- ކިބުރުވެރިކަން.
ނަރަކަވަންތަވެރިންގެ ތެރެއިން ގިނަމީހުންނަކީ މިޞިފަ ލިބިގެންވާ މީހުންނެވެ.
ﷲ ވަޙީކުރެއްވިއެވެ.
(وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٦﴾) [سورة الأعراف]
މާނައީ: “އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ.”
އިމާމު މުސްލިމް އެކަލޭގެފާނުގެ ފޮތް ޞަޙީޙު މުސްލިމުގައި ބާބެއް ގެންނަވަމުން ވިދާޅުވިއެވެ.
“ޖައްބާރުން ނަރަކަޔަށް އަދި ނިކަމެތިން ސުވަރުގެއަށް ވަންނާނެކަން ނަންގަނެވުނު ބާބެވެ.” އަދި މިބާބުގައި ސުވަރުގެއާއި ނަރަކައިގެ އިޙްތިޖާޖުގެ ވާހަކަ ބަޔާން ކުރެވުނު ޙަދީޘް ބަޔާންކުރެއްވިއެވެ. އަދި ﷲ ތަޢާލާ އެދެތަނަށް ވަޙީކުރެއްވި ބަސްފުޅު ގެނެސްފައިވެއެވެ. އެޙަދީޘްގައި އައިސްފައިވެއެވެ. ނަރަކަ ބުންޏެވެ.
((. . .يدخلني الجبَّارونَ والمتَكبِّرونَ. . .))
މާނައީ: “ކިބުރުވެރިންނާއި އަދި ޖައްބާރުން ވަންނާނީ އަހަރެންނަށެވެ.”
ދެން ﷲ ނަރަކަޔަށް ވަޙީކުރައްވަތެވެ.
((. . .أنتِ عذابي أعذِّبُ بِك من أشاءُ. . .))
މާނައީ: “ތިބާއީ ތިމަން އިލާހުގެ ޢަޛާބެވެ. ތިމަން އިލާހު ބޭނުންވެ ވޮޑިގެންވާ މީހަކު ތިބާގެ ކިބައިން ޢަޛާބު ދެއްވަމެއެވެ.”
އަދި ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމް އަދި ސުނަނުއް ތިރުމިޛީގައި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް ވާރިދުވެގެން އައިސްފައިވެއެވެ.
((ألا أخبركم بأهل الجنة ؟ كل ضعيف متضعف ، لو أقسم على الله لأبره . ألا أخبركم بأهل النار : كل عتل ، جواظ ، مستكبر))
މާނައީ: ” ސުވަރުގޭގެ އަހުލުވެރިންނާއި ބެހޭގޮތުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޙަބަރު ދެއްވަން ހެއްޔެވެ؟. ކޮންމެ ނިކަމެތި އަދި ނިކަމެތި ކޮއްލެވިފައިވާ މީހެކެވެ. އެއިން މީހަކު ﷲ ގަންދީ ބުނެ މިވެނި ކަމެއް ވާނެޔޭ ބުނެފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނަޔަށް ދެވިފައިވާ މާތް މަޤާމުގެ ސަބަބުން އެކަމެއް ﷲ ތަޢާލާ ކޮށްދެއްވަތެވެ. އަދި ނަރަކައިގެ އަހުލުވެރިންނާއި ބެހޭގޮތުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޙަބަރު ދެއްވަން ހެއްޔެވެ؟. ކޮންމެ ހިތްހަރު ނުކެތްތެރި ކިބުރުވެރި މީހެކެވެ.”
މިކަމަށް ކީރިތި ޤުރުއާނުންވެސް އިތުރަށް ދަލީލު ލިބެއެވެ. ﷲ ވަޙީކުރެއްވިއެވެ.
(…أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ ﴿٦٠﴾) [سورة الزمر]
މާނައީ: “ކިބުރުވެރިން ތިބޭނެތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(…فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ﴿٢٠﴾) [سورة الأحقاف]
މާނައީ: “ފަހެ، ޙައްޤަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން ފާސިޤު ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾) [سورة النازعات]
މާނައީ: “ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!.[37][38] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.[39]”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ