ކަނޑައެޅިގެން ނަރަކަކަޔަށް ވަންނާނެކަން ބަޔާންކުރެވިފައިވާ މީހުން
ކާފަރުންނާއި އަދި މުޝްރިކުން ނަރަކަޔަށް ވަންނާނެ ކަމާއި މެދުގައި އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރުއާނުގައި އަދި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްތަކުގައި މީސްތަކުންގެ ތެރެއިން ވަކިބަޔަކު ނަރަކަޔަށް ވަންނާނެ ކަމަށް ނަމުން ބަޔާންކޮށްފައިވެއެވެ. އެމީހުންގެ ތެރެއިން ފިރްޢައުނު ހިމެނެއެވެ. އޭނައީ މޫސާ عليه السلام އެމީހެއްގެ ގާތަށް ފޮނުއްވުނު ފިރުޢައުނެވެ.
ﷲ ތަޢާލާ އޭނައާއި ބެހޭގޮތުން ވަޙީކުރެއްވިއެވެ.
(يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَدَهُمُ النَّارَ ۖ وَبِئْسَ الْوِرْدُ الْمَوْرُودُ ﴿٩٨﴾) [سورة هود]
މާނައީ: “ޤިޔާމަތް ދުވަހުން، އޭނާގެ ޤައުމުގެ މީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ!”
ހަމައެފަދައިން ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުން އެމީހުންގެ ތެރެއިން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠﴾) [سورة التحريم]
މާނައީ: “ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، ކާފިރުވިމީހުންނަށް ﷲ، މިޘާލެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ ޞާލިޙުއަޅުންގެ ތެރެއިން ދެ އަޅެއްގެ އަމުރުގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް ޚިޔާނަތްތެރިވިއެވެ.(އެބަހީ އިސްލާމް ނުވިއެވެ) ފަހެ، ﷲގެ ޙަޟްރަތުން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!”
ހަމައެފަދައިން އަބޫލަހަބާއި އޭނަގެ އަންހެނުންވެސް އެމީހުންގެ ތެރެއިން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾) [سورة المسد]
މާނައީ: “އަބޫލަހަބު ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.[1] އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.[2] ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.[3] އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.[4] ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.[5]”
އަދި ހަމައެފަދައިން ޢަމްރު ބުން ޢާމިރުލް ޚުޒާޢީ ވެސް ހިމެނެނީ އެމީހުންގެ ތެރެއިންނެއެވެ. ނަރަކައިގައި އޭނަގެ ގޮހޮރު ދަމަމުން ގެންދަނިކޮށް ރަސޫލު ﷲ صلى الله عليه وسلم އަށް ފެނިވަޑައިގަތެއެވެ.[1]
އަދި ހަމައެފަދައިން ޢައްމާރު رضي الله عنه ޤަތުލުކޮށް އެކަލޭގެފާނުގެ ގައިގައިވާ ހަނގުރާމައިގެ އެންމެހައި އާލަތްތައް ނެގިމީހާވެސް ވަނީ ނަރަކަވަންތަވެރިންގެ ތެރެއިންނެއެވެ.
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((قاتل عمار وسالبه في النار)) [2]
މާނައީ: “ޢައްމާރު ޤަތުލުކޮށް އެކަލޭގެފާނުގެ އަތުގައިގައިވާ ހަނގުރާމައިގެ އެންމެހައި އާލަތްތައް ނެގިމީހާ ވަނީ ނަރަކައިގައެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه البخاري
[2]صحيح الجامع