ސުވަރުގެއަކީ ދުނިޔެމަތީގައި މާތްﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ނަހީކުރެވުނު ކަންތައްތަކާ ދުރުވެގަތް މީހުންނަށް ތައްޔާރުކުރެވިގެންވާ ނިޢުމަތުގެ ގޮވައްޗެކެވެ. އެބައިމީހުން ލޯބިކުރާ ހުރިހާކަމެއް އެތާނގައި ފުރިހަމަ ވެގެންވެއެވެ. މާތްﷲ ޥަޙީކުރައްވާފައިވެއެވެ.
﴿وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ﴾ [الرخرف:٧١]
މާނައީ: “އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތިވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެއެވެ.”
އަބޫ ހުރައިރާ ރިވާކުރައްވާފައިވެއެވެ. މާތް ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.
((أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنٌ رَأَتْ، وَلاَ أُذُنٌ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ﴾)) [متفق عليه]
މާނައީ: “ލޮލަކަށް ފެނިފައިނުވާ، އަދި ކަންފަތަކަށް އިވިފައިނުވާ، އަދި ހިތަކަށްވެސް ގެނެވިފައިނުވާފަދަ ނިޢުމަތްތަކެއް (ސުވަރުގޭގައި) ޞާލިޙު އަޅުންނަށް ތިމަން ﷲ ތައްޔާރު ކުރެއްވީމެވެ. ތިޔަބައިމީހުން އެދޭކަމުގައިވާނަމަ މިއާޔަތް ކިޔަވާށެވެ. ‘ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަކަށް ނޭނގޭނެތެވެ.’ “
މިދަލީލުތަކަށް ބަލާއިރު، ސުވަރުގޭގެ އަހުލުވެރިން ވާހުށީ ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ދަރަޖައިގައިކަން ޔަޤީނެވެ. އަހަރެމެންނަށް އޭގެ ތަފްޞީލު ނޭނގިވެސް ހިނގައިދާނެއެވެ. ބައެއް ކަންތައްތަކުގެ ތަފްޞީލު އެނގުމަކީ އެކަން ޙާޞިލުކުރުމަށް މަސައްކަތް ކުރުމަށް އޮތް ހިއްވަރަކަށް ވާނެއެވެ.
ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ، އެބައިމީހުން ތިބޭނީ އެންމެ ފުރިހަމަގޮތުގައިކަން އެނގޭ މިސާލެކެވެ. އިމާމް ތިރްމިޛީ ރަޙިމަހުﷲ ރިވާކުރައްވާފައިވާ ގޮތުގައި ސުވަރުގޭގެ އަހުލުވެރިންގެ ޢުމުރަކީ ތެއްތިރީސް އަހަރެވެ.
އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ‘حادي الأرواح’ ކިއުނުފޮތުގައި މިޢުމުރާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ.
“ވަންހަނާ ވެގެންނުވާ ޙިކްމަތެއް މީގައިވެއެވެ. އެހެނީ ހަމަކަށަވަރުން ލައްޛަތްތައް ޙާޞިލުކުރުމުގައި އެންމެ ފުރިހަމަ ހިސާބަކީ މިއެވެ. ސަބަބަކީ ބާރުގެ ގޮތުން އެންމެ ފުރިހަމަ ޢުމުރަކީ މިއީ ކަމަށްވާތީއެވެ.”
ހަމައެހެންމެ، އެބައިމީހުންގެ ޒުވާންކަން ފަނާވެ ނުދާނެކަމަށްވެސް ޙަދީޘްތަކުން ދަލީލު ލިބެއެވެ. އެބައިމީހުންގެ ނިޢުމަތްތައް އުނިވުމެއްނެތި އަބަދުވެސް އިތުރުވަމުންދާނެކަންވެސް އެނގެއެވެ.
މިމަތިވެރި ސުވަރުގޭގެ އަހުލުވެރިންކަމުގައި އަޅަމެންލައްވައި، އެތަނަށް ވައްދައިދެނިވި ޢަމަލުތައް ކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ.