[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 2

imaam ahmed

އުފަންވެ ވަޑައިގަތުން:

އިމާމު އަޙްމަދުގެ މަންމަ އެކަލޭގެފާނާއިގެން އާލާސްވެ އިންނެވީ “މަރޫ”[1] ކިޔާ ރަށެއްގައި ހުންނަވަނިކޮންނެވެ. ދެން އެކަމަނާ ބަޣުދާދަށް ވަޑައިގެންނެވިއެވެ. ބަޣުދާދުގައި އެކަމަނާ އެކަލޭގެފާނާއިގެން ރައްކާވެވަޑައިގަތެވެ. އެއީ ހިޖުރައިން ސަތޭކަ ފަސްދޮޅަސް ހަތަރުވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގައެވެ. އެކަލޭގެފާނުގެ ބައްޕައަކީ އަޙްމަދެވެ. އެއީ އޭރުގެ “ސަރުޚަސް”[2] ގެ ގަވަރުނަރެވެ. އެކަލޭގެފާނަކީ އައްބާސީ ދަޢުލަތުގެ ދަރިފަސްކޮޅުގެ ބޭފުޅެކެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އެއީ ހިޖުރައިން ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރުގައެވެ.[3]

އެކަލޭގެފާނުގެ ޞިފަފުޅު:

ابن ذِرَيح العُكْبَرِيُّ ވިދާޅުވިއެވެ.

” أحمد بن حنبلގެ އަރިހުން ތިމަންކަލޭގެފާނު ކިޔަވާވިދާޅުވީމެވެ. އަދި ތިމަންކަލޭގެފާނު އެކަލޭގެފާނާ ސަލާމްކޮށް އުޅެމެވެ. ތިމަންބޭކަލުންގެ ޝައިޚަކީ އިސްތަށިފުޅުގައި ހީނާ އަޅުއްވާ ރަތްކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ ދިގު ބޭފުޅެކެވެ. އަދި ގަދަ މުށި ކުލައިގެ ބޭފުޅެކެވެ.”[4]

محمد بن عباس النحوي އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު أحمد بن حنبل ދެކެވަޑައި ގަތީމެވެ. އެކަލޭގެފާނަކީ މޫނުފުޅު ރިވެތި ބޭފުޅެކެވެ. އަދި ދިގުމިނުގައި މެދުމިނުގެ ބޭފުޅެކެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅުގައި ހުންނަވަނީ މަޑު ރަތަކުން ހީނާއަޅުއްވާފައެވެ. ގަދަ ރަތެއް ނޫނެވެ. އަދި އެކަލޭގެފާނުގެ ތުނބުޅިފުޅުގެ އިސްތަށިފުޅުތަކަކީ ކަޅުކުލައިގެ އިސްތަށިފުޅުތަކެކެވެ. ތިމަންކަލޭގެފާނަށް އެކަލޭގެފާނު ފެނިވަޑައިގަތީ ހުދުކަންގަދަ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުނަވަނިކޮށެވެ. އަދި އެކަލޭގެފާނު ހުންނެވީ ބޮލުގައި ފަގުޑި އަޅުއްވައިގެން އިޛާރެއް އަންނަވައިގެންނެވެ.”[5]

الميموني ވިދާޅުވިއެވެ.

“أحمد بن حنبل އަށްވުރެ ހެދުންކޮޅު ޠާހިރު ބޭކަލެއް ތިމަންކަލޭގެފާނަށް ފެނިވަޑައިގެންފާ ވާނެހެނެއް ހިއެއްނުވެއެވެ. އަދި އެބޭފުޅެއްގެ މަތިމަހަށާއި ބޮލުގެ އިސްތަށިގަނޑަށާއި ހަށިގަނޑަށް އެހާ ބައްލަވައިގެން އުޅުއްވާ ބޭކަލެއް ތިމަންކަލޭގެފާނަށް ފެނިވަޑައިގެންފާ ވާނެހެނެއް ހިއެއްނުވެއެވެ. އަދި އެކަލޭގެފާނަށްވުރެ ހެދުންކޮޅު ސާފުކުރައްވާ ބޭފުޅެއްވެސް ފެނިވަޑައިގެންފާ ވާނެހެނެއް ހިއެއްނުވެއެވެ.”[6]

(ނުނިމޭ)


[1] މަރޫ އަކީ މިހާރުގެ ތުރުކެމިނިސްތާނުގެ ރަށެކެވެ.

[2] މިއީ އިރާނުގެ ޚުރާސާނުގެ ރަށެކެވެ.

[3] المنهج الأحمد فى تراجم أصحاب الإمام أحمد، لأبي اليمن مجير الدين محمد بن عبد الرحمن العليمي (1/7) تحقيق:محيي الدين عبد الحميد

[4] تهذيب الكمال للحافظ المزي (1/440) وسير أعلام النبلاء للذهبي (11/174)

[5] تهذيب الكمال للحافظ المزي (1/440) وسير أعلام النبلاء للذهبي (11/174)

[6] المنهج الأحمد فى تراجم أصحاب الإمام أحمد، لأبي اليمن مجير الدين محمد بن عبد الرحمن العليمي (1/24) تحقيق:محيي الدين عبد الحميد

މިލިޔުމުގެ އެހެންބައިތައް