الحمد لله وكفى والصلاة والسلام على النبي المصطفى وعلى آله وصحبه ومن سار على نهجه واقتفى . اللهم أرنا الحق حقاً وارزقنا اتباعه وأرنا الباطل باطلاً وارزقنا اجتنابه أما بعد :
މައްކާގައިވާ ކަޢުބާއަކީ އެންމެހާ މުސްލިމުން ނަމާދު ކުރުމަށް އެތަނަކަށް ކުރިމަތިލާ ޤިބްލައެވެ. އެއީ ﷲ ތަޢާލާގެ ގެފުޅެވެ. ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އެތަނަށް ގޮސް ޙައްޖުވުމަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.
އެތަނަށް ގެއްލުން ދިނުމަށް ޤަޞްދުކޮށް ބޮޑު ލަޝްކަރަކާއިގެން ދިޔަ އަބްރަހާގެ ކިބައިން ﷲ ތަޢާލާ ވަނީ އެތަން ރައްކާތެރިކުރައްވައި ހިމާޔަތްކުރައްވާފައެވެ. އެއީ އެތަނެއްގައި އަމާންކަން ލިބިގެންވާ ތަނެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾ [سورة البقرة]
މާނައީ: “އަދި ޘަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންއިލާހު ކަޢުބަތުﷲ ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި އިބްރާހީމްގެފާނު މަޤާމަކީ ނަމާދުކުރާ ތަނެއްކަމުގައި ހަދާށެވެ! އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފްކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރު ކުރައްވާށެވެ!”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ ﴿٩٦﴾ فِيهِ آيَاتٌ بَيِّنَاتٌ مَّقَامُ إِبْرَاهِيمَ ۖ وَمَن دَخَلَهُ كَانَ آمِنًا ۗوَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ عَنِ الْعَالَمِينَ ﴿٩٧﴾ [سورة آل عمران]
މާނައީ: “ހަމަކަށަވަރުން މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ. [96] ފާޅުވެގެންވާ ހެކިތަކެއް އެތާނގައި ވެއެވެ. އިބްރާހީމްގެފާނުގެ މަޤާމު (އޭގެތެރެއިން) ވެއެވެ. އެތަނަށް (އެބަހީ: ގެފުޅުގެ ޙަރަމްފުޅަށް) ވަދެއްޖެ މީހާއީ އަމާންކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ. އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ (އެބަހީ: ޙައްޖުވުމަކީ) ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާމެދު) ދެކޮޅުހަދައިފި މީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން ﷲ އީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ އިލާހެވެ. ]97]”
ނަމަވެސް ހިތާމައަކީ މުސްލިމުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތަކުގެ ސަބަބުން އެމާތްވެގެންވާ ގެފުޅުގައި ފަހުގެ ތާރީޚުގައިވެސް ލޭ އޮހޮރުވުން ހިނގާފައިވާކަމެވެ. އެއީ ކާފިރުންނާ މުސްލިމުންނާމެދު ހިނގި ލޭ އޮހޮރުވުމެއް ނޫނެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ތިބި ބައެއްގެ މެދުގައި ހިނގައިދިޔަ ކަންތައްތަކެވެ. އެއީ 1979 ވަނަ އަހަރުގެ ފަހުކޮޅެވެ.
އެބައިމީހުން ފެށިގެންއައީ މަދީނާގައި ކިޔަވަމުންދިޔަ އެކިޤައުމުތަކުގެ ދަރިވަރުންނާއި އެތަނުގައި ދިރިއުޅެމުންދިޔަ ޒުވާނުންތަކެއްގެ މެދުގައި ކުރިއަށްދިޔަ ޙަދީޘް ޙަލަޤާއެއްގެ ގޮތުގައެވެ. މިބައިމީހުން ޞައްޙަ ޙަދީޘްތަކުގެ އަލީގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށް ދަޢުވަތުދޭން ފެށިއެވެ. އެމަސައްކަތް ފެށިގެންއައީ މަދީނާއާއި މަދީނާގެ ކައިރީގައިވާ އަވަށްތަކުގެ މިސްކިތްތަކުގައެވެ. ނަމަވެސް އިސާހިތަކު މުޅި ސުޢޫދީ ޢަރަބިއްޔާއަށް މިކަން ފެތުރިއްޖެއެވެ. މީސްތަކުންނަށް ހިތްވަރު ދެމުން ދިޔައީ ދީނަށް އިތުރުކުރެވިފައިވާ ކަންތައްކާއި ދީނާ ފުށުއަރާ ޘަޤާފީ އާދަކާދަތައް ދޫކޮށްލުމަށެވެ. އަދި ޚާއްޞަ އަހަންމިއްޔަތުކަމެއް ދީފައިވަނީ ޞައްޙަ މަޞްދަރުތަކުން އިސްލާމްދީން އުނގެނުމަށެވެ. ޚާއްޞަކޮށް އިމާމް ބުޚާރީއާއި މުސްލިމް އެއްކުރައްވާފައިވާ ޙަދީޘްތަކުންނެވެ. ފަހުން މި ޖަމާޢަތުގެ ގޮފިތައް ސުޢޫދީ ޢަރަބިއްޔާގެ މައި ރަށްތަކުގައި އުފެދިގެންދިޔައެވެ.
އެބައިމީހުން ގޮވާލަމުންދިޔަ ކަންތައްތަކާއި އެޤައުމުގައި ދިރިއުޅުމުގެ ކަންތައްތަކާ ހުރި ތަފާތުގެ ބޮޑުކަމުން އެޖަމާޢަތުގެ މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިގެންދިޔައެވެ. އަދި އޭގެ ސަބަބުން އެޖަމާޢަތުގެ ތެރެއިން ހަރުކަށި ފިކުރެއް އުފެދި ޖަމާޢަތް ބައިބައިވިއެވެ. އެމީހުންނަށް ޤަބޫލުކުރެވުނީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގެ މަފްހޫމުން ބަލާއިރު ސުޢޫދީ ސަރުކާރަކީ އިސްލާމްދީނުން ބޭރުވެފައިވާ ބައެއްކަމުގައެވެ.
﴿…وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ﴾ [سورة المائدة ٤٤]
މާނައީ: “…އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނައެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރުންނެވެ.”
އެގޮތުން ސަރުކާރުގައި މަސައްކަތްކުރާ ކޮންމެ މީހަކު ނުވަތަ ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ސަރުކާރުން މުސާރަލިބޭ ކޮންމެ މީހަކީ ކާފިރެއްކަމުގައި އެބައިމީހުން ބުންޏެވެ. އަދި އެމީހުންގެ ތެރެއިން ގިނަ ބަޔަކު ޖާމިޢާތަކުގައި ކިޔެވުން ހުއްޓާލިއެވެ. އެއީ އެތަނުގައި ކިޔަވައިދެއްވާ އުސްތާޛުންނަކީ ސަރުކާރުން މުސާރަދޭ ބަޔަކަށްވީމައެވެ.
އެންމެފަހުން، ސުޢޫދީ ސިފައިންގެ ތެރޭގައި މަސައްކަތްކުރި އޮފިސަރެއްކަމަށްވާ ޖުހައިމާންގެ ވެރިކަމުގެ ދަށުން، އެބައިމީހުން ސަހަރާތެރެއަށް ހިޖުރަކުރިއެވެ. އަދި އެތަނުގައި އިސްލާމީ ޝަރީޢަތް ފުރިހަމައަށް ޤާއިމްކުރުމަށް ޖަމާޢަތެއް އުފެއްދިއެވެ.
ރިޔާޟުގައި ހުންނަ ޖާމިޢަތުލްއިމާމް މުޙައްމަދު ބުން ސުޢޫދުލްއިސްލާމިއްޔާގެ ކުއްލިއްޔަތުއްޝަރީޢާގެ ތިންވަނަ އަހަރުގައި ކިޔަވަމުން ދިޔަ ދަރިވަރެއްކަމުގައިވާ މުޙައްމަދު ބުން ޢަބްދިﷲ އަލްޤަޙްޠާނީ، މިއައު ޖަމާޢަތާ ގުޅުނެވެ. އަލްޤަޙްޠާނީއަކީ ކުރިން އުފެދުނު ޖަމާޢަތް ފެށިގެން އައިރު އެޖަމާޢަތުގައި އުޅުނު މީހެކެވެ. އޭނާ މިބައިމީހުންނާ ގުޅުމުގެ ކުރިން މަހްދީ ފާޅުވުމާ ބެހޭގޮތުން އެބައިމީހުންގެ މެދުގައިވަނީ ވާހަކަ ދެކެވެން ފަށާފައެވެ. އޭރު ޖުހައިމާންގެ އުޚްތަށް ހުވަފެނުން ފެނިފައިވަނީ އޭނާ މަހްދީއާ ކައިވެނިކޮށްގެން އުޅެނިކޮށެވެ. އެހެންކަމުން މުޙައްމަދު އަލްޤަޙްޠާނީ އައުމުން ޖުހައިމާން އޭނާގެ އުޚްތު މުޙައްމަދާ ކައިވެނިކޮށްދިނެވެ. އަދި ނަބިއްޔާ ﷺ އެބޭފުޅަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ މަހްދީ އައިކަމަށް ޤަބޫލުކޮށް އެކަމުގެ އުފާ އެބައިމީހުން ފާޅުކުރިއެވެ.
ފަހު ޒަމާނުގައި އެކަލޭގެފާނުގެ ދަރިފަސްކޮޅުން އެކަލޭގެފާނުގެ ނަމާއި އެކަލޭގެފާނު ބައްޕާފުޅުގެ ނަމުން ނަން ކިޔާ މީހަކު މަދީނާއިން މައްކާއަށް އައިސް ކަޢުބާގެ ހިމާޔަތް ހޯދާނެކަމުގައި ނަބިއްޔާ ﷺ ވަނީ ޙަދީޘްކުރައްވާފައެވެ. އަދި ކަޢުބާގެ ކަނާއި އިބްރާހީމްގެފާނުގެ މަޤާމާ ދެމެދު މައްކާގެ ބައެއް މީހުން އެބޭކަލަކަށް ބައިޢަތު ހިފާނެކަމަށްވެސްވެއެވެ. އަދި އެބައިމީހުންނާ ހަނގުރާމަކުރުމަށް އުތުރުން ލަޝްކަރެއް އަންނާނެކަމަށްވެސްވެއެވެ. ނަމަވެސް ﷲ ތަޢާލާ އެލަޝްކަރު މައްކާއާއި މަދީނާއާ ދެމެދަށް ބިމަށް ގަންބަވައިގަންނަވާނެކަމަށްވެސް ޙަދީޘްގައި އައިސްފައިވެއެވެ. އަދި އެހެން ލަޝްކަރުތައްވެސް އަންނާނެކަމާ، އަދި އެލަޝްކަރުތައް ބަލިކުރައްވާ ދުނިޔޭގައި އަނިޔާވެރިކަމާ ދެކޮޅުވެރިކަން ފެތުރިފައިވީފަދައިން ޢަދުލުވެރިކަމާ ހަމަހަމަކަން މަހްދީ ޤާއިމުކުރައްވާނެއެވެ. އަދި 7 އަހަރު ވަންދެން ވެރިކަން ކުރެއްވުމަށްފަހު މަހްދީ އަވަހާރަވާނެކަމަށްވެސް ޙަދީޘްކުރައްވާފައިވެއެވެ. [މިއީ އުންމު ސަލަމާއާއި އިބްނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އަދި ތިރްމިޛީއާއި އަބޫ ދާވޫދު މިޙަދީޘް ގެންނަވާފައިވެއެވެ.]
ހިޖުރައިން 15 ވަނަ ޤަރުނުގެ ފުރަތަމަ ދުވަހު މިކަން ޙާޞިލުކުރުމަށްޓަކައި ހަތިޔާރު އެއްކޮށްގެން އެބައިމީހުންގެ އަހުލުންނާއެކު މައްކާއަށް ދިޔައެވެ. އަދި ކަޢުބާ ޙިޞާރުކުރިއެވެ. ކަޢުބާގެ ކައިރީގައި ބައިޢަތު ހިފުމަށްފަހު ޖުހައިމާނުގެ އަމުރަށް ހަތިޔާރުއެޅި މީހުން މުންނާރުތަކަށް ފޮނުވުނެވެ. އަދި މިސްކިތުގެ ބޭރުގައި ޔުނިފޯމް އަޅައިގެން ތިބި ކޮންމެ މީހެއް ބަޑިޖަހާ މަރާލުމަށް އެންގިއެވެ.
އެބައިމީހުން ހިފާ ހައްޔަރު ކުރެވެންދެން އަދި ސުޢޫދީ ސިފައިންގެ ބާރުގެ ދަށަށް ކަޢުބާ ގެނެވެންދެން މިފަދަ ހަމަނުޖެހުންތަކެއް ހިނގާ ދިޔައެވެ. މަހްދީކަމަށް ދަޢުވާކުރި މުޙައްމަދު މި ހަމަނުޖެހުމުގައި ޤަތުލުވިއެވެ. މިސްކިތް އަނބުރާ ސުޢޫދީ ސިފައިންގެ އަތްދަށަށް ގެނައުމަށްފަހު މި ޖަމާޢަތުގައި ބާކީތިބި މީހުން ހައްޔަރުކޮށް، އެބައިމީހުންގެ ވެރިޔާ ޖުހައިމާނާއެކު އެއެންމެން ޢާންމު ތަނެއްގައި ބޯކަނޑާލެވުނެވެ.
މި ހަމަނުޖެހުމުގައި އެތައް ސަތޭކަ ކުށެއް ނެތް މުސްލިމުން މަރުވެ، ކަޢުބާއަށް ގެއްލުންލިބި އަދި ފަހުގެ ތާރީޚުގައި އިސްލާމްދީނުގެ އެންމެ މުޤައްދަސް މިސްކިތުގައި އަޅުކަން ހުއްޓުމަކަށް އައެވެ.
މިފަދަ ޙާދިޘާތަކުން އެނގިގެންދަނީ އިސްލާމްދީނުގެ މުޢުތަބަރު ޢިލްމުވެރިންގެ ބަސްފުޅުތަކަށް ތަބާވުމުގެ މުހިންމުކަމެވެ. ފަހެ ހުރިހާ ޒަމާނެއްގައިވެސް އެކިއެކި ފިރުޤާތައް ފާޅުވެ މުސްލިމުންނަށް ބޮޑެތި ގެއްލުންތައްވެފައިވަނީ ކީރިތި ޤުރުއާނާ ސުންނަތުގެ އަލީގައި ޢިލްމުވެރިން ދައްކަވާ މަގުން ހިނގުމަށް އިންކާރުކޮށް އަމިއްލައަށް ފެންނަ ގޮތަކީ އެންމެ ރަނގަޅުގޮތްކަމުގައި ދެކުމުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗوَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا﴾ [سورة النساء ٨٣]
މާނައީ: “އަދި، އެއުރެންގެ ގާތަށް އަމާންކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި ނަޞްރުލިބުން ނުވަތަ ބަލިވުން ފަދަ ޚަބަރެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި ރަސޫލާގެ އަރިހަށާއި އެއުރެންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ ޙަޤީޤަތްތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. ﷲ ގެ ފަޟްލުވަންތަކަމާއި، އެކަލާނގެ ރަޙްމަތްނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ ޝައިޠާނާއަށް ތަބާވެއްޖައީހެވެ.”
މިއާޔަތުގެ ތަފްސީރުގައި އިމާމު ޝައުކާނީ ވިދާޅުވިއެވެ.
“މިއާޔަތުގައި މިވާ أُولِي الْأَمْرِ ގެ މުރާދަކީ ޢިލްމުވެރި، ބުއްދިވެރި މީހުންކުރެ ބޮޑެތި ކަންތައްތަކުގައި އެބައިމީހުންނަށް ރުޖޫޢަވެވޭ މީހުންނެވެ. ނުވަތަ ވެރިންނެވެ.”
ދީނުގައި އޮތް ޙުކުމް ރަނގަޅަށް ސާފުނުވެ، އިސްލާމުންގެ ޢާންމުންގެ މައްޗަށް ކާފިރުކަމުގެ ޙުކުމް ޖެހުމަކީ އިސްލާމީ ތާރީޚުގައި މެދުވެރިވެފައިވާ އެންމެ ބޮޑު އެއް ފިތުނައެވެ. އެކަމުގެ ކުރިތައް މިވަނީ މިއަދާ ހަމައަށްވެސް ފޯރާފައެވެ. ދީނަށް ނުހަނު ލޯބިކުރާ ގިނަ ޒުވާނުންތަކެއް، އިސްލާމީ އުންމަތަށް ޖެހިފައިވާ ނިކަމެތިކަމުން އުންމަތް ސަލާމަތްކުރުމުގެ މަތިވެރި ޝިޢާރުގެ ދަށުން މިފަދަ ފިކުރުތަކުގެ ތެރެއަށް ވަރަށް ފަސޭހައިން ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ދީނުގެ މާ ބޮޑު ތަޢުލީމެއް ނޭނގި މީސްތަކުންގެ މައްޗަށް ކާފިރުކަމުގެ ޙުކުމުން ޙުކުމްކޮށް ވަކި ހިސާބަކުން މުސްލިމުންގެ ލެއާ މުދާ ހުއްދަކުރެއެވެ.
މިފަދަ ކަންކަމުން ރެކި ސަލާމަތްވެވޭނެ ހަމައެކަނި މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމެވެ. އަދި ނުހަނު އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ﷲ ގެ ދީން ބަޔާންކުރައްވާ ޢިލްމުވެރިންގެ އަރިހުން މިކަންކަމުގެ ޙަޤީޤަތް އޮޅުން ފިލުވައިގެންނެވެ. ޤިޔާމަތާ ހަމައަށްވެސް މިދީން ފުރިހަމަގޮތުގައި ރައްކާވުމުގެ ސަބަބެއްކަމުގައި ﷲ ތަޢާލާ އެފަދަ ބޭކަލުންވަނީ ލައްވާފައެވެ. އަދި ދީނުގެ ދިފާޢުގައި ޖާނާ މާލު ހޭދަކުރަންޖެހުނަސް އިސް ސަފުގައި ޤިޔާމަތާ ހަމައަށްވެސް އެފަދަ ޢިލްމުވެރިންތަކެއް ބިމިންމަތީގައި ތިއްބަވާނެއެވެ. އަޅުގަނޑުމެންނަށް އޮތީ ﷲ ގެ ވަޙީބަސްފުޅާ އެއްގޮތަށް ޢަމަލުކުރުމެވެ.
﴿… فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ [سورة الأنبياء ٧]
މާނައީ: “… ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!”
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނަށް ސީދާމަގަށް މަގުދައްކަވާ، ޙައްޤުގޮތް އެނގުމަށްފަހު އެގޮތުން އެއްކިބާވާ ބައެއްކަމުގައި ނުލެއްވުމެވެ.
﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ﴾ [سورة آل عمران ٨]
މާނައީ: “އަޅަމެންގެ ވެރިރައްބެވެ! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން ދެއްވާ އިލާހެވެ.”
وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
_____________________________
މަޞްދަރު: ޑރ. ބިލާލް ފިލިޕްސްގެ ތަފްސީރު ސޫރަތުލްޙުޖުރާތު