އެކަލޭގެފާނަކީ މައްކާގެ އެންމެ ޝަރަފުވެރި ޤަބީލާކަމުގައިވާ ޤުރައިޝް ވަންހައަށް ނިޞްބަތްވާ މުޙައްމަދު ބުން ޢަބުދުﷲ ބުން ޢަބްދުލް މުއްޠަލިބު ބުން ހާޝިމްއެވެ. ބައްޕާފުޅަކީ ޢަބްދުﷲ އެވެ. މަންމާފުޅަކީ އައިމިނަތު ބިންތު ވަހްބެވެ. އެކަލޭގެފާނުގެ ތުއްޕުޅުއިރު އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ. އެހެންކަމުން އެކަލޭގެފާނު ބޮޑުފުޅުވީ އެކަލޭގެފާނުގެ ބޮޑުބޭބެފުޅު އަބޫ ޠާލިބުގެ ބެއްލެވުމާއި ފުރިހަމަ އަޅާލެއްވުމުގެ ދަށުގައެވެ. ބަކަރި ހުއިހެއްޕެވުމާއި ވިޔަފާރީ ދަތުރުތަކުގައި ކުޑައިރުއްސުރެ މަޝްޣޫލްވެ އުޅުއްވައެވެ.
ޝައްކެތްނެތް ގޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނެ ހުރިހާ އަސާސެއް އެކަލޭގެފާނު ވަނީ މި އުންމަތަށް ފޯރުކޮށްދެއްވާފައެވެ. ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނުގެ ޢަމަލީ ޙަޔާތުން ތަމްސީލުކޮށްދެއްވާފައެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް އެކަލޭގެފާނުގެ އަމާނަތްތެރިކަމާއި ތެދުވެރިކަމަށް މައްކާގެ މުޝްރިކުން އިޢުތިރާފުވެފައި ވެއެވެ. އަދި ނަބީކަމަށްފަހު އެކަލޭގެފާނުގެ ނަމޫނާ ދިރިއުޅުއްވުމުގެ މައްޗަށް މުޅި އިސްލާމީ އުންމަތްވަނީ ހެކިވެފައެވެ. އަދި ކިއެއްތަ! މުޅި އިންސާނިއްޔަތުވެސްމެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ދިރިއުޅުއްވުމުން އިންސާނާގެ ދިރިއުޅުން ކާމިޔާބުކުރަން ބޭނުންވާނެ ހުރިހާ ރަހަޔަކާއި ކުލައެއް ލިބިގެންދާނެކަމީ އިޤްރާރުވެފައިވާ އަސްލެކެވެ.
އިންސާނާ އޭނާގެ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް ދެނެގަންނަންޖެހޭ އެންމެ އަސާސީ އެއް ބިންގަލަކީ ކާއިނާތުގެވެރި އެއްކައުވަންތަ އިލާހެވެ. ﷲގެ ރަސޫލާ (صلى الله عليه وسلم) ވަނީ ހުރިހާ ޚަލުޤްތަކެއްގެ ވެރި ﷲ ތަބާރަކަ ވަތައާލާ އެއްކައުވަންތަކުރާނެ ތައުހީދުގެ ބިންގާތަށް ނުހަނު ސީދާކޮށް އަޅުއްވައިދެއްވާފައެވެ. ޢަމަލުގެ މައްޗަށް ޢިލުމު އިސް ކުރައްވާ އަޅާއާއި ރައްބާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަޔާންކޮށްދެއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.
(فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ) [محمد ١٩]
މާނައީ: “ފަހެ، اللَّه މެނުވީ إله ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކުނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!”
ވަޙީ ފޯރުކޮށްދިނުމުގެ ބުރަ އެކަލޭގެފާނާ ހަވާލުކުރެއްވުނު ހިނދު ހަތް އުޑުގެ މަތިން އިއްވޭ އިލާޙީބަސްފުޅުތައް މީސްތަކުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާތެރިވެލެއްވިއެވެ. ޙިކުމަތާއި މަޑުމައިތިރިކަން އިސްކުރެއްވިއެވެ. ކެތްތެރިކަމާއެކު އަނިޔާތަކާއި މަލާމާތްތަކުގެ ކުރިމަތީގަ ޘާބިތުވެލެއްވިއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވައިފައިވެއެވެ.
(فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ) [الطور ٢٩]
މާނައީ: ” ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރައްބުގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. “
ނަމާދާއި ޒަކާތާއި ރޯދަފަދަ އަޅުކަންތައް އަދާ ކުރާނެ އެންމެ ފުރިހަމަ ގޮތް އުންމަތަށް އުނގައްނައިދެއްވިއެވެ. އިންސާނާގެ މައްޗަށް ސުވަރުގެ ހަރާމްވެގެންދާ އެންމެ ބޮޑު ފާފަ ކަމުގައިވާ ޝިރުކާއި އޭގެ ހުރިހާ ވައްތަރުތައް ބަޔާންކޮށްދެއްވިއެވެ. މަރާއި އޭގެ ޙަޤީގަތްތަކާއި ކަށްވަޅުގެ ބިރުވެރިކަން މީސްތަކުންނަށް ހާމަކޮށްދެއްވާއި އެކަމާ ކީރިތި ކުރައްވާ އުޅުއްވިއެވެ. ސުވަރުގޭގެ ނިޢުމަތްތަކުން ހިތްތައް އެދުންވެރި ކުރުއްވާ ނަރަކައިގެ ގަދަފަދަ ޢަޒާބުގެ ޚަބަރުން މީސްތަކުންނަށް ބިރުވެރި ކަމުގެ ޚަބަރުދެއްވިއެވެ. ޤިޔާމަތުގެ ވާހަތަކުން ޣައިބުގެ މައްޗަށް އިންސާނާގެ އަޤީދާ ސީދާ ކުރެއްވިއެވެ.
= ނުނިމޭ =