[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިތާބުއްތައުޙީދުގެ މުއައްލިފުގެ ކުޑަ ތަޢާރަފެއް.

އެކަލޭގެފާނަކީ، އަލްއިމާމް، އަލްޢައްލާމަތުއްރައްބާނީ، މުޙައްމަދު ބިން ޢަބްދިލްވައްހާބް ބިން ސުލައިމާން ބިން ޢަލީ ބިން މުޙައްމަދު ބިން އަޙްމަދު ބިން ރާޝިދު އައްތަމީމީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 1115ވަނަ އަހަރު ނަޖުދުކަރައިގެ ރަށެއްކަމުގައިވާ ޢުޔައިނާގައެވެ. ބާލިޣުވުމުގެ ކުރިން ޤުރުއާން ދަސްކުރެއްވިއެވެ. އެކަލޭގެފާނަކީ ކުޑައިރުވެސް ވިސްނުންތޫނު، ފަސޭހައިން އެއްޗިހިވިސްނިވަޑައިގަންނަވާ ބޭކަލެކެވެ.

ބައްޕައާއި އެރަށުގެ އެހެން ޢިލްމުވެރިންގެ އަރިހުން ޢިލްމު އުގެނިވަޑައިގަތުމަށްފަހު، އިތުރަށް އުނގެނިވަޑައިގަތުމަށްޓަކައި ދަތުރުފެއްޓެވިއެވެ. މިގޮތުން ބަޞަރާއާއި ޙިޖާޒަށް ވަރަށް ގިނައިން ވަޑައިގަތެވެ. އަދި އަޙްސާއާއި އެހެން ރަށްތަކަށްވެސް ވަޑައިގަތެވެ. އަދި އެރަށްތަކުގެ ޢިލްމުވެރިންގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. ޝައިޚުއަށް، ދަރުސާއި ފަތަވާދިނުމުގެ އިޖާޒާ ދެއްވި ޢިލްމުވެރިންގެ ތެރެއިން އައްޝައިޚް މުޙައްމަދު ޙަޔާތުއްސިންދީ އަލްމަދަނީ، އައްޝައިޚު އިސްމާޢީލުލް ޢަޖްލޫނީ، ޢައްޝައިޚު ޢަލީ އަފަންދީ އައްދާޣިސްތާނީ، އައްޝައިޚު ޢަބްދުﷲ ބިން އިބްރާހީމް އައްނަޖްދީ އަލްމަދަނީ އަދި އައްޝައިޚު މުޙައްމަދު އަލްމަޖުމޫޢީ ފާހަގަކޮށްލެވެއެވެ.

ޢިލްމު އުނގެނިވަޑައިގަތުމަށްޓަކައި ކުރެއްވި ދަތުރު ނިންމަވާލެއްވިއިރު، ޢުޔައިނާއާއި އެހެން ރަށްތަކުގެ އަހުލުވެރިން ކުރަމުންއައި ޝިރުކުގެ ޢަމަލުތަށް ފެނިވަޑައިގަތުމުން، ތައުޙީދަށް ގޮވައިލެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ފެއްޓެވިއެވެ. ޝިރުކާއި، ބިދުޢަތަކާއި ފާފަތަކުން ދުރުހެލިވުމަށް މީސްތަކުންނަށް ގޮވައިލެއްވުމުގައި މުޅިޙަޔާތް ޤުރުބާންކުރެއްވިއެވެ. މިގޮތުން ޙުރައިމިލާގައި ދަޢުވަތުދެއްވުމަށްފަހު، ޢުޔައިނާއަށް ވަޑައިގަތެވެ. އެރަށުގައި ތައުޙީދަށް ދަޢުވަތު ދެއްވައި، ޤަބުރުމަތީ ހެދިފައިވާ ބިނާތަކާއި، ޤަބުރުމަތީ އަޅާފައިވާ މިސްކިތްތައް ނައްތަވާލެއްވިއެވެ. އެއަށްފަހު ދިރްޢިއްޔާއަށް ވަޑައިގަތެވެ. އެރަށުގައި، އެކަލޭގެފާނުގެ ދަޢުވަތަށް އަލްއިމާމް މުޙައްމަދު ބިން ސުޢޫދު އިޖާބަދެއްވައި، ދަޢުވަތު ކުރިޔަށް ގެންދިއުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ތަޢުޙީދު ފެތުރި، ޝިރުކާއި ބިދުޢަތަކާއި ޚުރާފާތުން މީސްތަކުން އެއްކިބާވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި ޞައްޙަމަގަށް، އަނެއްކާވެސް ގިނަ މީސްތަކުން ރުޖޫޢަވުމެވެ.

ޝިރުކާއި ބިދުޢަތަކާއި ޚުރާފާތުގެ ޢަމަލުތަކުން ދުރުވުމަށް ގޮވާލައި އެކަލޭގެފާނު ފޮތްތައްވެސް ލިޔުއްވާފައިވެއެވެ. އޭގެތެރޭގައި ކަޝްފުއްޝުބުހާތު، އުޞޫލުލް އީމާން، މުޚްތަޞަރު އައްޞަވާޢިޤުލް މުރްސަލާ، ކިތާބުލް އީމާން، އަދި ކިތާބުއްތައުޙީދު ފާހަގަކޮށްލެވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނެވި ރިސާލަތާއި މީސްތަކުން ދުރުވެ، ޝިރުކާއި ބިދުޢަތަކާއި ޚުރާފާތުގެ ތެރެއަށް ޣަރަޤުވެފައިވަނިކޮށް، އެކަލޭގެފާނުގެ ސުންނަތް އަލުން ދިރުވައި، ޞައްޙަ މަގަށް ރުޖޫޢަކުރެއްވި މިމުޖައްދިދު، ފަނާވަނިވި މިދުނިޔެއާ ވަކިވެވަޑައިގެންނެވީ ހިޖުރައިން 1206 އަހަރެވެ.