْتَ إِلَيْهَا قَالَ لَا قَالَ فَاذْهَبْ فَانْظُرْ إِلَيْهَا فَإِنَّ فِي أَعْيُنِ الْأَنْصَارِ شَيْئًا”[3] “
ތިބާއޭނާއަށް ބެލީމު ހެއްޔެވެ؟” އޭނާ ބުންޏެވެ. “ނޫނެކެވެ.” އެކަލޭގެފާނު ދެން ޙަދީޘްކުރެއްވިއެވެ. ތިބާ ގޮސް އެކަނބުލޭގެއަށް ބަލާށެވެ. ފަހެ ހަމަކަށަވަރުން އަންޞާރީންގެ އަންހެންކަނބަލުންގެ ލޮލުގައި ގޮތެއް ހުރެއެވެ.”
ޚިތުބާ ކުރެވިފައިވާ އަންހެނާއަށް ބެލުމުގައި، ބަލަންވީމިންވަރާމެދު ޢިލްމުވެރިންގެ މެދުގައިވާ ޚިޔާލް ތަފާތުވުން
ފުރަތަމަ ރަޢުޔު
ޡާހިރީ މަޛުހަބު: ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ތެރެއިން ދާވޫދުއްޡާހިރީ ވިދާޅުވެފައިވެއެވެ.
“يجوز النظر إلى جميع البدن”[4]
މާނައީ “އަންހެނާގެ މުޅި ހަށިގަނޑަށް ބެލުން ހުއްދަވެގެންވެއެވެ”
އަލްއިމާމް އައުޒާޢީ ވިދާޅުވެފައިވެއެވެ.
“ينظر إلى مواضع اللحم.“[5]
މާނައީ: “އަންހެނާގެ މަސްޖަހާފައިވާ ގުނަވަންތަކަށް ބެލުން ހުއްދަވެގެންވާކަމެކެވެ.”
ދެވަނަ ރަޢުޔު
ޙަނަފީ މަޛުހަބު: ޙަނަފީ މަޛުހަބުގައި ބެލުން ހުއްދަވެގެންވަނީ މޫނަށާއި، ދެއަތްތިލައަށާއި، ދެ ފައިތިލައަށެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި، އަންހެނާ ހުންނަގޮތް ދެނެގަނެވޭ މިންވަރަށް ބެލުންހުއްދައެވެ. އަދި ވިދާޅުވެފައިވެއެވެ. އުންމަތުގެ ބައެއް ޢިލްމުވެރިން ދެއަތްތިލައާއި، ދެފައިތިލަ ބެލުން މަނާކުރެއެވެ. އެހެންނަމަވެސް ޙަނަފީ މަޛްހަބަކީ މެދުމިނުގެ މަޛްހަބެކެވެ. (އެބަހީ ދެއަތްތިލަ އާއި ދެފައިތިލަ ދެއްކުން އެއީ އެބޭފުޅުން ދެކެވަޑައި ގަންނަވާގޮތުގައި މެދުމިނެވެ.)[6] އަދި އިމާމް އަބޫޙަނީފާ ފައިތިލައަށް ބެލުން ހުއްދަކުރެއެވެ.[7]
ތިންވަނަ ރަޢުޔު
ޙަންބަލީ މަޛުޙަބު: ޙަންބަލީ މަޛްހަބުގައި ބެލުން ހުއްދަވާ މިންވަރަކީ، އަންހެނާ މަސައްކަތްކުރަން ހުންނައިރު އެ ފާޅުވާ މިންވަރެވެ. އެއީ 6 ގުނަވަނެކެވެ. އެއީ މޫނާއި، ކަނދުރާ އާއި، އަތާއި، ފައިތިލައާއި، ކުޑަކަޅުވާއާއި އަދި ބޮލެވެ. މިއީ މި މަޒުޙަބުގެ އެންމެ ރާޖިގުވެގެންވާ ރަޢުޔެވެ.[8]
ހަތަރުވަނަ ރަޢުޔު
މާލިކީ މަޛްހަބުގެ ރަޢުޔު: މާލިކީ މަޛްޙަބުގައި ޢައުރަ ގުނަވަންތައް ފިޔަވާ އެހެން ތަންތަން ބެލުން ހުއްދައެވެ. އެއީ މޫނާއި ދެ އަތްތިލައެވެ. އަދި އެބަލާބެލުމުގައި ނާޖާއިޒް ފައިދާނެގުން ހުއްދަވެގެންނެއް ނުވެއެވެ. އެބަލާ ބެލުން އަމިއްލައަށްވެސް ބެލިދާނެއެވެ. އަދި އަންހެނާއާ ގުޅުން ހުންނަމީހެއްގެ ފަރާތުންވެސް ދެނެގަނެވިދާނެއެވެ. (އެބަހީ: ނުފެނުނަސް އޭނާގެ ސިފަ އެހެންމީހަކުލައްވާ ބަލުވާފައި ސިފަކިޔާދިނުން) އަދި މޫނާއި ދެ އަތްތިލައަށްވުރެ އިތުރަށް ބެލުން ހުއްދައެއް ނޫނެވެ.[9]
ފަސްވަނަ ރަޢުޔު
ޝާފިޢީ މަޛްހަބުގެ ރަޢުޔު: ޝާފިޢި މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޚިތުބާ ކުރުމުގެ ކުރިން އަންހެނާ އަށް ބަލާލުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ޚިތުބާ ކުރަންއުޅޭ އަންހެނާއަށް ބަލަންވާނީ އެއަންހެނާއަށާއި، އޭނާގެ އާއިލާއަށް އެގުންނުވާ ގޮތެއްގެމަތިންނެވެ. އެއީ އެއަންހެނާއާއި އޭނަގެ އާއިލާގެ ހުރުމަތާއި ކާރާމަތަށްޓަކައެވެ. އަދި އަންހެންމީހާގެ ހުއްދަޔާއިލައިގެންވެސް އަދި ހުއްދަނެތަސް ބެލިދާނެއެވެ.[10] އަދި ބެލުން ހުއްދަވާ މިންވަރަކީ މޫނާއި އަތެވެ.[11]
ރާޖިޙުވެގެންވާ ގޮތް
ފިރިހެނުން އަންހެނުންނަށް ބެލުމުގެ ޙުކުމުގެ އަޞްލަށް ރުޖޫޢަވާއިރު، އެއީ ޙާޖަތެއް ނެތްނަމަ ހުއްދަކަމެއްނޫނެވެ. އެއީ މޫނަށްވިޔަސް އަދި ދެއަތްތިލަ އަށް ވިޔަސް މެއެވެ. އެހެނީ މުއުމިނުންނަށް އަމުރުވެވިގެންވަނީ ބެލުންތައް ތިރިކުރުމަށެވެ. އަންހެނުންނަށް ނުބެލުމަށެވެ. ޚިޠުބާގައި ބެލުމަށް ދެވޭ ހުއްދައަކީ އެކަމުގައި އެކުލެވިގެންވާ ޙާއްޖަތަކަށްޓަކައި ދަލީލުތަކަކުން ބާރުލިބިގެން ދެވޭ ވަކި ޚާއްޞަ ހުއްދައެކެވެ.
އަންހެނާގެ މުޅިހަށިގަނޑައަށް ބެލުން ހުއްދަކަމަށްބުނާ ޡާހިރީ މަޛުހަބުގެ ރަޢުޔަކީ ޤަބޫލުކުރެވޭނެ ރަޢުޔެއްނޫނެވެ. އަދި އެރަޢުޔަށް ޢަމަލުކުރުމަކީ މަގުފުރެދުމެކެވެ. ހުއްދަވެގެންވާނެކަމެއް ނޫނެވެ. އެހެނީ އެރަޢުޔަކީ ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި، ސަލަފުއްޞާލިހުންގެ މަންހަޖާއި މުޅިން ޚިލާފުވެގެންވާ ރަޢުޔެކެވެ. މިއީ މުންކަރު އަދި ޝާޒު ރަޢުޔެކެވެ. އަދި މިއީ ފަސާދައަށް މަގުފަހިކުރުވަނިވި ރަޢުޔެކެވެ.
ޙަނަފީ މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުން ދެފައި ތިލައަށްވެސް ބެލިދާނެއެވެ. އެހެނީ ޙަނަފީ މަޛްޙަބުގައި ދެފައިތިލައަކީ ޢައުރައެއް ނޫނެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެއީވެސް ޢައުރައެކެވެ.
ޙަންބަލީ މަޛްޙަބު ބުނާގޮތުން، ބެލުމަށްޓަކައި ވަކި ޚާއްޞަ 6 ގުނަވަނެއް ޛިކުރު ކުރަށްވާފައިވެއެވެ. ނަމަވެސް އެއްވެސް ޞައްޙަ ޙަދީޘަކުން ވަކި ޚާއްޞަ 6 ގުނަވަނަކަށް ބެލުމަކަށް އައިސްފައެއްނެތެވެ. އެބޭފުޅުން ދަލީލަކަށް ގެންނަވަނީ ޢުމަރުގެފާނު ޢަލީގެފާނުގެ ދަރިކަލުންނާއި ކައިވެނިކުރުމަށް ހުށަހެޅިކަމަށް ބުނާ އަޘަރެވެ. މިއީވެސް ބައެއް ޢިލްމުވެރިން ޟަޢީފުކުރާ އަޘަރެކެވެ.
ހަމައެކަނި މޫނާއި ދެއަތްތިލައަށް ބެލުން މިއީ އެންމެ ޞައްޙަކަން ބޮޑުވެގެންވާ ރަޢުޔެވެ. އަދި މިއީ ގިނަ ފިޤުޙު ޢިލްމުވެރިން ބުރަވެލައްވާ ގޮތެވެ. އެހެނީ މީހެއްގެ ރީތި ހުތުރުމިން އެންމެ ބޮޑަށް ދެނެގަނެވޭނެ އެއް ގުނަވަނަކީ މޫނެވެ.
ޚިތުބާ ކުރަންއުޅޭ އަންހެނާއަށް ބަލަންވާނީ އެއަންހެނާއަށް، އެނގުންނުވާ ގޮތެއްގެ މަތިންނެވެ. މިއީ ޝާފިޢީ މަޛްޙަބުގައި އައިސްފައި ގޮތެވެ. މިގޮތަކީ އެންމެ ރަނގަޅުގޮތްކަމުގަ ދެކެމެވެ. އެހެނީ އެއީ އަންހެނާގެ ކަރާމާތްތެރިކަމާއި، ޝަރަފާއި، ލަދުވެތިކަމަށް އެންމެ ރައްކާތެރިކަން ބޮޑުވެގެންވާ ގޮތެވެ. އަދި މިއީ ޚިތުބާ ކުރެވޭ އަންހެނާއަށް ބެލުމަށް އައިސްފައިވާ ޙަދީޘުގެ ރާވީވެސް ޢަމަލުކުރެއްވިގޮތެވެ. والله أعلم
މިހާހިސާބުން މިލިޔުން އަޅުގަނޑު ލިޔަންގަސްތުކުރި މިންވަރަށް ލިޔެ ނިމުނީއެވެ. ދުޢާއަކީ މަސައްކަތުގައި ﷲ ބަރަކާތްލެއްވުމެވެ. އަދި އަޅަމެންނީ ﷲ ދީނުގައި ފިޤުޙުވެރިބައެއް ކަމުގައިލެއްވުމެވެ. އަދި މި ދީނުގެ ޢިލްމު އުނގެނުމުގެ މަގުތައް ތަނަވަސް ކޮށްދެއްވުމެވެ.
والحمد لله الذي بنعمته تتم الصالحات وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
________________________________________
[1] رواه أحمد وأبو داود ورجاله ثقات، وصححه الحاكم (سبل السلام: 112/3-113). މި ޙަދީޘް އަކީ ޙަސަން ދަރަޖައިގެ ޙަދީޘް އެއްކަމަށް الشيخ الألباني صحيح الجامع (ޙަދީޘް ނަންބަރު 506) ގައި ވިދާޅުވެފައިވެއެވެ.
[2] رواه الخمسة (أحمد وأصحاب السنن الأربعة) (نيل الأوطار: 109/6 وما بعدها، سبل السلام: 113/3) މި ޙަދީޘް އަކީ ޞައްޙަ ޙަދީޘް އެއްކަމަށް الشيخ الألباني السلسلة الصحيح (ޙަދީޘް ނަންބަރު 96) ގައި ވިދާޅުވެފައިވެއެވެ.
[3] رواه مسلم 2552
[4] الفِقْهُ الإسلاميُّ وأدلَّتُهُ (17/9)
[5] الفِقْهُ الإسلاميُّ وأدلَّتُهُ (17/9)
[6] الأحوال الشخصية (27/9)
[7] الفِقْهُ الإسلاميُّ وأدلَّتُهُ (17/9)
[8] الفِقْهُ الإسلاميُّ وأدلَّتُهُ (17/9)
[9] الفِقْهُ الإسلاميُّ وأدلَّتُهُ (18/9)
[10] الفِقْهُ الإسلاميُّ وأدلَّتُهُ (18/9)
[11] كتاب المجموع 17|213