ޝައިޠާނުންނަކީ އެބައިމީހުންގެ ތެރެއިން ކުފުރުވެ، ޝިރުކުކޮށް އަދި އެބައިމީހުންގެ ރައްބަށް އުރެދުނު މީހުންނެވެ. އަދި އިބިލީހާއި އޭނާގެ ޝައިޠާނުންގެ ތެރެއިންވާ އޭނާގެ ލަޝްކަރު ނުބައި ކަންތައްތަކަށް އެދުންވެރިވެއެވެ. އަދި އެފަދަ ކަންކަމުން އުފާ ޙާޞިލުކުރެއެވެ. އަދި އުފަލާއެކު އެކަންކަން ލިބިގަނެއެވެ. އެއީ އެބައިމީހުންގެ ނަފްސުތަކުގެ ނުބައިކަމުންނެވެ. އެބައިމީހުންގެ އެޢަމަލުތަކުގެ ސަބަބުން އަދި އެބައިމީހުން އެ މަގުފުރެއްދި މީހުންގެ ސަބަބުން ޢަޛާބު ދެވޭނެކަން އެނގޭއިރުވެސް އެބައިމީހުން އެގޮތުގައި ކުރިއަށް ދެއެވެ. އެއީ އިބިލީސް ބުނިކަމަށް ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ [٨٢] إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ [٨٣]﴾ [سورة ص]
މާނައީ: ” އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާ ހުށީމެވެ. އެއުރެންކުރެ، އިބައިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿قَالَ أَرَأَيْتَكَ هَـٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا﴾ [سورة الإسراء ٦٢]
މާނައީ: “އެކަލޭގެ ދެންނެވިއެވެ. އިބައިލާހު ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބައިލާހު އަންގަވައިދެއްވާނުތޯއެވެ؟ ޤިޔާމަތަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ﴾ [سورة سبإ ٢٠]
މާނައީ: ” ހަމަކަށަވަރުން އިބިލީސް އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، މުއުމިނުންކުރެ ބަޔަކު މެނުވީ، އެ އެންމެން، އިބިލީހާ ތަބަޢަވިއެވެ.”
______________________________
=ނުނިމޭ=
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.