الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
“އަހަރެން އެ ވާހަކަ ބުނުމުން މަންމަ ބުންޏެވެ. މަންމައަށް އެނގިވެސް ނުލާ އެކަނި ދިޔައީ ކީއްކުރަން ހެއްޔެވެ؟
ކަންތައް ވީގޮތް ކިޔައިދެން ހެއްޔެވެ؟ ކުރީދުވަހު ބަނޑަށް ތަދުވާން ފެށުމުން އެމް.އާރް.އައި އެއް ހެއްދުން ރަނގަޅު ވާނެކަމަށް އަހަރެންނަށް ފެނުނެވެ. އަދި ޓެސްޓު ހަދަން ހޮސްޕިޓަލަށް އެކަނި ދިޔައީމެވެ. އެމް.އާރް.އައި އަކީ ކިހިނެއް ހަދާ ކޮންއެއްޗެއް ކަމެއްވެސް ނޭނގި ހުރެއެވެ. މީ ކިހިނެއް ހަދާ އެއްޗެއް ކަންވެސް އަހަންނަށް އިނގުނީ ނަރުސް ކުއްޖާ އަހަރެން ގޮވައިގެން ގޮސް އެމް.އާރް.އައި އަށް ޚާއްސަ ކޮޓެރި ތެރެއަށް އަހަރެން ވެއްދުމުންނެވެ.
މީ އަހަރެންގެ ޙަޔާތުގައި ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާއެވެ. އަދި މަރާ ކައްވަޅުގެ އިހްސާސްތަކާއި އެންމެ ކައިރި ކުރުވި ހާދިސާވެސްމެއެވެ.
އެއީ ބޮޑުކޮޓަރިއެކެވެ. ނަމަވެސް ކޮޓަރީގެ 80% ހިފައިފައި ހުރި މެޝިނެއްގެ ސަބަބުން އެތާނގެ ތަނަވަސް ކަމެއް ފާހަގައެއް ނުވެއެވެ. އެއިން ހިތުގެ ވިންދު ގެ އަޑުކަހަލަ އަޑެއް އިވިއިވި ހުއްޓެވެ. ތޫލި އަޑެކެވެ. އަޑުއަހަން އުނދަގޫ އަޑެކެވެ.
ނަރުސް ކުއްޖާ އަހަރެންގެންގޮސް މެޝިނުގެ ޓްރޭ މަތީ ބޭއްވިއެވެ. ހިރި ނުލެވޭ ވަރު ކުރިއެވެ. އަދި އެމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ ބޭނުން ކުރާނެ ރަނގަބީލެއްވެސް ދިނެވެ. އަހަރެން ބިރުގަންނަން ފެށީ ދެނެވެ. މަރުވެފައި އޮތް މައްޔިތެއް ފަދައިން އަހަރެންގެ ހަށިގަނޑު ހުދު ފޮތިގަނޑަކުން ނިވައި ކުރުމަށްފަހު އޭނާ އަހަރެން އެކަނި މާ އެކަނި އެ ކޮޓެރި ތެރޭ ބާއްވާފައި ދިޔައެވެ.
ކައްވަޅަށް މައްޔިތާ ދޫކޮށްލުމަށްފަހު މީސްތަކުން ދާފަދައިންނެވެ. އެތާނގައި އަހަރެންގެ އަމިއްލަ ނަފްސު ފިޔަވައި އެހެން އެކަކުވެސް ނުވެއެވެ. އަހަރެން އޮތް ޓުރޭ މެޝިނުގެ ހަނިކަމުގެ ތެރެއަށް އަހަރެން ވެއްދިއެވެ. ފިތި ބާރުވެފައިވާ ޙާލު ނޭވާލުމަށް އަހަންނަށް ދަތިވިއެވެ. އަހަރެންނަށް ހީވީ، މީހަކު އަހަރެންގެ ހިތް ނަގައި ހަށިގަނޑާ ވަކިކުރިހެންނެވެ. އަވަސް އަވަހަށް އަހަރެން ރަނގަބީލު ޖެހީމެވެ. އެހިނދު ނަރުސް ކުއްޖާ ވަނެވެ. އަހަންނަށް މިތާ އެންމެ ސިކުންތު ކޮޅަކުވެސް ކެތްނުކުރެވޭނެ ކަމަށާއި އަހަރެންގެ ހަށިގަނޑު މެޝިންތެރެއިން ނެރެދިނުމަށް އެދުނީމެވެ.
ނަރުސް ކުއްޖާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. “އިހަށް މަޑުކޮށް ލައްވާށެވެ! ލޯ މަރައި ލައިގެން އުފާވެރި ކަންތައް ތަކާއިމެދު ވިސްނާލަން އޮންނަވަނިކޮށް ބިރެއް ނުގަންނާނެއެވެ!”
އަހަންނަށް އެތަނުގެ ތެރެއަށް އަލުން ވަނުމަށް އެއްބަސް ވެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް މި ވަދެވެނީ ކައްވަޅަކަށް ކަމާއި އަހަރެން މަރުވެއްޖެ ކަމުގެ އިހްސާސްތައް ދުރުކޮށެއް ނުލެވުނެވެ. އެހެން ނަމަވެސް އަހަރެން ހަމަޖެހުމަށް މަސަތްކަތް ކުރީމެވެ. އަދި ލޯ މަރައިލީމެވެ.
އަހަރެން ގެ ލޯމައްޗަށް އެންމެ ފުރަތަމަވެސް ސިފަވީ އަހަރެންގެ ތިމާގެ މީހުންނެވެ. އަހަންނަށް އަޅާލާ އަހަރެން ދެކެ ލޯބިވާ މީހުންނެވެ. މަންމަ އާއި ބައްޕައެވެ. ބޭބެ އާއި ކޮއްކޮއެވެ. އަހަންނަށް ލުއި ކަމެއް ލިބެން ފެށީ ދެނެވެ.
ނަމަވެސް މިކަން ފޫއަޅުވައިލީ މެޝިނުން ސްކޭން ކުރެވެން ފެށި އަޑެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އިވެންފެށީ މުޅިން އެހެން އަޑުތަކެކެވެ. ހީވީ ހަރުފަތަކެއް އަހަރެން ގެ ގާތުގައި އުޅޭހެން ނެވެ. އޭއްޗެހީގެ ބިރުވެރި އަޑުތަކުން މުޅިތަން ގުގުމާލި ފަދައެވެ. ކަނު އަނދިރިކަމުގެ ތެރެއަށް އެ އަޑު ދިޔައީ ހިނދަކަށްފަހު ހިނދަކު ގަދަވަމުންނެވެ.
އަހަންނަށް ގިސްލަގިސްލާފައި ރޮވެން ފަށައިފިއެވެ. ކުރެވިފައި ހުރި ފާފަތަކުގެ މަތިން ހަނދާންވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވެން ފަށައިފިއެވެ. ﷲ ގެ ކޯފާއަށް ބިރުވެތިވެ އަޑުން އަޑު ނަގައި އިސްތިޣްފާރު ކުރެވެން ފަށައިފިއެވެ.
އަހަރެން ލޯ ހުޅުވާ ރަނގަބީލު ޖަހަން ފެށީމެވެ. ގެއަށް ދިއުމަށް ޓަކައެވެ. ﷲ އަށް ސަޖިދަކޮށް އިސްތިޣްފާރް ކުރުމަށްޓަކައެވެ. އަހަރެން ބޭނުންވީ ގިނަގުނަ ވެގެންވާ ހެޔޮ ޢަމަލު ތަކެއް ކުރުމަށެވެ.
އަނެއްކާވެސް ނަރުސް ވަދެ އަހަރެން މަސަލަސް ކުރިއެވެ. ދެން އިނީ އެންމެ 10 މިނެޓް ކަމަށާއި ކެއްކޮށް ލުމަށް ބުޏްޏެވެ. 10 މިނެޓަށް ފަހު މެޝިން ތެރެއިން އަހަރެން ނެރެވުނެވެ. 40 މިނެޓްގެ ދިގު ވަގުތަކަށް ފަހު ބޮކީގެ ގަދަ އަލިކަން ފެނުމުން ލިބުނީ ބުނަން ވެސް ނޭނގޭ ފަދަ އުފާވެރި ކަމެކެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. އަހަރެން އަދި މަރު ނުވާކަން ޔަޤީން ވުމުންނެވެ.
ނަތީޖާ ލިބުމުން ނަރުސް ކުއްޖާ ސުވާލު ކުރިއެވެ. “އެއްވެސް ކަމެއް ގޯސް ކަމަކަށް ފާހަގައެއް ނުކުރެވެއެވެ! ދެން ތިބާ މިތަނަށް ގެނުވީ ކޮން ކަމެއް ހެއްޔެވެ؟”
ﷲ އެވެ. އަހަރެން އެތަނަށް ގެންދެވީ ﷲ އެވެ. އެއިލާހު އެދިވޮޑިގެންވީ އަހަންނަށް އަހަރެން ގެ ކަށްވަޅު ތަޞައްވަރު ކޮށްދެއްވުމަށެވެ. އަހަރެން އެތަނަށް ގެންދެވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ.”
އޭ އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެން މި އުޚްތާގެ ވާހަކަ ކިޔުމަށްފަހު ކޮންމެހެންވެސް މި ހާދިޘާ ހިއްސާ ކޮށްލާން ބޭނުން ވީއެވެ. ކަށްވަޅާމެދު ޣާފިލް ވެފައިވާ ބޭފުޅުން ނަށް ޢިބުރަތަކަށް ޓަކައެވެ.
މަރުވާނެކަން ޔަޤީނެވެ. އެހެންކަމުން ކަށްވަޅުގެ ޢަޛާބާ މެދު ތިބާ ޔަޤީން ކުރާށެވެ. އެތަނަކީ އެތަނެއްގެ ބިރުވެރިކަމުން ސަލާމަތްވުމަށް ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ދުޢާކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ތަނެވެ.
ކަށްވަޅުގައި ޔަޤީނުންވެސް ތިބާ ފިއްތާލެވޭނެއެވެ. އެފިއްތާލުމުން ސަޢުދު ބުން މުޢާޛު ރަޟިޔަﷲ ޢަންހުވެސް ސަލާމަތް ނުވިއެވެ. ޚަންދަޤު ހަނޤުރާމައިގެ ދުވަހުގައި، ސަޢުދު ބުން މުޢާޛު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން އެކަލޭގެފާނު ފަސްދާނު ލެއްވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
((سُبْحَانَ اللَّهِ لَوِ انْفَلَتَ أَحَدٌ مِنْ ضَغْطَةِ الْقَبْرِ لانْفَلَتَ مِنْهَا سَعْدٌ)) [السلسلة الصحيحة 3345]
މާނައީ: “سُبْحَانَ اللَّهِ އެވެ! ކައްވަޅުގެ ފިއްލާލުމުން މީހަކު ސަލާމަތްވާނެނަމަ ހަމަކަށަވަރުން ސަޢުދުގެފާނު ސަލާމަތްވީހެވެ.”
ތިބާއަށް ސަޢުދު ބުން މުޢާޛު ރަޟިޔަﷲ ޢަންހު އަކީ ކޮންބޭކަލެއްކަން އެނގޭހެއްޔެވެ؟ އެއީ އެކަލޭގެފާނު ޝަހީދުވުމުން އެކަލޭގެފާނުގެ ޖަނާޒާއަށް އުޑުން ހަތްދިހަ ހާސް މަލާއިކަތް ބޭކަލުން ފައިބައި ވަޑައިގެންނެވި މާތް ޞަޙާބީއެކެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ކައްވަޅުގެ ހާލަތާއި މެދު ދުނިޔޭގެ ހަޔާތުގައި ވިސްނަން ނުވޭތޯއެވެ؟ އެތަނުގައި ތިބާ މުނިފޫހި ފިލުވާދޭން އަންނާނެ އެއްޗަކީ ތިބާގެ ހެޔޮ ޢަމަލެވެ. ހެޔޮޢަމަލު ތަކަކާއި އެކުގައި މެނުވީ އެތަނަށްދާން ނަހަދާށެވެ!