الحمد لله رب العالمين والصلاة والسلام على أشرف المرسلين وبعد:
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގެ މާތް ބިމުގައި ތޭރަ އަހަރު ވާނދެން ﷲގެ ދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމާއި ދުއްތުރާ ބޮޑުވުމުގެ ސަބަބުން އެބިން ދޫކުރައްވަން މަޖުވޫރުވިއެވެ. ﷲގެ އަމުރުފުޅަށް އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވިއެވެ.
އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ހިޖުރައިން ދެވަނައަހަރު ބަދުރު ހަނގުރާމަ ކުރެއްވިއެވެ. ތިންސަތޭކަ ތޭރަ ޞަޙާބީ ބޭކަލުންނާއި އެކު ނުކުމެވަޑައިގެން މައްކާގެ އެއްހާސް މުޝްރިކުންނާ ކުރިމަތިލައްވާ މުޝްރިކުންތަށް ބަލިކުރެއްވިއެވެ. ﷲތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ.
އަދި އެއާއި ޖެހިގެން އައި އަހަރު، ހިޖުރައިން ތިންވަނަ އަހަރުގައި އެކަލޭގެފާނު އުޙުދު ހަނގުރާމަ ކުރެއްވިއެވެ. މިހަނގުރާމައަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުމެވަޑައިގަތީ އެއްހާސް ހަނގުރާމަވެރިންނާއި އެކުއެވެ. އޭގެތެރެއިން ތިންބައިކުޅަ އެއްބައި، މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލްގެ ވަސްވާހަށް ހަނގުރާމައިން ފަހަތައްޖެހި މުސްލިމުންގެ ސަފުތަކާއި ވަކިވެގެން ދިޔައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމަދު މީސްކޮޅައިގެން މުޝްރިކުންގެ ތިންހާސް މީހުންގެ ލަޝްކަރާ ކުރިމަތިލައްވާ އެބައިމީހުން ބަލިކުރެއްވިއެވެ. ﷲތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ.
އަދި އޭގެ އެއް އަހަރު ފަހުން، ހިޖުރައިން ފަސްވަނަ އަހަރުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޙްޒާބު ހަނގުރާމަ ނުވަތަ ޚަންދަނގު ހަނގުރާމަ ކުރެއްވިއެވެ. މިހަނގުރާމައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކު ބައިވެރިވެ ލެއްވީ ތިންހާސް އަޞްޙާބު ބޭކަލުންނެވެ. ކާފަރުންގެ ލަޝްކަރުގައި ދިހަ ހާސް މުޝްރިކުން ތިއްބެވެ. މުޝްރިކުންގެ އެލަޝްކަރު ބަލިކުރައްވާ ﷲތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ.
އަދި އޭގެ އެއްއަހަރު ފަހުން، ހިޖުރައިން ހަތްވަނަ އަހަރުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚައިބަރުގައި ހަނގުރާމަ ކުރެއްވިއެވެ. ﷲތަޢާލާ އެކަލޭގެފާނަށް ނަޞްރު ދެއްވާ ކާފަރުންގެ މައްޗަށް މުސްލިމުންނަށް ގަދަކަންދެއްވިއެވެ.
އަދި އޭގެ އަނެއްހަރު، ހިޖުރައިން އަށްވަނައަހަރުގައި ނިކަމެތިކަމާއެއްކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައަހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ބޭރުކޮށްލެވުނު ރަށް، މައްކާ ފަތަޙަ ކުރެއްވުމުގެ މަތިވެރި ނަޞްރު މުސްލިމުންނަށް ލިބިގެން ދިޔައެވެ.
އިސްވެ ދެންނެވުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި ހުންނަވަނިކޮށް މުސްލިމުންނަށް ﷲތަޢާލާ ދެއްވި ނަސްރާއި ކާމިޔާބުގެ ވާހަކައެވެ. އެހެން ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ސީރަތުގެ ރަން ޞަފްޙާ ތަކުގައި މިދުވަސްތައް ފާހަގަކޮށް، މިދުވަސްތަކުގައި ޚާއްޞަ އުފާފާޅުކުރުންތަށް ފާހަގަކުރެއްވިކަމަށް ފެންނާކަށް ނެތެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންވެސް އަދި އޭގެފަހުގައި އެކަލޭގެފާނަށް އިޙްސާންތެރިކަމުގައި ތަބަޢަވީ އެއްވެސް ބޭކަލަކު މިދުވަސްތައް ފާހަގަކުރެއްވިކަމެއް ފެންނާކަށް ނެތެވެ.
ދެން އެއަށްފަހުގައި ހިޖުރައިން އެގާރަވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ ބާރަވަނަ ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވުމުގެ ހިތާމަވެރި ޙާދިޘާ މުސްލިމުންނާއި ކުރިމަތިވިއެވެ. ނަމަވެސް މުސްލިމުން ހިތްވަރު އެލުވާނުލާ އިސްލާމްދީނަށް ނަޞްރުދީ ﷲގެ އެއްކައުވަންތަކަން ބިންމަތީ ފެތުރެއްވުމަށްޓަކައި ކުރަމުންއައި މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނުގެނުއްވައެވެ.
ނަތީޖާއެއްގެ ގޮތުން ﷲ ތަޢާލާ ޞަޙާބީ ބޭކަލުންގެ އަތްމައްޗަށް ހުޅަނގާއި އިރުމަތި ފަތަޙަ ކޮށްދެއްވިއެވެ. ފާރިސީންނާއި ރޯމަނުންގެ ބިޔަ ލަޝްކަރުތަކާއި ދެކޮޅަށް އެބޭކަލުން ހަނގުރާމަކުރައްވާ ނަޞްރު ހޯއްދެވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލެއް، އެއިން އެއްވެސް ކާމިޔާބީއެއް އެއީ ޢީދަކަށް ހަދައި އެދުވަސްތައް ފާހަގަކުރެއްވި ކަމަކަށް ތާރީޚުން ފެންނާކަށް ނެތެވެ.
އިސްވެ ދެންނެވުނީ އުންމަތުގެ އެންމެ ހެޔޮ މީސްތަކުންނަށް ލިބިގެންދިޔަ ކާމިޔާބީއެވެ. އެބޭކަލުން އެ ކާމިޔާބީތައް އަހަރުން އަހަރަށް ފާހަގަކޮށްފައި ނެތްއިރު، މިހާރުގެ މުސްލިމުންނަށް މިޘަޤާފަތް އައިސްސާވަނީ އަޅެފަހެ ކޮންތާކުންބާވައެވެ.
އެހެންކަމުން އެނގި ފާޅުވެގެން ދަނީ މިކަންކަމުގެ ފެށުން އައިސްފައި ވަނި ކާފަރުގެ ކިބައިން ކަމެވެ. އަދި އެކާފަރުން މިކަންކަން މުސްލިމުންގެ މެދުގައި ފަތުރަމުންދަނީ އެމީހުންގެ ލަނޑުދަނޑިތަކެއް ހާޞިލުކުރުމުގެ މަޤްޞަދުގައެވެ. އެއީ މުސްލިމުންގެ ހިތްތަކުގައިވާ އީމާންތެރިކަން ބަލިކަށިކޮށް އެބައިމީހުންގެ އާދަކާދަތައް މުސްލިމުންގެ ތެރޭގައި ފަތުރާ އެބައިމީހުންގެ ހަންފެތުރުމަށްޓަކައެވެ. އަދި މުސްލިމުންގެ މެދުގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތައް އާންމު ކުރުވުމަށްޓަކައެވެ. އަދި މުސްލިމުންލައްވާ އިސްރާފުކުރުވާ އެބައިމީހުން ފަޤީރު ކޮށްލުމަށްޓަކައެވެ.
އެންމެހާ މުސްލިމުންނޭވެ! ކާފަރުން ހިނގާ މަގުތަކުން ނުހިނގާށެވެ. އެބައިމީހުންގެ މަގަކީ ޖަހަންނަމައިގެ މަގެވެ.
ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّـهِ قَدْ ضَلُّوا ضَلَالًا بَعِيدًا ﴿١٦٧﴾ إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾ إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾
﴿النساء: ١٦٨-١٦٩ ﴾
މާނައީ: “ހަމަކަށަވަރުން، ކާފިރުވެ، ﷲގެ މަގުން (މީސްތަކުން) އެއްކިބާކުޅަ މީހުން (ޙައްޤުގެ މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ. ހަމަކަށަވަރުން، ކާފިރުވެ އަދި އަނިޔާވެރިވި މީހުންނަށް، ﷲތަޢާލާ ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެއިލާހު މަގެއް ނުދައްކަވާނެތެވެ. ޖަހަންނަމައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް ﷲއަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.”
وصلى الله وسلم على محمد و آله صحبه.