[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 7

ހަތަރުވަނަ ޙުކުމް:

ޙައިޟުން ޠާހިރުވުމަށްފަހު ޖިމާޢުވުން ހުއްދަވާ ވަގުތު

ޙައިޟުގެ ދުވަސްވަރު އަންހެންކަނބަލުން ޠާހިރުވެއްޖެމަށްދާނދެން ޖިމާޢުވުމަކީ ޙަރާމްކަމެއްކަމަށް ﷲ ތަޢާލާގެ ވަޙީބަސްފުޅުން ދަލީލުކުރެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. {وَلاَ تَقْرَبُوهُنَّ حتى يَطْهُرْنَ} މާނައީ: “އަދި އެކަނބަލުން طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ!”

އެހެންނަމަވެސް ޠާހިރުވުމަކީ ކޮބައިކަމާއިމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.

  1. އަބޫހަނީފާގެ ރަޢުޔު:

އަންހެނާ ޙައިޟުން ޠާހިރުވުމަކީ ލޭކެނޑުމެވެ. އޭނާ ފެންވެރުމުގެ ކުރިން ޖިމާޢުވުން ހުއްދައެވެ. އަންހެނާ އޭނާ ޙައިޟުގެ އެންމެ ދިގުމުއްދަތު (10 ދުވަސް) ފަހަނައަޅާ ދިޔުމުން އޭނާ ފެންވެރުމުގެ ކުރިން ޖިމާޢު ވެވިދާނެއެވެ. އަދި 10 ދުވަހުގެ ކުރިން ލޭ ކެނޑިއްޖެނަމަ ފެންވެރުމުގެ ކުރިން ޖިމާޢުވުން ހުއްދައެއް ނުވާނެއެވެ.

(ޝައިޚު އަލްބާނީ ވިދާޅުވެފައިވެއެވެ. “އަނބިމީހާ ޙައިޟުން ޠާހިރުވެ، އަދި ލޭއައުން ހުއްޓުމުން ޢައުރަ ގުނަވަން ދޮވުމަށްފަހު ނުވަތަ ވުޟޫކުރުމަށްފަހު ނުވަތަ ހިނައިގަތުމަށްފަހު އަނބިމީހާއާއި ޖިމާޢުވުން ހުއްދަވެގެންވެއެވެ.”)

  1. ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔު ( مالك والشافعي وأحمد )

ޠާހިރުވުމުން އަންހެނާއާ ޖިމާޢުވުން ހުއްދައެވެ. ޠާހިރުވުމަކީ ޖުނުބުން ޠާހިރުވާ ފަދައިން ފެނުން ހިނައިގަތުމެވެ. އެހެންކަމުން ޙައިޟުގެ ލޭކެނޑުމާ ހަމައިން އަދި ފެންވެރުމަކުން ޖިމާޢުވުން ހުއްދައެއް ނުވާނެއެވެ. އެހެންނަމަވެސް ޖުނުބު ހިނެއުމަކުން ފެންވަރާ ފަދައިން ހިނައިގަނެފިނަމަ ހުއްދަވާނެއެވެ. (މިއީ ޝައިޚު އުޘައިމީންގެވެސް ރަޢުޔެވެ.)

  1. طاووس އާއި مجاهد ގެ ރަޢުޔު: ފަރުޖު ދޮވެލައި އަދި ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކޮށްލުމުން ފުދެއެވެ.

ޚިލާފު އުފެދުމަށް މެދުވެރިވި ސަބަބު

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

{ وَلاَ تَقْرَبُوهُنَّ حتى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ الله }

މާނައީ: “އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން طاهر ވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ!”

އެންމެ ފުރަތަމަ އެވާ يَطْهُرْنَ ގައި ތަޝްދީދް އެއް ނެތެވެ. ދެވަނަ އަށް އެވަނީ تَطَهَّرْنَ އެވެ. އޭގައި ތަޝްދީދުވަނީ ޖެހިފައެވެ. އެހެންކަމުން  طَهُر މި ލަފްޒު އެވަނީ އިންސާނެއްގެ މަސައްކަތަކާއިނުލައި ޠާހިރު ވުމުގެ މާނައިގައެވެ. އަދި تطهّر އެވަނީ އިންސާނާ އޭނާގެ ހަށިގަނޑު ފެނުންދޮވެ ޠާހިރުކުރުމުގެ މާނައިގައެވެ.

އަބޫހަނީފާގެ އަރިހުގައި (حتى يَطْهُرن) ވެސް އަދި { فَإِذَا تَطَهَّرْنَ } އެވަނީ އެއްމާނައިގައެވެ. އެއީ އަންހެނާގެ ޙައިޟުގެ ލޭ ކެނޑުމުން ޠާހިރުވީޢެވެ. މިމާނައިގައެވެ.

އެހެންނަމަވެސް ޖުމްހޫރު ޢިމްލުވެރިން މާނަކުރައްވާގޮތް ތަފާތެވެ. އެބޭކަލުން އެއާޔަތުގެ މާނައިގައި މިފަދައިން ވިދާޅުވެއެވެ.

“ولا تقربوهنّ حتّى يغتسلن ، فإذا اغتسلن فأتوهن”

މާނައީ: “އެކަނބަލުން ހިނައި ޠާހިރުވެއްޖައުމަށްދާނދެން އެކަނބަލުންނާ ކައިރިނުވާށެވެ. އަދި އެކަނބަލުން ހިނައިޠާހިރުވުމުން އެކަނބަލުން ކައިރިއަށް ދާށެވެ.”

އަދިވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަހަރެމެންގެ ޤައުލު ޞައްޙަކަމަށް ދަލީލުކޮށްދެނީ ﷲ ތަޢާލާ މިއާޔަތުގައި ޙުކުމް ކަނޑައެޅުމުގައި 2 ކަމެއް ޝަރުޠުކުރައްވާފައިވާ ވުމެވެ.

ފުރަތަމަ ޝަރުތަކީ ޙައިޟުގެ ލޭ ކެނޑުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ( حتى يطهُرْن ) ދެވަނަ ޝަރުޠުކީ ފެނުން ހިނައިޠާހިރުވެގަތުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ( فإذا تطهّرن ) ޤުރުއާނުގައިވާ މިފަދަ އެހެން މިޘާލެއްގައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

{ وابتلوا اليتامى حتى إِذَا بَلَغُواْ النِّكَاحَ فَإِنْ آنَسْتُمْ مِّنْهُمْ رُشْداً } [ النساء : 6 ] މާނައީ: ” އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކައިވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، އެއުރެންގެ ކިބައިން رُشْد (އެބަހީ: މުދާ ހޭދަކުރުމުގެ ޤާބިލުކަން) ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! “

މި އާޔަތުގައިވާ ޙުކުމުގައިވެސް 2 ޝަރުޠެއްވެއެވެ.

ފުރަތަމަ ޝަރުޠަކީ އެކުދިން ކައިވެނި ފުރާވަރަށް އެރުމެވެ. ދެވަނަ ޝަރުތަކީ އެކުދިން رُشْد (އެބަހީ: މުދާ ހޭދަކުރުމުގެ ޤާބިލުކަން) ލިބުމެވެ.

 ރާޖިޙުވެގެންވާގޮތް

އެންމެ ރާޖިޙުވެގެންވަނީ ޖުމްހޫރު ޢިލްމުވެރިންގެ ބަހެވެ. އެހެނީ މާތް ﷲ އެކަމުގެ ސަބަބު އެ އިލާހުގެ ވަޙީ ބަސްފުޅުގައި ބަޔާންކުރެއްވިއެވެ.

{ إِنَّ الله يُحِبُّ التوابين وَيُحِبُّ المتطهرين }

މާނައީ: “ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.”

މިއާޔަތްތަކުގެ ظاهر މާނައަށް ބެލިކަމުގައިވިޔަސް މީގެ މުރާދަކީ ހަށިގަނޑު ޙިއްސީގޮތުން ޠާހިރުކުރުމެވެ. އެއީ ހަށިގަނޑު ފެނުން ރީއްޗަށްދޮވެ ފެންވެރުމެވެ. އަދި މިއީ شيخ المفسّرين الطبري އާއި العلاّمة ابن العربي އާއި الشوكاني ވެސް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. والله تعالى أعلم .

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް