ނަރަކަޔަށް ވައްދަނިވި ބައެއް ފާފަތައް
شيخ الإسلام ابن تيمية رحمه اللهއާ ސުވާލުކުރެވުނެވެ. ނަރަކަ ވަންތަވެރިން އަދި ސުވަރުގެ ވަންތަވެރިންގެ ޢަމަލުތަކަކީ ކޮބއިތޯއެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ.
“ނަރަކަވަންތަވެރިންގެ ޢަމަލުތައް ދަންނައެވެ. އެއީ ﷲ އަށް ޝިރުކުކުރުމާއި، ރަސޫލުން ދޮގުކުޅައުމާއި، ކާފަރުވުމާއި، ހަސަދަވެރިކަމާއި، ދޮގުހެދުމާއި، ޚިޔާނަތްތެރިވުމާއި، އަނިޔާވެރިވުމާއި، ރަހިމުގެ ގުޅުން ކެނޑުމާއި، ޖިހާދުކުރަން ފިނޑިވުމާއި، ދަހިވެތިކަމާއި، މުނާފިޤުކަމާއި، ﷲގެ ރަޙްމަތުން އުއްމީދު ކަނޑައިލުމާއި، ﷲގެ ރޭއްވެވުމާމެދު ބިރެއްނެތި އަމާންވެ ތިބުމާއި، މުޞީބާތުގެ ވަގުތުގައި ކެތްތެރިނުވުމާއި، ﷲގެ ނިޢުމަތްތަކާއި މެދު ބޮޑާވެ ފަޚުރުވެރިވުމާއި، ﷲ ފަރްޟު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލުމާއި، ﷲ ކަނޑައަޅުއްވައި އިންތައް ފަހަނަޅައި ދިޔުމާއި، ﷲގެ ޙުރުމަތްތަކަށް އިޙާނެތިކޮށް ހިތުމާއި، ޚާލިޤުވަންތަ އިލާހަށް ބިރުނުގަނެ މަޚްލޫޤުންނަށް ބިރުގަތުމާއި، ދެއްކުންތެރި ކަމާއިއެކު ޢަމަލުތައް ކުރުމާއި، އެމީހެއްގެ އިޢްތިޤާދުންނާއި އަދި ޢަމަލުތަކުން ޤުރުއާނާއި ސުންނަތާއި ޚިލާފުވުމާއި، ﷲއަށް އުރެދުމެއްގައި މަޚްލޫޤަށް ކިޔަމަންވުމާއި، ބާޠިލް މަގުތަކަށް ތަޢައްޞުބުވުމާއި، ﷲގެ އާޔަތްތަކަށް މާލާމަތްކުރުމާއި، ޙައްޤު އެނގުމަށް ފަހުގައިވެސް އެއަށް އިންކާރުކުރުމާއި، ޢިލްމާއި އަދި ހެކިދިނުމުގެ ތެރެއިން ބަޔާންކުރަން ވާޖިބު ވެގެންވާ މިންވަރު ފޮރުވުމާއި، ސިޙުރުހެދުމާއި، މައިންބަފައިންނަށް ކަމޭނުހިތުމާއި، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ޤަތުލުކުރުމާއި، ޔަތީމުންގެ މުދާ (ބާޠިލް) ގޮތުގައި ކެއުމާއި، ރިބާ ކެއުމާއި، ހަނގުރާމައިގެ މައިދާނުގައި ދެލަޝްކަރު ބައްދަލުވާ ހިނދު ފިލަން ދުވުމާއި، ޢިއްފަތްތެރި މުއުމިނު އަންހެނުން ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެއެވެ.”[1]
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
………………………………………………………
[1] يقظه أولي الاعتبار, ص 222