ދެވަނަ ޙުކުމް:
ޙައިޟުގެ ދުވަސްވަރު ޖިމާޢުވެއްޖެމީހާގެ ކައްފާރާ
އަންހެނާ ޙައިޟުގެދުވަސްވަރު ޖިމާޢުވުން ޙަރާމްކަމާމެދު ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އެހެންނަމަވެސް ޢިލްމުވެރިންގެމެދުގައި ޚިޔާލުތަފާތުވެފައިވަނީ އެކަންކޮށްފިމީހާގެ މައްޗަށް ދެން ވާޖިބުވެގެންވަނީ ކޮންކަމަކާމެދުގާތޯއެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. (مالك والشافعي وأبو حنيفة) އިސްތިޣުފާރުކޮށް ﷲއަށް ތައުބާވުންފިޔަވާ އިތުރުއެއްވެސްކަމެއް އޭނާގެ މައްޗަށް ނުވާކަމަށެވެ.
އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. “ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައިކުޅައެއްބައި ޞަދަޤާތްކުރަންޖެހޭނެއެވެ.” އެއީ ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރަސޫލުﷲ صلى الله عليه و سلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައިވާ ފަދައިންނެވެ.
((مَنْ يَأْتِي امْرَأَتَهُ وَهِيَ حَائِضٌ يَتَصَدَّقُ بِدِينَارٍ أَوْ بنصْفِ دِينَارٍ))[1]
މާނައީ: “އަނބިމީހާ ޙައިޟުވެރިވެފައިވަނިކޮށް އޭނާއާ ޖިމާޢުވެއްޖެމީހާ، ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައިން ޞަދަޤާތްކުރާށެވެ. “
(ދީނާރަކީ ގާތްގަނޑަކަށް 4.25 ގުރާމު ރަނެވެ. އެހެންކަމުން 4.25 ގުރާމުގެ ރަނަށް ވާ ވަރަށް ރުފިޔާއިން ޞަދަޤާތްކުރާނީއެވެ. ނުވަތަ އޭގެ ދެބައިކުޅައެއްބައިން ޞަދަޤާތްކުރާނީއެވެ. އިސްވެދިޔަ ޙަދީޘްއަކީ ޝައިޚު އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘްއެކެވެ. އަދި އެކަލޭގެފާނުގެ ރަޢުޔަކީވެސް މިއެވެ.)
އަދި ބައެއް ޙަދީޘް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ލޭހުއްޓާ ވަޠުޔުކޮށްފިނަމަ އެއްދީނާރެވެ. ލޭ ނެތިސް ވަޠުޔުކޮށްފިނަމަ ދީނާރެއްގެ ދެބައިކުޅައެއްބައެވެ.
القرطبي ވިދާޅުވިއެވެ. “އިސްތިޣުފާރުކޮށް ތައުބާވުން ފިޔަވައި އިތުރު ކައްފާރާއެއް އެމީހަކަށް ވާޖިބުނުވާނެއެވެ. އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘާއި އެފަދަ އެހެން ޙަދީޘްތައް އެއީ ޙުއްޖަތެއް ނޫނެވެ. …”[2]
= ނުނިމޭ =
މިލިޔުމުގެ އެހެނިހެން ބައިތައް
__________________________________
[1] أخرجه أصحاب ” السنن ” والطبراني في ” المعجم الكبير “
[2] جامع الأحكام القران للقرطبي