ޢިލްމުވެރިޔާ އާއި ޢިލްމު އުނގެނޭ ކުއްޖާގެ މަތިވެރިކަމާއި މާތްކަން އަންގައިދޭ ބައެއް ދަލީލުތައް
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ ﴿المجادلة: ١١﴾
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމުގެ އަހުލުވެރިން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.”
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“الدُنياَ مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلَّا ذَكَرَ الله وَ مَا وَالَاهُ ، أَو عَالِمًا أَو مُتَعَلِّماً”[1]
މާނައީ: “ދުނިޔެއަކީ ލަޢުނަތް ލެއްވިގެންވާ ތަނެކެވެ. އަދި އެދުނިޔޭގައިވާހާ އެއްޗަކީ ލަޢުނަތް ލެއްވިގެންވާ އެއްޗެއްސެވެ. ﷲ ހަނދުމަކުރެވޭ ހަނދުމަކުރުމެއް މެނުވީއެވެ. އަދި އެއިލާހަށް ކިޔަމަންގަނެވޭ ކިޔަމަންކަތުމެއް މެނުވީއެވެ. އަދި ޢިލްމުވެރިއާއި ކިޔަވާކުއްޖާއާ މެނުވީއެވެ.”
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
” مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا ، سَهَّلَ الِلَّهِ لَهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ ، وَمَنْ أَبْطَأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ”[2]
މާނައީ: “ޢިލްމު (އެބަހީ ޝަރުޢީ ޢިލްމު) ޙަޞިލްކުރުމުގެ މަގެއް ހޯދައިފިމީހާ ދަންނާށެވެ. އޭނާއަށް ﷲ ޞުބުޙާނަހޫވަތަޢާލާ، ސުވަރުގެދިޔުމުގެ މަގުން މަގެއް ތަނަވަސްކޮށްދެއްވާނެއެވެ. އަދި އެމީހެއްގެ ޢަމަލު، އެމީހަކު ފަހަށް ޖައްސައިފި މީހާ ދަންނާށެވެ. އޭނާގެ ނަޞަބު އޭނާ އިސްކޮށްނުދޭނެއެވެ.”
އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.” رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
” مَنْ خَرَجَ فِي طَلَبِ الْعِلْمِ فَهُوَ فِي سَبِيلِ اللَّهِ حَتَّى يَرْجِعَ “[3]
މާނައީ: “ޢިލްމު ޙާޞިލްކުރުމަށްޓަކައި ނުކުންނަމީހާ، އޭނާ އެނބުރި އޭނާގެ ގެއަށް ދާންދެން ވާހުށީ ﷲގެ މަގުގައެވެ.”
كثير بن قيس ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު އަބުއްދަރުދާ އާއިއެކު مسجد دمشق ގައި އިށީނދެވަޑައިގެންއިނީމެވެ. އެހިނދު މީހަކު އައެވެ. އަދި ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު މި ވަޑައިގަތީ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ރަށުން، ކަލޭގެފާނުގެ އަރިހަށް ޙަދީޘް އުނގެނުމައްޓަކައެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޙަދީޘް، ތިމަންކަލޭގެފާނަށް ބަޔާންކޮށްދެއްވާށެވެ. ތިމަންކަލޭގެފާނު މިއައީ އެހެން ބޭނުމަކަށް ނޫނެވެ. އެހިނދު އަބުއްދަރުދާ ރަޞިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙާދީޘްކުރައްވަކިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. “
مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِى السَّمَوَاتِ وَمَنْ فِى الأَرْضِ وَالْحِيتَانُ فِى جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ ” [4]
މާނައީ: ” ޢިލްމު (އެބަހީ ޝަރުޢީ ޢިލްމު) ޙާޞިލްކުރުމުގެ މަގެއް ހޯދައިފިމީހާ ދަންނާށެވެ. އޭނާއަށް ﷲ ޞުބުޙާނަހޫވަތަޢާލާ، ސުވަރުގެދިޔުމުގެ މަގުން މަގެއް ތަނަވަސްކޮށްދެއްވާނެއެވެ. އަދި ހަމަކަށަވަރުން ކިޔަވާކުއްޖާގެ ކަންތައްތަކަށް ރުއްސަވާހާލު މަލާއިކަތްބޭކަލުން، އެބޭކަލުންގެ ފިޔަފުޅުތައް ކިޔަވާކުއްޖާއަށްޓަކައި ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކާއި، ކަނޑުގައިވާ މަސްމަހާމެއްސަށްދާންދެން ޢިލްމުވެރިޔާގެ ފާފަ ފުއްސަވާދެއްވުމަށް އެދި ދަންނަވައެވެ. އަދި ހަމަކަށަވަރުން ތަރިތަކުގެ މައްޗަށް، ފުރިހަމަވެފައިވާ ހަނދު މަތިވެރިވެ ފާޅުވެގެންދާފަދައިން ޢިލްމުވެރިޔާ، އަޅުވެރިޔާގެމައްޗަށް މަތިވެރިވެގެންވެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.”
عَنْ أَبِي هُرَيْرَةَ، أَنَّهُ مَرَّ بِسُوقِ الْمَدِينَةِ، فَوَقَفَ عَلَيْهَا، فَقَالَ: “يَا أَهْلَ السُّوقِ، مَا أَعْجَزَكُمْ “!
قَالُوا: وَمَا ذَاكَ يَا أَبَا هُرَيْرَةَ؟
قَالَ:”ذَاكَ مِيرَاثُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقْسَمُ، وَأَنْتُمْ هَاهُنَا لا تَذْهَبُونَ فَتَأَخُذُونَ نَصِيبَكُمْ مِنْهُ !”
قَالُوا: وَأَيْنَ هُوَ؟
قَالَ:”فِي الْمَسْجِدِ”
فَخَرَجُوا سِرَاعًا إِلَى الْمَسْجِدِ، وَوَقَفَ أَبُو هُرَيْرَةَ لَهُمْ حَتَّى رَجَعُوا، فَقَالَ لَهُمْ:”مَا لَكُمْ؟”
قَالُوا: يَا أَبَا هُرَيْرَةَ فَقَدْ أَتَيْنَا الْمَسْجِدَ، فَدَخَلْنَا، فَلَمْ نَرَ فِيهِ شَيْئًا يُقْسَمُ،
فَقَالَ لَهُمْ أَبُو هُرَيْرَةَ:”أَمَا رَأَيْتُمْ فِي الْمَسْجِدِ أَحَدًا؟
“قَالُوا: بَلَى، رَأَيْنَا قَوْمًا يُصَلُّونَ، وَقَوْمًا يَقْرَءُونَ الْقُرْآنَ، وَقَوْمًا يَتَذَاكَرُونَ الْحَلالَ وَالْحَرَامَ،
فَقَالَ لَهُمْ أَبُو هُرَيْرَةَ:”وَيْحَكُمْ، فَذَاكَ مِيرَاثُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ”[5]
އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު މަދީނާގެ ބާޒާރެއްގެ ތެރެއިން ހުރަސްކޮށްފައި ވަޑައިގަންނަމުން އެތަނުގައި ހުއްޓިވަޑައިގަތެވެ. އަދި ގޮވާލެއްވިއެވެ.
“އޭ ބާޒާރުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންނަށް ވުރެ ނުކުޅެދުންތެރިކަންބޮޑު ބަޔަކުވޭ ހެއްޔެވެ!”
އެމީހުން ދެންނެވިއެވެ. “އޭ އަބޫހުރައިރާއެވެ! ކަލޭގެފާނު ތިވިދާޅުވަނީ ކޮންކަމެއްގެ ވާހަކަ ހެއްޔެވެ؟”
އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ވާރުތަމުދާ ބެހުމުގެ ވާހަކައެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން މިތަނުގައި ތިޔަތިބީ އޭގެން ބައެއް ލިބިގަތުމަށް އެތަނަށް ނުދާން ހެއްޔެއެވެ؟”
އެމީހުން ދެންނެވިއެވެ. “އެބަހަނީ ކޮންތާކު ހެއްޔެވެ؟”
އެކަލޭގެފާނު ވިދާޅުވިއެވެ. “މިސްކިތުގައެވެ.”
ދެންފަހެ، އެބައިމީހުން އަވަސް އަވަހަށް މިސްކިތާ ދިމާލަށް ދުއްވައިގަތެވެ. އަދި އެމީހުން މިސްކިތަށް ގޮސް، އެނބުރި އަންނަންދެން އަބޫހުރައިރާ رضي الله عنه އެތަނުގައި މަޑުކުރެއްވިއެވެ. (އެބައިމީހުން މިސްކިތަށް ގޮސް، އެނބުރި އައުމުން) އެކަލޭގެފާނު ވިދާޅުވިއެވެ. ” ކިހިނެއްވީ ހެއްޔެވެ؟”
އެބައިމީހުން ދެންނެވިއެވެ. “އޭ އަބޫހުރައިރާއެވެ! އަހަރުމެން މިއައީ މިސްކިތުންނެވެ. ފަހެ، އަހަރުމެން އެތަނަށް ވަނީމެވެ. އެހެނެއްކަމަކު އެއްޗެއް ބަހާތަނެއް އަހަރުމެންނަށް އެތަނަކުން ނުފެނުނެވެ.”
އެހިނދު އަބޫހުރައިރާ رضي الله عنه އެބައިމީހުންނަށް ވިދާޅުވިއެވެ. “މިސްކިތުގައި އެއްވެސް މީހަކު އުޅެނިކޮށް ތިޔަބައިމީހުން ނުދެކެން ހެއްޔެއެވެ؟”
ދެން އެމީހުން ދެންނެވިއެވެ. “ނޫނެކެވެ. އެއްބަޔަކު ނަމާދުކުރަނިކޮށް، އަނެއްބަޔަކު ޤުރްއާން ކިޔަވަނިކޮށް އަދި އަނެއްބަޔަކު ޙަރާމް ޙަލާލް ކަންތައްތަކާއި މެދުގައި ވާހަކަ ދައްކަން ތިއްބައި އަހަރެމެން ދުށީމުއެވެ.”
ދެން އަބޫހުރައިރާ رضي الله عنه އެމީހުންނަށް ވިދާޅުވިއެވެ. “ތިޔަބައިމީހުންނާމެދު އަޖައިބުވެއްޖައީމެވެ! މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ވާރުތަ މުދަލަކީ އެއީއެވެ.”
މަޞްދަރު: كتاب العلم لابن عثيمين
(ނުނިމޭ)
[1] أخرجه الترمذي قال الشيخ الألباني :صحيح
[2] قال الشيخ الألباني :صحيح – ((تخريج علم أبي خيثمة)) (113/17) ، ((صحيح أبي داود)) (1308)
[3] رواه الترمذي މި ޙަދީޘަކީ الشيخ الألباني އެކަލޭގެ ފާނުގެ السلسلة الضعيفة ( 2037) ގައި ضعيف ކަމަށް ވިދާޅުވުމަށްފަހު، ފަހުން صحيح لترغيب والترهيب (88 ) ގައި حسن ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
[4] شعب الإيمان للبيهقي و مسند أحمد بن حنبل و سنن الدارمي قال الشيخ الألباني : ( صحيح ) انظر حديث رقم : 6297 في صحيح الجامع
[5] رواه الطبراني في الأوسط بإسناد حسن