ޤަބުރަށް ޒިޔާރަތްކުރާ މީހާއަށް ތިން ފައިދާއެއް ވެއެވެ.
ފުރަތަމައީ: އޭނާ މަރުމަތިން ހަނދާންވާނެއެވެ. އޭރުން ހެޔޮޢަމަލުތައް ކުރުމަށް ލިބޭ ހިތްވަރަކަށް އެކަންތައް ވެއެވެ. ޙަދީޘެއްގައި ވެއެވެ.
((زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمْ الْآخِرَةَ)) [أخرجه مسلم في صحيحه]
މާނައީ “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާތަތްކުރާށެވެ. އެހެނީ އެކަންތައް ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.”
ދެވަނައީ: ޒިޔާރަތް ކުރުމުން ލިބޭ ދަރުމައާއި ޘަވާބު އޭނާއަށް ލިބޭނެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތަކަށް އެކަން ވާތީއެވެ.
ތިންވަނައީ: މުސްލިމު މައްޔިތާގެ މައްޗަށް އިޙްސާންތެރިވެ އެފަދަމީހުންނަށް ކުރާ ހެޔޮދުޢާގެ ސަބަބުން އޭނާއަށް (އެބަހީ: ޒިޔާރަތްކުރިމީހާއަށް) އެކަމުގެ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ.
މަރުވެފައިވާ މައްޔިތާއަށް ޝަރުޢުގައި ވާގޮތަށް ދުޢާކޮށްދިނުމުން އޭނާއަށް އެދުޢާގެ ސަބަބުން ފައިދާވެއެވެ. ދިރިތިބި މީހުންގެ ހެޔޮދުޢާއިން މައްޔިތުންނަށް ފައިދާ ކުރެއެވެ.
=ނުނިމޭ=