ﷲ ޞުބުޙާނަހޫ ވަތަޢާލާ އެކަމަކަށްޓަކާ ޖިންނިންނާއި އިންސިން، ޚަލްޤުކުރައްވާފައިވާ ކަމަކީ، އެއިލާހު އެއްކައުވަންތަ ކުރުމެވެ. އަދި އަޅުކަން އެއިލާހަށް ޚާލިޞްކުރުމަށެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾ ﴿الذاريات﴾
މާނައީ: “އަދި ތިމަންއިލާހަށް އަޅުކަންކުރުމަށްޓަކައި މެނުވީ ޖިންނިންނާއި އިންސީން ނަހައްދަވަމެވެ. އަދި އެބައިމީހުންގެ ކިބައިން ރޯއްޖަކަށް އަދި ކާއެއްޗަކަށް ތިމަންއިލާހު އެދިވޮޑިނުގަންނަވަމެވެ.”
މިއާޔަތަކީ، ﷲތަޢާލާގެ ތައުޙީދު ބަޔާންކޮށްދީފައިވާ އާޔަތެކެވެ. މި އާޔަތުގައިމިވާ (إِلَّا لِيَعْبُدُونِ) (އަޅުކަންކުރުމަށްޓަކައި މެނުވީއެވެ.) މިބަހުގެ މުރާދުގައި ޢިލްމުވެރިން ވިދާޅުވެއެވެ. (يعني إلاَّ ليوحّدونِ) އޭގެމާނައަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުމަށްޓަކައި މެނުވީއެވެ.
ޝައްކެއްނެތެވެ! މިދުނިޔެއަކީ އިމްތިޙާނުގެ ގޯއްޗެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴿٢﴾ ﴿الملك 1,2 ﴾
މާނައީ: “އެންމެހާ ވެރިކަމެއް އެފަރާތެއްގެ އަތްޕުޅުގައިވާފަރާތް މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އެއީ ކޮންމެ ކަމަކަށްމެ، ކުޅަދުންތަންތަވެވޮޑިގެންވާ އިލާހެވެ. އެއިލާހީ، ޢަމަލުތައް އެންމެ ރަނގަޅީ ކާކުތޯ އިމްތުޙާނުކުރެއްވުމަށްޓަކައި މަރުވުމާއި ދިރުންލެއްވި އިލާހެވެ. އަދި އެއިލާހީ ގަދަފަދަވަންތަ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
ދަންނާށެވެ! ދުނިޔޭގައި އިންސިންނާއި ޖިންނިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑުވެގެންވާ އިމްތިޙާނަކީ، ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ އިމްތިޙާނެވެ. އެހެނީ އިންސިއަކުވިޔަސް އަދި ޖިންނިއަކުވިޔަސް، ނަރަކާގައި ދާއިމަށް ދެމިއޮތުމަށް މިންކުރެވޭ މީޒާނަކީ ތައުޙީދެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ.
إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿المائدة: ٧٢﴾
މާނައީ: “ﷲތަޢާލާއަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، ﷲތަޢާލާ އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝިރުކުކުރާ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”
އަދި ޤިޔާމަތްދުވަހު މަންފާކުރާނީ ހަމައެކަނި ﷲ އެއްކައުވަންތަ ކުރިމީހުންނަށެވެ. އެއީ އެބައިމީހުން އެއިލާހު އެއްކައުވަންތަ ކުރިކަމަށްޓަކައެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވެއެވެ.
قَالَ اللَّـهُ هَـٰذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ ﴿المائدة: ١١٩﴾
މާނައީ: “ﷲތަޢާލާ ވަޙީކުރައްވަވާނެއެވެ. މިއީ، ތެދުވެރިންނަށް، އެއުރެން އެތެދުކުރިކަން، މަންފާކޮށްދޭ ދުވަހެވެ”
އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު، މި އާޔަތުގައިމިވާ ތެދުވެރިންނާއި، އެތެދުކުރިކަންތަށް ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ.
“يوم ينفع الموحدين توحيدهم” މާނައީ: “މިއީ ﷲތަޢާލާ އެއްކައުވަންޔަކުރިމީހުންނަށް އެއުރެން އެއިލާހު އެއްކައުވަންތަ ކުރިކަމަށްޓަކައި މަންފާ ކުރާނެދުވަހެވެ.”[1]
އެހެންކަމުން އިސްވެދިޔަ ބަސްފުޅުތަކުން އެނގިގެންދިޔައީ އެންމެ ބޮޑު އަދި އެންމެ މުހިންމު ކަމަކީ ﷲތަޢާލާ އެއްކައުވަންތަ ކުރުންކަމެވެ. އަދި އެންމެ ބޮޑު ނިޢުމަތަކީވެސް އެއީކަމެވެ.
ﷲތަޢާލާއަށް ޙާމްދު ހުއްޓެވެ! އަހަރެމެން ދިރިއުޅެމުންމިދަނީ، ނޫ ކަނޑެއްގެ ތެރޭގައިވާ، ދޮންވެލި ކުދިކުދި ރައްތަކެއްގެ މައްޗަށް އުފެދިފައިވާ، މީސްކޮޅުމަދު ޖަޒީރާ ޤައުމެއްގައެވެ. ﷲ ތަޢާލާގެ ނުހަނު އޯގާވަންތަކަމާއި، ލެއްވި ރަޙުމަތެއްގެ ބޮޑުކަމުން، މީގެ 800 ވަރަކަށް އަހަރުކުރިން އަހަރެމެންގެ މައްޗަށްވަނީ އެއިލާހުގެ ހިދާޔަތުގެ އަލިގަދަ ނޫރުން، އަލިކަން ލިއްބަވާދެއްވާފައެވެ. އެއީ އީމާންކަމުގެ ނިޢުމަތެވެ. މިއީ ދުނުޔެމަތީގައި މީހަކަށް ލިބިގެންވާނޭ އެންމެ ބޮޑުނިޢުމަތެވެ. މި ނިޢުމަތް ލިބިފައިވާ މީހަކާއި މި ނުޢުމަތުން މަޙުރޫމުވެފައިވާ މީހާގެ މިސާލަކީ، އަލިފާނުގައި ދިރިއުޅެމުން އަންނަ މީހަކާއި، ސާފު ވައި ލިއްބާފޭ ހިއްފަސޭހަ ބަޤީޗާއެއްގައި ދިރިއުޅެމުން އަންނަ މީހެއްގެ މިސާލެވެ.
ބަޔަކަށް ނިޢުމަތެއް ލިބިއްޖެނަމަ، އެ ނިޢުމަތަށް ޙަސަދަވެރިވެ، އެނިޢުމަތެއް ބީވެ ދިޔުމަށް އެދިއެދި ތިބޭނެ ބަޔަކު ވުމަކީ، ޝައްކެއްނެތް ކަމެކެވެ. މިލޮބުވެތި ވަޠޮނުގެ އަހުލުވެރިންނަށް ލިބިފައިވާ، މިދެންނެވި ބޮޑުވެގެންވާ ނިޢުމަތަށް މާގިނަ ދުވަސްތަކެއްނުވެ ޙަސަދަވެރިންގެ އަސަރަގަދަ ވިހަތަށް ވަނީ ފޯއްދާލާފައެވެ. އީމާންކަމުގެ ތެރެއަށް ޝިރުކުގެ ވިހަ ވަނީ ވައްދާފައެވެ. ޒިޔާރަތްތަކަށް ނަދުރުބުނުމާއި، މާލޫދުކިޔުމާއި، ޤަބުރައް ދެންނެވުންފަދަ ނަޖިސްކަން އެކުލެވިފައިވާ ޝިރުކުތަށް ވަނީ ތާރީޚުގެ ރަން ޞަފުޙަތަކުގައި ލިޔެވިފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އިސްވެ ދެންނެވުނު ޝިރުކުގެ ހުތުރު ޢަމަލުތަށް ލިޔެވެމުންމިދަނީ ތާރީޚުގެ ރަން ޞަފުޙާތަކުގައެވެ. ﷲ ފިޔަވާ އަޅުކަން ކުރެވެމުންއާ ބުދުތަކާއި ހިލަތައްވަނީ، ދާރުލް އަސާރުތަކުގައި އިޙްތިރާމް ލިބެނެވިގޮތުގައި ރައްކާކުރެވި، ޙިމާޔަތްކުރެވިފައެވެ. ޒިޔާރަތްތަކާއި، މީސްތަކުންގެ އަޤީދާ ފާސިދުކުރަނިވި އެންމެހާތަނެއްވަނީ އަސާރީ ތަންތަނުގެ ނަމުގައި ޙިމާޔަތްކުރެވިފައެވެ.
ކަމުގެ ޙަޤީޤަތައް ވިސްނާލާފިނަމަ، އިސްވެދެންނެވިފަދަ ކަންތައްވެގެންދިޔުމުމުގެ މައިގަނޑު އަޞްލަކީ، މީސްތަކުންގެ ޢިލްމު މަދުވުމެވެ. ޙަޤީޤަތަކީ، މިލޮބުވެތި ވަޠަނުގެ އަހުލުވެރިންނަކީ، ދީނަށް ނުހަނު ލޯބިކުރާ ބައެކެވެ. އެބައިމީހުން ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ހެކިވެއެވެ. “لا إله إلا الله” މި މަތިވެރިވެގެންވާ ކަލިމަފުޅު، މިބައިމީހުން ކިޔަމުންދެއެވެ. ނަމަވެސް މި މަތިވެރި ކަލިމަފުޅުގައި އެކުލެވިގެންވާ ޙަޤީޤީ މާނަ، އެބައިމީހުންގެ ޢިލްމު މަދުވުމުގެ ސަބަބުން ވަނީ ނޭނގިފައެވެ. ނުވަތަ ވަނީ އޮޅިފައެވެ. ނުވަތަ ބައެއްގެ ރަސްކަމާއި، ވެރިކަމާއި، ވަލީވެރިކަން[2] ދިފާޢު ކުރުމަށްޓަކައި ވަނީއޮޅުވާލާފައެވެ.
“لا إله إلا الله” މިކަލިމަފުޅުގައި ހިމެނެނީ މައިގަނޑު ދެބައެކެވެ. އެއީ ނަފީ ކުރުމާއި ސާބިޠުކުރުމެވެ. އޭގެ ތެރެއިން ސާބިޠުކުރުމުގެ ބައިގައި މިބައިމީހުން ހިފައެވެ. ﷲތަޢާލާގެ ކުޅަދުންވަންތަކަމާއި އިލާހުވަންތަކަން މިބައިމީހުން ޤަބޫލުކުރެއެވެ. އެހެންނަވެސް މިކަލިމަފުޅުގެ އަނެއްބައިވަނީ ފުރިހަމއަށް ނޭގިފައެވެ. އެއީ ﷲ ފިޔަވާ އެހެން ހުރިހާ އިލާހުންތަކަށް ކާފިރުވެ، އެހެން ހުރިހާ އިލާހުންތަކެއް ނަފީކުރުމާއި، ﷲއާއި އެއިލާހުގެ ނަބިއްޔާއާއި އަދި އެއިލާހުގެ ދީނަށް ނަފުރަތްތެރިކުރާމީހުންނަށް ނަފުރަތްތެރިވުމާއި މިފަދަ އެހެންވެސް ތައުޙީދު މުހިންމު ކަންކަން ވަނީ ގިނަބަޔަކަށް ނޭނގިފައެވެ. ކުރިންވެސް ދެންނެވުނުފަދައިން މިކަމުގެ އަޞްލަކީ މީސްތަކުންގެ ޢިލްމުމަދުވެފާވާވުމެވެ.
ވިމާ ﷲއެއްކައުވަންތަ ކުރާހާލު އެއިލާހާ ބައްދަލުކުރަން އެދޭނަމަ، އަދި ނަރަކައަކީ ތިމާގެ ދާއިމަށް ގޮވަތިކަމުގައި ވުމަށް ނޭދޭނަމަ، ﷲތަޢާލާ އެއްކައުވަންތަކުރަން ދަސްކޮށް ތައުޙީދުގެ މަތީގައި މަރުވަންދެން ޘާބިތުވެ ދެމިތިބޭށެވެ. އެއީ ޤިޔަމާތްދުވަހުގައި ﷲއާއި ބައްދަލުކުރާއިރު އެއިލާހާ އެއްވެސް އެއްޗަކާއި ޝާރީކުކޮށްފައިވާ މީހެއްގެ ގޮތުގައި ނުވުމަށްޓަކައެވެ.
و صلى الله و سلم على نبينا محمد و آله و صحبه
[1] تفسير إبن كثير
[2] ނޯޓް: މިތަނުގައި ބުނެފައިއެވާ ވަލީވެރިންނަކީ، ﷲތަޢާލާގެ ޞާލިޙު އަޅުތަކުންގެ ތެރެއިންވާ ވަލީވެރިންގެ ވާހަކައެއްނޫނެވެ. އެތަނުގައި އެވަނީ، ވަލީވެރިންގެ ނަމުގައި މީސްތަކުންނަށް ކަންކަން އޮޅުވާލާ، ވަލީވެރިންގެ ނަމުގައި މީސްތަކުންގެ މުދާތައް ބާޠިލްގޮތުގައިކައި، ވަލީވެރިންގެ ނަމުގައި މީސްތަކުންގެ ޢިއްފަތްތަރިކަން ފޭރިގަނެ އަދި ވެލީވެރިންގެ ނަމުގައި މީސްތަކުންގެ މައްޗަށް ބާރުހިނގުމަށް އުޅެމުންއާ ގައްދާރުންގެ ވާހަކައެވެވެ.