[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (8)

މިތަނުގައި މުރާދަކީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށްކަމެވެ. ޖިންނީން ޤުރުއާން އަޑުއެހިކަމާ އަދި އެއަށް އީމާންވިކަމަށް ޤުރުއާނުގައި ﷲ ތަޢާލާ ޚަބަރު ކުރައްވާފައިވެއެވެ. އެއީ އަންނަނިވި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.

﴿وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ [٢٩] قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ [٣٠] يَا قَوْمَنَا أَجِيبُوا دَاعِيَ اللَّـهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ [٣١] وَمَن لَّا يُجِبْ دَاعِيَ اللَّـهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَـٰئِكَ فِي ضَلَالٍ مُّبِينٍ [٣٢]﴾ [سورة الأحقاف]

މާނައީ: “ތިމަންއިލާހު ޖިންނީންގެ ތެރެއިންބަޔަކު ޤުރުއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހާބަލާށެވެ! ދެންފަހެ، ކިޔަވާވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެ މީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ. [29]  އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤުގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަަތެވެ. [30]  އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ﷲ ގެ މަގަށް ގޮވާލައްވާ ނަބިއްޔާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް އީމާންވާށެވެ! (އޭރުން) އެއިލާހު ތިޔަބައިމީހުންގެ ފާފަތައްފުއްސަވާ ވޭންދެވިނި ޢަޛާބުން ތިޔަބައިމީހުން ދިންނަވާނެތެވެ. [31]  އަދި ﷲ ގެ މަގަށް ގޮވާލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނައެވެ!) ފަހެ، އޭނާއީ ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެއިލާހު ފިޔަވައި އޭނާއަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ. [32]”

ދެން އެއަށްފަހު އެންމެހާ މީސްތަކުންނަށް އެޚަބަރު ދެއްވުމަށް އެކަލޭގެފާނަށް އަމުރުކުރައްވާ ވަޙީކުރެއްވިއެވެ.

﴿قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا [١] يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا [٢] وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا [٣] وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّـهِ شَطَطًا [٤] وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّـهِ كَذِبًا [٥]﴾ [سورة الجن]

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ، (އެއުރެންގެ ޤައުމުގެ މީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމުއެވެ. [1] އެ ޤުރުއާން މަގުދައްކަނީ، ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ ޤުރުއާނަށް އީމާންވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރި  رَبُّ އާ އެއްވެސް އެއްޗެއް ޝަރީކެއް ނުކުރާނަމެވެ. [2] އަދި އަޅަމެންގެ ވެރި رَبُّ ގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެއިލާހު އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ. [3] އަދި ތިމަންމެންގެ ތެރެއިން ޖާހިލުކަންބޮޑު މީހާ، ﷲ އާމެދު ޙައްޤުން އެއްކިބާވެ، ހައްދުފަހަނައަޅާފައިވާ ބަސްބުނާކަމުގައިވިއެވެ. [4] އަދި ﷲ އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ. [5]”

އެފަދައިން މީސްތަކުންނަށް ބުނެދިނުމަށް އެކަލޭގެފާނަށް އަމުރު ކުރެއްވުނީ އިންސާނުންނަށް ޖިންނީންގެ ކަންތައްތައް އަންގައިދިނުމަށާއި އެކަލޭގެފާނު ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށްކަން އަންގައިދިނުމަށެވެ. އެއީ ﷲ ތަޢާލާއަށާއި، އެއިލާހު ފޮނުއްވި ރަސޫލުބޭކަލުންނަށް އަދި އާޚިރަތްދުވަހަށް އީމާންވުމުގައި ވާޖިބުވާކަންތައްތަކަށް އިންސީންނާއި ޖިންނީންނަށް މަގު ދައްކައިދިނުމަށެވެ. އަދި ރަސޫލުބޭކަލުންނަށް ކިޔަމަންތެރިކަން އަދާކުރުމާއި ޖިންނީން ނުވަތަ އެނޫންވެސް ބައެއް ބައިވެރިކޮށް ﷲ އަށް ޝިރުކުކުރުމަކީ ޙަރާމް ކަމެއްކަން އަންގައިދިނުމަށެވެ. އެއީ އަންނަނިވި ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.

﴿وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ [سورة الجن ٦] 

މާނައީ: “އަދި އިންސީންގެ ތެރެއިން ފިރިހެނުންތަކެއް، ޖިންނީންގެ ތެރެއިން ފިރިހެނުންތަކެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ، އެއިންސީން އެޖިންނީންނަށް ކާފިރުކަމާއި ބޮޑާކަން އިތުރުކުރިއެވެ.”

_____________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް