[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަމަލުތައް ބޭކާރުކޮށް ނުލައްވާށެވެ !

މުސްލިމުންނަށް ވީތީ އަޅުގަނޑުމެން އަދާކުރަންޖެހޭ ފަރުޟުތަކާއި ވާޖިބުތައް ހުރެއެވެ. އެއީ ކުރުން ކޮންމެހެން ލާޒިމު ކަންތަކެވެ. މީގެ އިތުރުންވެސް ކުރުން މުސްތަޙައްބު ކަންތައް ހުރެއެވެ. އެހެންކަމުން، ހެޔޮ ލަފާ ރަނގަޅު މުސްލިމަކު އޭނަގެ މައްޗަށްވާ ފަރުޟުތައް އަދާކުރާނެ ކަމާމެދެ ޝައްކެއް ނެތެވެ.

އަޅުގަނޑުމެން ކުރާ ޢަމަލުތަކަކީ ބޭކާރު ޙަރަކާތްތަކަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނޭ ގޮތެއް ނޫނެވެ. ސަބަބަކީ އަޅުކަން ކުރަނީ މަޤްބޫލު އަޅުކަމެއްގެ އުއްމީދުގައި ކަމަށްވާތީއެވެ.

އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ބަލާލަން ގަސްތުކުރަނީ އަޅުކަންތައް ޤަބޫލުކުރެވޭ ޝަރުތުތަކުގެ މައްޗަށެވެ. އެއީ ދެ ޝަރުތެކެވެ.

1-    އިޚްލާޞްތެރިވުން

2-    މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ދަސްކޮށްދެއްވި ގޮތަށް ކުރުން

އިޚްލާޞްތެރިވުމަކީ ކޮބާ؟

އިޚްލާޞްތެރި ވުމަކީ އެކުރާ އަޅުކަމެއް މާތް ﷲ އަށްޓަކައި ކުރުމެވެ. އެ އިލާހުގެ މަޣްފިރަތާއި ރުއްސެވުމަށް އެދިގެން ކުރުމެވެ. އިޚްލާޞްތެރިކަން ގެއްލިއްޖެ ޢަމަލަކީ މަންފާއެއްނެތް ހުސް ޙަރަކާތްތަކެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި އަލްބައްޔިނާތުގެ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީކުރައްވަނީ މިފަދައިންނެވެ. ” ބާޠިލުމަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނައަކީ އެއީއެވެ.”

ދީނީ އަޅުކަންތަކުގެ އިތުރުން ތިމާ ކުރާ ދުނިޔެވީ ޢަމަލުތައްވެސް ޘަވާބާއި ދަރުމަ ލިބޭ ކަމަކަށް ހެދިދާނެއެވެ. ތިމާ އަދާކުރާ ވަޒީފާއަކީވެސް ޘަވާބާއި ދަރުމަ ލިބޭ މަސައްކަތަކަށް ހެދިދާނެއެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. އެއީ ހިތް ނިޔަތް މާތް ﷲ އަށް ޚާލިޞްކުރުމެވެ. އެހެނީ ޙަލާލު ގޮތުގައި ރިޒްޤު ހޯދުމާއި ހޭދަކުރުމަކީ މާތް ﷲ އަމުރުކުރައްވާފައިވާ ކަމަކަށްވާތީއެވެ.

ދެއްކުންތެރިކަމަކީ އަޅާގެ ޢަމަލުތައް ބަރުބާދުކޮށްލާ ކަމެކެވެ. ދެމީހެއްގެ ވާހަކަ ތަޞައްވަރުކޮށްލައްވާށެވެ. ދެމީހުންވެސް ދިޔައީ ނަމާދަށް މިސްކިތަށެވެ. އެއްގަޑިއެއްގައެވެ. ގަމަތް ދިނުމާއެކު ދެމީހުންވެސް ހުއްޓުނީ އިމާމާއާ އެންމެ ކައިރީގައެވެ. ނަމާދުކޮށް ނިމިއްޖެއެވެ. ނަމަވެސް، ދެމީހުންގެ އަޖުރު އުޑާއި ބިމާހާ ތަފާތެވެ. އެކެއްގެ އަޖުރު އެތައްހާސް ގުނައަކަށް އިތުރުވިއިރު އަނެކެއްގެ އެކައުންޓަށް ޖަމާވީ ސުމެކެވެ. ސުވާލަކީ މިހެންވާންވީ ކީއްވެގެންތޯއެވެ؟ ދެމީހުންވެސް ކުރީ އެއް ނަމާދެއް ނޫންތޯއެވެ؟ އެއް އިމާމެއްގެ ފަހަތުގައި ނޫންތޯއެވެ؟

ޖަވާބަކީ، ތަފާތު ވީކީ ކުރި ޙަރަކާތްތަކެއް ނޫނެވެ. ތަފާތުވީ ހިތުގައި އޮތް އެއްޗެވެ. އަޖުރުގެ މީޒާނު ބަރާވެގެން ދިޔަ މީހާ އައީ މާތް ﷲ ގެ ވަޖުހުފުޅަށް އެ އަޅުކަން އަދާކުރުމުގެ ނިޔަތުގައެވެ. އެ އިލާހުގެ ރުއްސެވުން ލިބިގަތުމަށެވެ. ނަމަވެސް އަނެކާ އައީ ކޮންމެވެސް ގާތް މީހަކު އާދޭސްކުރީމައެވެ. ނުވަތަ މަންމަ ކިޔާތީއެވެ. ނުވަތަ އެހެންމީހުންގެ ދުލުން އެއީ ހާދަ ރަނގަޅު މީހެކޭ ބުނުވުމުގެ ނިޔަތުގައެވެ.

ކޮންމެއަކަސް، އިޚްލާޞްތެރިކަމާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް، މަޤްސަދަކީ ހަމައެކަނި ހަނދުމަކޮށްދިނުން ކަމުގައިވާތީ މިވަރުން ފުއްދާލާފައި ދެވަނަ ޝަރުތައް ބަލާލާނަމެވެ.

އަޅުކަންތައް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ދަސްކޮށްދެއްވި ގޮތަށް ކުރުމަކީ ކޮބާ؟

ޝައްކެއް ނެތް ގޮތުގައި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ގެ ވަޒީފާއަކީ އުއްމަތަށް ޤުރުއާން ފޯރުކޮށްދިނުމާއެކު، އެ ޤުރުއާން މީސްތަކުންނަށް ބަޔާންކޮށް ދިނުންވެސް މެއެވެ. އެހެންކަމުން މި ޒިންމާ އެކަލޭގެފާނު ވަނީ ވަރަށް ފުރިހަމައަށް އަދާކުރައްވާފައެވެ.

ހަމަ އެހެންމެ، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް އޮތް ޒިންމާއަކީ އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް އަޅުކަންތައް އަދާކުރުމެވެ. އެހެނީ އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަކީ މާތް ﷲ ގެ ޙަޟްރަތުން ގެނެސްދެއްވި ގޮތެވެ. މިގޮތާ ޚިލާފުވެއްޖެނަމަ އެ އަޅުކަމެއް މާތް ﷲ ޤަބޫލު ނުކުރައްވާނެއެވެ. އެހެނީ މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅު ކުރައްވަނީ މިފަދައިންނެވެ. ” އަހަރެމެންގެ ދީނުގައި ވާގޮތާ ޚިލާފަށް ޢަމަލުކޮށްފި މީހެއްގެ ޢަމަލުތައް ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ.” (މުސްލިމް)

އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތާ ޚިލާފަށް އަޅުކަމުގެ ތެރެއަށް އުނި އިތުރެއް ގެނައުމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢަކީ މަގު ފުރެދުމެކެވެ. އަދި ކޮންމެ މަގު ފުރެދުމެއް ވާހުށީ ނަރަކާގައެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބަކީ އެކަލޭގެފާނު ދޫކުރެއްވި ތަޢުލީމު ދަސްކުރުމެވެ. އެކަލޭގެފާނު ނަމާދު ކުރެއްވީ ކިހިނެއްތޯ ފިޤުހު ފޮތްތަކުން ހޯދައިގަތުމެވެ. ނޭނގޭތީ ފަރުވާ ކުޑަކުރުމަކީ އުޒުރެއް ނޫނެވެ. އެއީ ފާފައެކެވެ.

ވުމާއެކު، އަޅުކަމެއް ކުރުމުގެ ކުރިން ދީނުގައި އެ އަޅުކަމެއް ކުރުމަށް އަންގަވާފައިވާ ގޮތަކީ ކޮބައިކަން މުތާލިއާކުރަން ޖެހޭނެއެވެ. ރޯދަމަސް ޖެހުމުގެ ކުރިން ރޯދައިގެ ޙުކުމްތައް މުތާލިއާ ކުރަންވާނެއެވެ. ޙައްޖަށް ދިއުމުގެ ކުރިން ޙައްޖާ ބެހޭ ރަނގަޅު ޞައްޙަ ފޮތެއް ކިޔައި ޙައްޖުގެ ޙުކުމްތައް ދަސްކުރަންވާނެއެވެ. އެހެންނޫނީ، ސުންނަތާ ޚިލާފު އެތައް ކަމެއް ކުރެވި އެ ޢަމަލު ބާޠިލުވެދާ ހިސާބަށް ދިއުން ވެސް އޮންނާނީ ދާދި ކައިރީގައެވެ.

ހަމަ އެފަދައިން، އަޅުކަމުގެ އިތުރުން މުޢާމަލާތުގެ ކަމެއް ކުރަން ތިމާ ގަސްތުކުރާނަމަ އެކަމެއްގެ ޙުކުމްތައް ވެސް ހޯދައި ބަލަން ޖެހޭނެއެވެ. މިސާލަކަށް، ވިޔަފާރިއެއް ހިންގަން ތިމާ ދިމާކުރާނަމަ ވިޔަފާރީގެ ތަފާތު އަޙްކާމުތައް މުތާލިއާކޮށް ދަސްކުރަންޖެހޭނެއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ސުންނަތުގައި މިހުރިހާ ކަމެއް ވަނީ ބަޔާންވެފައެވެ. މި ދީނަކީ ޝާމިލު ދީނެކެވެ.

ނަމަވެސް، ހިތާމައަކީ ކަމެއް ކުރުމުގެ ކުރިން ދީނުގައި އެކަމެއްގެ ޙުކުމަކީ ކޮބައިތޯ އަދި އެކަމެއް ކުރުމަށް އެންމެ ރަނގަޅު ޞައްޙަގޮތަކީ ކޮބައިތޯ ހޯދާބަލާ މީހުން އަޅުނޑުމެންގެ ތެރެއިން މަދުވުމެވެ. އެއާ ޚިލާފަށް މީހަކު ސުންނަތުން ޘާބިތުވާ ގޮތަކަށް ކަމެއްކޮށްފިނަމަ އެކަމަކަށް މަލާމާތާއި ފުރައްސާރަކުރުމަކީ ޢާންމު ކަމެކެވެ.

މަޢުޞޫއަކީ ވަރަށްވެސް ތަނަވަސް މަޢުޟޫއެކެވެ. މިފަދަ ކުރު ލިޔުމެއްގައި އިންޞާފުވެރިގޮތެއްގައި އަލިއަޅުވާނުލެވޭނެކަންވެސް އެނގެއެވެ. ނަމަވެސް، މަޤްސަދަކީ ކުރިންވެސް ދެންނެވިފަދައިން ހަނދުމަކޮށްދިނުން ކަމަށްވާތީ މިވަރުން ފުއްދާލާނަމެވެ.

އަޅުގެ ދުޢާއަކީ އަޅަމެންނަކީ ދީނުގައި އޮންނަ ޙުކުމްތަކަށް ބޯލަބައި، ދީނުގައި ކަންތައް ކުރުމަށް ވާރިދުވެފައިވާ ގޮތަށް ކުރާ ބަޔަކު ކަމުގައި ލައްވައި، އަޅަމެންގެ ޢަމަލުތަކަކީ މާތް ﷲ ގެ ޙަޟްރަތުގައި މަޤްބޫލު ޢަމަލުތަކެއްކަމުގައި ލެއްވުމެވެ. އާމީން!