[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ދެ ގަލުގެ މެސެޖް

kids

އަޟްޙާ ޢީދުގެ ބަންދުގައި ސ. ކަށްބޯހެރައަށް ދާން، އައިދިން ނިންމީ އެރަށުގެ ވާހަކަ ރައްޓެހިންގެ ފަރާތުން އިވިފައިވާތީ އެވެ. މާލޭގައި އުޅުނުއިރު، އައިދިންއަށްވަނީ ތަފާތު ގޮތްގޮތަށް ކަށްބޯހެރައިގެ ވާހަކަ އިވިފައެވެ. ކަށްބޯހެރައަށް ދިޔަ މީހުންގެ ޚަބަރެއް ނުވެގެން އެމީހުން ހޯދަން ހިތަދޫގައި ތިބި މީހުން ދިޔަ ވާހަކަ އެވެ. އެމީހުންގެ ޚަބަރެއް ނުވެގެން ދެން ތިބި މީހުން ދިޔަ ވާހަކައެވެ. އެހެންގޮސް ސ. ހިތަދޫ ފަޅުވި ވާހަކައެވެ. އެރަށުން ދިމާވި ބިރުވެރިކަމަކުން މީހުން މަރުވި ކަމަށް ދޫދޫމަތިން ކިޔަމުން އަންނަވާހަކަ އައިދިންއަށް ވަނީ އަޑު އިވިފައެވެ. އައިދިންގެ ރައްޓެހިން ގަބޫލުކުރާގޮތުގައި ކަށްބޯހެރަ އަކީ ނާމާން ރަށެކެވެ. ބިރުވެރި ފަޅުރަށެކެވެ.

ކަށްބޯހެރައަކީ ނާމާން ރަށަކަށް ވިއަސް އައިދިން އެރަށަށް ދާން ބޭނުމެވެ. ސަބަބަކީ އައިދިން ބިރުވެރި ކަންތައް ތަޖްރިބާކުރާ ހިތްވާތީ އެވެ. ޚާއްޞަކޮށް ރައްޓެހިން ކިޔާ “ހަންޑި” ، ” ފުރޭތަ” ދެކެން ބޭނުންވާތީ އެވެ. އައިދިން ބޭނުންވަނީ ފުރޭތައެއް ދެކިލާށެވެ.

މި މަޤްޞަދު ޙާޞިލުކުރުމުގެ ނިޔަތުގައި  ސްކޫލް ބަންދު ވުމުން އައިދިން ހިތަދޫއަށް ދިޔައެވެ. އަދި ހިތަދޫގައި އުޅޭ އައިދިންގެ ރައްޓެހި ވިއާމަށް ގުޅާ ދަތުރު ހަމަ ޖެއްސި އެވެ. ދަތުރު ހަމަޖެއްސުމުގެ ވާހަކަ ދެއްކުމުން ވިއާމް ބުންޏެވެ. ” އެއީ ބިރުވެރި ރަށެކޭ މީހުން ކިޔާ. އެހެންވީމާ ހަރުދަނާ، ބޮޑު މީހަކު ގޮވައިގެން ދިއުން ބުއްދިވެރި. “

ވިއާމް މިހެން ބުނުމުން އައިދިން ބުންޏެވެ. ” އެކަކު ނުދިޔަޔަސް އަހަންނަށް ހެޔޮ. ފުރޭތަ، އަހަންނަކަށްވުރެ ވަކިން ގަދައެއް ނުވާނެ. ދަތުރު ހަމަ ޖައްސާ. “

މި އަޑު އަހާފައި ވިއާމް ހިނިތުންވެލިއެވެ. އަދި  އޭނަގެ ކުލާސް ކުއްޖެއްގެ ބައްޕައަށް ގުޅާ ދަތުރުގެ ވާހަކަ ބުނުމުން އެކުދިންނާއެކު ދަތުރު ދިއުމަށް އެއްބަސް ވިއެވެ. ކުލާސް ކުއްޖާގެ ބައްޕަ އަލިބެ އަކީ ހެޔޮލަފާ، ޚުލްގު ރަގަޅު މީހެކެވެ. އަލިބެ ގެ ވަށައިގެން ތިބޭ އަވައްޓެރިންގެ ކުދިންނަށް ހެޔޮ ނަސޭޙަތް ދޭ މީހެކެވެ.

ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ. އަައިދިން ބޭނުންވީ ރޭގަނޑު ކަށްބޯހެރައިގައި ތިބޭގޮތަށް ދާށެވެ. އޭނައަށް މަޖަލީ ރޭގަނޑު ކަމުގައި ބުންޏެވެ. އެހެންނަމަވެސް އަލިބެ އެކަމާ އެއްބަހެއް ނުވިއެވެ.

އަލިބެއާއެކު އައިދިންމެން ކަށްބޯހެރައަށް ދިއުމަށް ފުރީ ހެނދުނު ހައެއް ޖެހި އިރެވެ. ދަތުރު ދިޔައީ ވިއާމް އާއި އައިދިންއާއި އަލިބެއާ އެކުދިންގެ ފަސް ރައްޓެހިންނާއެކު މުޅި ޖުމުލަ ، އަށް މީހުންނެވެ. މީގެ ތެރެއިން ބައެއްކުދިން ކަށްބޯހެރައާއި ކައިރި ވާ ވަރަކަށް ބިރު ގަންނަން ފެށިއެވެ. އެހެންނަމަވެސް ފިނޑި ނުވާން ވެގެން ބިރު ނުގަންނަކަމަށް ހެދިގެން ތިބީ އެވެ.

ކަށްބޯހެރައަށް ދޯނި ލަފައިފި އެވެ. އަދި ދޯނިން އެއްޗެހި ބޭލުމަށްފަހު ހުރިހާކުދިން އެއްގަމުގައި ހަމަޖެހިލިއެވެ. އަލިބެ ހުރިހާ ކުދިންނަށް ދުވަހުގެ ޙަރަކާތް ރޭވިފައިވާގޮތް ކިޔައިދޭން ފެށިއެވެ.

އެންމެ ފުރަތަމަ އޮތީ ސައި ބުއިމެވެ. އޭގެ ފަހުން އޮންނާނީ މޫދުގެ ކުޅިވަރެވެ. ކުޅިވަރު ކުޅުމަށްފަހު މެންދުރު މަސްބާނައިގެން މަސް ފިހުން އޮންނާނެއެވެ. އަދި ހަވީރު ކުޅިވަރު ކުޅުމަށްފަހު ސައިބޮއެގެން ފަހެއް ޖަހާއިރު އޮންނާނީ ފުރަން ތައްޔާރު ވުމެވެ.

އައިދިންއަށް ދަތުރުގެ ޕްރޮގްރާމް ކަމުނުދެއެވެ. ސަބަބަކީ އިރުއޮއްސުމުގެ ކުރިން ދާތީއެވެ. އެހެންނަމަވެސް އަލިބެއަށް އެހެންކުދިން އިޙުތިރާމް ކުރާމިންވަރު ފެނިފައި އަޅާނުލާ ހުރީއެވެ.

އިރުކޮޅަކުން އެންމެން ސައިބޯންފެށިއެވެ. ސައިބޯންތިއްބާ ކުއްލިއަކަށް ބިރުވެރި އަޑެއް އިވެން ފަށައިފިއެވެ. އައިދިން ފުރޭތައެކޭ ކިޔާ އަޑުއަންނަ ދިމާއަށް” ފުރޭތަ މަރާނަމޭ” ކިޔާ ދުއްވައިގަތެވެ. ދެން ތިބި ކުދިން ބިރުން އަލިބެ އޭ އަލިބެ އޭ ކިޔާ ހަޅޭލަވާގަތެވެ. ވިއާމް ހަމަ އަނގައިންވެސް ނުބުނެ ސައިބޮމުން ދިޔައެވެ.

އަލިބެ އަޑުއަންނަ ދިމާއަށްގޮސް ބަލާލިއިރު އެއީ ކުއްޖެއްގެ ފޯނުން އިވުނު އަޑެކެވެ. އެއީ ވިއާމްގެ ފޯނެވެ. ވިއާމް ހެމުން ބުނީ އައިދިން އަބަދު ފުރޭތަ އޭ ކިޔާތީ މަޖަލަކަށް ކުރި ކަމެއް ކަމުގައެވެ. އެންމެން ހޭންފެށިއެވެ. އަލިބެވެސް ހުނުމުގައި ބައިވެރި ވަމުން ބުންޏެވެ.” މިރަށުގެ ބިރުވެރި ވާހަކައަކީ މާ ކުރީގެ ވާހަކައެއް”.

އައިދިން މިއަޑު އިވުމުން ވަރަށް މާޔޫސްވެހުރެ ބުންޏެވެ. ” އެހެންވީމަ މީހުން އެބުނާގޮތަށް މިރަށަކީ ބިރުވެރި ރަށެއް ނޫންތާ. އެކަމަކު ފުރޭތައެއް ނުފެނުނުކަން ވަރަށް ދެރަ. ދެން ކުރާނެ ކަމެއްނެތް. މަޖާކޮށް ސަކަރާތް ޖަހާ މޫދަށްއެރި ފަތާފައި ދާނީ.”

ހުރިހާކުދިންނާއެކު އައިދިން މަޖާކުރިއެވެ. ދަތުރުގައި އެންމެ ސަކަރާތްޖަހާ ކުއްޖަކަށް ހުރީ އައިދިންއެވެ. އެެހެންކުދިންގެ ކަމަކީ އޭނަ ކުރާ ކަންކަމަށް ހެމުން އޭނަލައްވާ އިތުރަށް މަޖާ ކުރުވުމެވެ. އަލިބެވެސް އެކުދިންގެ ސަލާމަތަށް ވިސްނަމުން ބައެއްފަހަރު ހުނުމުގައި ބައިވެރިވެލައެވެ.

ދަތުރުގެ އެކި މަޖަލުގައި ވަގުތު ހޭދަވެ މެންދުރު ވަގުތު ވެއްޖެއެވެ. މެންދުރުގެ ވަގުތުވުމުން ހުރިހާ ކުދިން އަލިބެގެ އިރުޝާދާއެކު ވުޟޫކޮށްގެން ނަމާދަށްތައްޔާރު ވިއެވެ. ނަމާދުގެ ވާހަކަ އަލިބެ ނުދެއްކިއަސް އެއީ ކުރަންޖެހޭކަމެއްކަން ހުރިހާ ކުދިންނަށްވެސް ދަނެއެވެ. އަލިބެއާއެކު ނަމާދުކުރުން އެއީ އެކުދިންގެ އަބަދުވެސް ކުރާ ކަމެކެވެ. މިކަމާ އެކުދިންގެ ބެލެނިވެރިންވެސް ތިބެނީ އުފަލުންނެވެ. އެހެންނަމަވެސް ނަމާދުކުރުމަކީ އައިދިން ކުރަން އާދަވެފައިވާ ކަމެއް ނޫނެވެ. މާލޭގައި އައިދިން އުޅޭ އިރު ގިނަވަގުތު ހޭދަކުރަނީ ކުޅިވަރު ކުޅުމުގައެވެ. އެހެންވެ އަލިބެ ވުޟޫކުރަން މޫދަށް ދިޔަ ވަގުތު އައިދިން ވަލުތެރެއަށް ވަދެގެން ދިޔައެވެ. އައިދިންގެ މަގުސަދަކަށްވީ ނަމާދުކޮށް ނިމުނީމައި ފިލާ ހުރެފައި ނިކުންނާށެވެ.

އައިދިން ހުރީ ވަލުތެރޭގައެވެ. އައިދިންއަކީ ބިރުކުޑަ ކުއްޖަކަށް ވުމުން އެގޮތަށް އެކަނި ހުރުމަކީ އޭނަ ޖެހިލުންވާ ކަމެއް ނޫނެވެ. ވަލުތެރޭގައި ފިލާއޮވެފައި ހިތަށް އެރިއެވެ. މެންދުރު މަސްފިހަން ދަރުކޮޅެއް ލިބޭތޯ ބަލަންވީއެވެ. މި ނިޔަތުގައި ތަންކޮޅެއް އެތެރޭގައި ހުރި ދަރު ފުންޏެއްގެ ކައިރިއަށް ޖެހިލިއެވެ. އަދި އޭގެ އެތެރޭގައި ހުރި، މީދާކޭ އުނބުތަކެއް ފެނި އެ ނަގާ އެއްފަރާތް ކުރަމުން ދިޔައެވެ.

ޚިޔާލެއް ފިކުރެއްނެތި މިކަންތައް ކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނު މަންޒަރަކުން އައިދިން ހޭނެތިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

އަލިބެ ވުޟޫކޮށްލައިގެން އެހެންކުދިންނާއެކު އައިދިންގެ އިންތިޒާރުގައި ހުރުމަށްފަހު އޭނަގެ ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް ފެނުނީ ވަލުތެރޭގައި ހުރި ދަރުފުންޏެއްގެތެރޭފައި ހުރި މަހާނައެއްގެ މަތީ ވެއްޓިފައި އޮއްވައެވެ.

އަލިބެ އެހެންކުދިންގެ އެހީގައި އައިދިން އެތަނުން ނެރުނެވެ. އަދި ޓެންޓު ހުރި ތަނަށް ގޮސް އައިދިންގެ ބޮލަށް ފެންއަޅަމުން ދިޔައެވެ. ފެން އަޅަމުންދަނިކޮށް އައިދިން ހޭއަރަން ފެށިއެވެ. ހޭ އަރަމުން ދިޔައިރު އައިދިން ކިޔަމުން ދަނީ ” ދެ ގާ. އެއީ ހަމަ އެ ދެގާ “. މިހެންކިޔާފައި ރޯންފެށިއެވެ.

އަލިބެ ބުންޏެވެ. ދަރިފުޅު އައިދިން ނުރޯށެވެ. ބިރު ނުގަންނާށެެވެ. ހަމަ ޖެހޭށެވެ. އެއީ ފުރޭތައެއް ނޫނެވެ. އެއީ ހަންޑިއެއްވެސް ނޫނެވެ. އެއީ މަހާނައެކެވެ.

މި އަޑުއަހާފައި އައިދިން ބުންޏެވެ. ” ބޭބޭ. އަޅުގަނޑު މަހާނަ ގާ ފެނުނީމަ ބިރުގަނޭ. މަހާނައިގެ ތެރޭގައި ތިބެނީ މަރުވެފައި ތިބޭ މީހުން. ކުރިންވެސް ބިރުގަނޭ.”

އަލިބެ އޯގާތެރިކަމާއެކު ކުޑަކުއްޖެއް ފަދައިިން އައިދިންއާ ވާހަކަ ދައްކަމުން ދިޔައެވެ. “ދަރިފުޅު ތިޔަ ބުނީ ތެދެއް. މަހާނަ ގަލަކީ މީހުން މަރުވެފައި ވާ ތަންތަނުން ފެންނަ އެއްޗެއް. އެކަމަކު މަހާނަގާ ދެކެ ތިގޮތަށް ބިރު ނުގަނެ މަހާނަ ގަލުން ދޭ އިބުރަތް ހަދާން ކުރޭ. ޚިޔާލަށް ގެނޭ. އެ ދެ ގާ ދޭ މެސެޖާމެދު ވިސްނާ “

އަލިބެގެ ވާހަކަ އަޑުއަހަންހުރެ ވިއާމް އެއްސެވެ. “އެއީ ކޮން މެސެޖެއް؟ ނިކަން ބުނެދީބަލާ. އަހަރެމެން އަބަދުވެސް އަލިބެ ދައްކާ ވާހަކަ އަޑުއަހާ ހިތްވޭ.” އައިދިންވެސް އެއްޗެކޭ ނުބުނެ މައްޗަށް ބަލަހައްޓައިގެން އަލިބެ ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި އޮތެވެ.

އަލިބެ ބުންޏެވެ. “އެ ދެގަލުން ލިބޭ މެސެޖަކީ ދުނިޔޭގެ އަގެއް ނެތްކަން. މުއްސަންޖަކަށްވިއަސް ފަގީރަކަށްވިއަސް އެމީހަކަށް އެއްވެސް އެއްޗެއް ހިފައިގެން ނުދެވޭނެކަން. ދުނިޔޭގައި އުޅޭ ގެދޮރު ހިފައިގެން ނުދެވޭ ކަން. އޭގެ ބަދަލުގައި ފެންނާނީ ވެލިފުންޏަކާއި ދެ ގާ. ވީމާ ހެޔޮ ޢަމަލުކޮށް މަރަށް ތައްޔާރުވުމަށް އެ ދެގަލުން މެސެޖް ލިބެ. އެހެންވީމަ ތިޔަ ކުދިންވެސް އެ ދެގަލުން ޢިބުރަތް ހޯދާ. ފަރުވާކުޑަނުކޮށް ނަމާދާއި އެހެނިހެން އަޅުކަންތަކަށް ރައްކާތެރިވޭ.”

ދަތުރު ނިންމާލުމަށްފަހު ހުރިހާ ކުދިން ދޯންޏަށް ފުރަން އެރިއެވެ. ކުރިން އަލިބެއާ މެދު ގަޔާނުވެފައި ހުރި އައިދިން މިހާރު އަލިބެއާމެދު އުފާކުރެއެވެ. ދޯނިމަތީގައިވެސް އައިދިން ވިސްނަމުން ދިޔައީ ކުރިން އޭނައަށް ހެދިފައި ހުރި ދޮގުތަކާއި އޮޅުވާލުންތަކާ މެދުގައެވެ. ކުރިން މަހާނަދެކެ އައިދިން ބިރު ގަތް ކަމުގައިވިޔަސް މިހާރު އޭނަ މަސައްކަތް ކުރަނީ އެ ބިރުވެރިކަން ފިލުވުމަށެވެ.

ކަށްބޯހެރައިން ފެނުނު މަހާނަގަލުން، އަލިބެ ދިން މެސެޖުން އައިދިން ބަދަލު ވެއްޖެއެވެ.

އައިދިން މިހާރު ސިކުނޑީގައި އޮތީ ދެ ގަލުގެ މެސެޖެވެ. އެ ދެގަލުން އަލިބެ ފޯރުކޮށްދިން ވާހަކަ މިހާރުވެސް އައިދިންގެ ސިކުނޑީގައި ވެއެވެ.