[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގައި ޚުޝޫޢަތްތެރިވުން 2

3-    ނަމާދަށް ތައްޔާރުވުން:

ނަމާދަށް އަޅާ ތައްޔާރުވުމަކީ އޭނާ މާތް ﷲ އަށް ލޯބިވާ ކަމުގެ ދިރިހުރި ޢަލާމާތެކެވެ. އަދި އޭނާ ނަމާދު ވަޤުތާއި އެ ނަމާދު ޖަމާޢަތުގައި އަދާކުރުމަށް ފަރުވާތެރި ވުމަކީ މާތް ﷲ އޭނާ ދެކެ ލޯބިފުޅުވާ ކަމުގެ އަލާމާތެކޭވެސް ބުނެވިދާނެއެވެ.

އެހެނީ މާތް ﷲ ޤުދުސީ ޙަދީޘެއްގައި ވަޙީކުރައްވާފައިވެއެވެ. “وما تقرب إلي عبدي بشيء أحب إلي مما افترضته عليه “ (رواه البخاري)

މާނައީ: ” (އަޅާ ތިމަން އިލާހާ ކުއްތަންވުމުގައި) ތިމަން އިލާހު އަޅާގެ މައްޗަށް ފަރުޟުކުރެއްވި ކަންތަކުން ކުއްތަންވުމަށްވުރެ ވަކިން ބޮޑަށް ތިމަން އިލާހުގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ އެހެން ކަމެއް ނުވެއެވެ.”

ވުމާއެކު، ނަމާދަކީ ހަމަކަށަވަރުން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި އަޅުކަމެކެވެ. އެ އަޅުކަން އޭގެ އެންމެ ފުރިހަމަ ހައިބަތުގައި ޤާއިމުކުރުމަކީ މާތް ﷲ ގެ ލޯބި އަޅާގެ މައްޗަށް ހާސިލުވާނެ ކަމެކެވެ.

ނަމާދަށް އިންސާނާ އަންނަ އިރު، ދުނިޔެވީ ފިކުރުތަކުން އޭނަގެ ހިތާއި ސިކުނޑި ހުސްކުރަން ޖެހޭނެއެވެ. ދުނިޔެއަކީ މާތް ﷲ ގެ ޙަޟްރަތުގައި މަދިރިއެއްގެ ވަރަޔާ އެއްފަދަވެސް ނުވާ އެއްޗެއް ކަން ހިތަށް ގެންނަން ޖެހޭނެއެވެ. ދުނިޔެއަކީ އިމްތިހާނެއްކަން ދަންނަން ޖެހޭނެއެވެ. ދުނިޔޭގައި އުޅެން ޖެހޭނީ މުސާފިރެއްގެ ގޮތުގައެވެ.

ކީރިތި ރަސޫލާ ޙަދީޘުފުޅު ކުރައްވާފައިވެއެވެ.

 “كن في الدنيا كأنك غريب أو عابر سبيل” وكان عبدالله بن عمر يقول :”إذا أصبحت فلا تنتظر المساء . إذا أمسيت فلا تنتظر الصباح ،وخذ من صحتك لمرضك ومن حياتك لموتك ” (رواه البخاري)

މާނައީ: ” ތިބާ ދުނިޔޭގައި ބީރައްޓެއްސެއްގެ ގޮތުގައި ނުވަތަ މުސާފިރެއްގެ ގޮތުގައި ވާށޭއެވެ.” އަދި (މިޙަދީޘްފުޅު ވިދާޅުވުމަށްފަހު) ޢަބްދުﷲ އިބްނު ޢުމަރު ވިދާޅުވެއެވެ. ” ތިބާގެ މައްޗަށް ހެނދުނު ވެއްޖެނަމަ ، ދެން ރޭގަނޑަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާގެ މައްޗަށް ރޭގަނޑުވެއްޖެނަމަ، ދެން ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ސިއްހަތުގެ (ފައިދާ ހެޔޮގޮތުގައި) ތިބާ ބަލިވުމުގެ (ކުރިން) ލިބިގަންނާށެވެ. އަދި ހަޔާތުގެ (ފައިދާ ހެޔޮގޮތުގައި) މަރުވުމުގެ (ކުރިން) ލިބިގަންނާށެވެ.”

ތިބާގެ ހިތް ދުނިޔޭގެ މަޝާޣިލުތަކާއި ފިކުރުތަކުން ހުސް ކުރުމަށްފަހު، ވުޟޫ ކުރާށެވެ. ވުޟޫ ކުރާއިރު ވީހާވެސް ވުޟޫގެ ޝަރުތުތަކާއި ވާޖިބުތަކާއި ސުންނަތްތަކަށް އަހައްމިއްޔަތުކަން ދޭށެވެ. އަދި ކާމިލު ވުޟޫއެއް ކުރާށެވެ. އެއަށްފަހު މިސްކިތަށް މަޑު މޮޅިކަމާއި މަޑު މައިތިރިކަމާއެކު އަރާށެވެ. އެއަށްފަހު ފުރަތަމަ ސަފަށް އިސްކަން ދޭށެވެ. އަދި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ގެ މި ޙަދީޘްފުޅު އަބަދުވެސް ހިތުގައި ބާއްވާށެވެ.

“ألا أدلكم على ما يمحو الله به الخطايا ويرفع به الدرجات؟”قلنا:بلى يا رسول الله .قال :”إسباغ الوضوء على المكاره،وكثرة الخطى إلى المساجد ،وانتظار الصلاة بعد الصلاة” (رواه مسلم والترمذي)

މާނައީ: ” ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަމެއް ކުރުމުން ފާފަތައް ފުހެވި ދަރަޖަތައް މަތިވެރިވާނެ ކަމަށް ދައްކައިދެން ހެއްޔެވެ؟” ތިމަންބޭކަލުން (އަޞްޙާބު ބޭކަލުން) ދެންނެވީމެވެ. ” އާދޭހެވެ. ﷲ ގެ ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘުފުޅު ކުރެއްވިއެވެ. ” ވުޟޫގެ ގުނަވަންތަކުގައި ރަނގަޅަށް ފެން ޖައްސުމާއި، މިސްކިތަށް ދިޔުމުގައި ގިނަ ފިޔަވަޅުތައް އެޅުމާއި، އެއް ނަމާދު ނިމުމުން އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ.”

އެހެންކަމުން، ފަރުޟު ނަމާދަކަށްވިޔަސް އަދި ނަފުލު ނަމާދަކަށް ވިޔަސް އަޅުގަނޑުމެންގެ ސަލަފުއްޞާލިހުން ވަރަށް ފުރިހަމައަށް ތައްޔާރުވެ އުޅުއްވިއެވެ. އެގޮތުން، ޙާތިމުލް އަޞަމްގެ އަރިހުން ސުވާލުކުރެވުނެއެވެ. އެކަލޭގެފާނުގެ ނަމާދާ ބެހޭގޮތުންނެވެ. ޖަވާބުގައި ވިދާޅުވިއެވެ. ” ނަމާދު ވަގުތު ވަދެއްޖެނަމަ، ވުޟޫ އޭގެ އެންމެ ކާމިލު ގޮތުގައި ކުރަމެވެ. ދެން ނަމާދު ކުރާ ތަނަށް ދަމެވެ. (މިސްކިތުގައި ނަމަ، މަސްޖިދުއްސުންނަތުގެ ދެރަކުޢަތް އިށީނުމުގެ ކުރިން ކުރަން ޖެހޭނެއެވެ.) އެއަށްފަހު އިށީންނަމެވެ. އެއީ ހުރިހައި ގުނަންތަކެއް ހަމަޖެހިލުމަށް ދާންދެނެވެ. ދެން ނަމާދަށް ތެދުވަމެވެ. ތެ ތަނބިކަށި އަހުރެންގެ ހަށިގަނޑުގެ ފުޅާމިނަށްވާ ގޮތަށް ބަހައްޓަމެވެ. މިހުރީ ޞިރާޠު މަގުގައި ކަމަށް ބަލަމެވެ. ސުވަރުގެ ވަނީ އަހުރެންގެ ކަނާއަތް ފަރާތުގައެވެ. އަދި ނަރަކަ ވަނީ ވައަތް ފަރާތުގައެވެ. މަލަކަލް މައުތު ވަނީ އަހުރެންގެ ފަހަތުގައެވެ. ދެން މިއީ އަހުރެންގެ އެންމެ ފަހު ނަމާދު ކަމަށް ހީކުރަމެވެ. ދެން އުއްމީދާއި ބިރުވެރިކަމުގެ މެދުގައި ވަމެވެ. (އުއްމީދަކީ ސުވަރުގެ ލިބުމެވެ. ބިިރުގަންނަނީ ނަރަކައިގެ އަޛާބަށް ހުށަހެޅިދާނެކަމަށެވެ). އަދި ހަށަން ބަންނަ ތަކުބީރު ވިސްނައިގެން ލަސްލަހުން ކިޔަމެވެ. އަދި ޤުރުއާން ވީހާވެސް ތަރުތީލުކޮށް ރީއްޗަށް ކިޔަވަމެވެ. ދެން ތަވާޟުޢުކަމާއެކު ރުކޫ ކުރަމެވެ. އަދި ޚުޝޫޢަށްތެރިކަމާއެކު ސަދިޖަކުރަމެވެ. އިޚްލާޞްތެރިކަން މިހުރިހައި ކަމަކާ އެކުކޮށްލަމެވެ. ނަމަވެސް، (ނަމާދުކޮށް ނިމޭއިރު) މި އަޅުކަން މާތް ﷲ ޤަބޫލު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.”

ދެން ނަމާދަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ ކަމަކީ، މުއައްޒިނާއެކު ބަންގީގެ ކަލިމަތައް ތަކުރާރު ކުރުމެވެ. ނަމަވެސް، حي على الصلاة حي على الفلاح މުއައްޒިނު ކިޔާއިރު އަޅުގަނޑުމެން ކިޔަން ޖެހޭނީ لا حول ولا قوة إلا بالله މިހެންނެވެ. އެހެން ހުރިހައި ކަލިމައެއް މުއައްޒިނާއެކު ތަކުރާރު ކުރާނީއެވެ. ބަންގިއަށްފަހު ބަންގި ދުޢާ މާނައަށް ވިސްނައިގެން ކިޔަންވާނެއެވެ.

އަދި ދަންނައެވެ. ފަރުޟު ނަމާދުގެ ކުރިން ކުރާ ރަވާތިބު ސުންނަތް ނަމާދުތަކާއި ނަވާފިލު ނަމާދުތަކުގެ ސަބަބުން ޚުޝޫޢަތްތެރިކަން އިތުރުވާނެއެވެ. އެހެނީ، ފަރުޟު އަޅުކަމަށްފަހު، ދެން މާތް ﷲ ގެ ލޯބި އަޅާގެ މައްޗަށް ޙައްޤުވެގެންދާ ކަމަކީ ނަވާފިލުތަކެވެ. ޤުދުސީ ޙަދީޘުފުޅެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “ولا يزال عبدي يتقرب إلى بالنوافل حتى أحبه” (رواه البخاري)

މާނައީ: ” ނަވާފިލު އަޅުކަންތަކުން އަޅާ ތިމަން އިލާހާ ކުއްތަން ވުމުގައި ދެމިހުރެއްޖެނަމަ، އެ އަޅާ ދެކެ ތިމަން އިލާހު ލޯބިވެވޮޑިގަންނަވަމެވެ.”

4-    ނަމާދުގެ އަޙްކާމުތައް އެނގުން:

ހަމަކަށަވަރުން، ނަމާދު ފުރިހަމައަށް ކުރެވޭނީ ނަމާދުގެ އަޙްކާމުތައް އެނގިގެންނެވެ. ނަމާދުގެ އަޙްކާމުތައް އެނގުމަކީ ނަމާދު ކުރުމުގައި ޚުޝޫޢަތްތެރިކަން އިތުރުވާނެ ސަބަބެކެވެ. ނަމާދުގެ ރުކުންތަކާއި ވާޖިބާތުތަކާއި ސުނަނުތައް ދަސްކުރަން ޖެހޭނެއެވެ. އަދި ވީހާވެސް ފުރިހަމައަކަށް ނަމާދު އަދާކުރެވޭތޯ ބަލަންވާނެއެވެ. އެހެނީ، ނަމާދު ފިޤުހު ނޭނގި ކުރެވޭ ނަމާދެއްގެ މާ ބޮޑު މޭވާއެއް ނެތެވެ. އެކަމުން ކުރާނޭ މާ ބޮޑު ރާހަތެއް ނެތެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘުފުޅު ކުރައްވާފައިވަނީ އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް ނަމާދު ކުރުމަށެވެ. “صلوا كما رأيتموني أصلي” މާނައީ: “ތިމަން ކަލޭގެފާނު ނަމާދުކުރަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ނަމާދު ކުރާށެވެ”.

(ނުނިމޭ)