(ކުށު ސަޖިދަ ޖަހަން ޖެހޭ ތިންވަނަ ސަބަބު: ޝައްކުވުން.)
ޝެެއިޚު ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
“ތިންވަނައީ: ޝައްކުވުން.
ޝައްކަކީ އެއީ ދެކަމަކުންކުރެ ކޮޅަކުންކުރެ ކޮޅެއް ކުރެވުނުކަމާއި މެދު (ނުވަތަ ވީކަމާމެދު) ޔަޤީންނުވުމެވެ.
ޢިބާދަތުގައި(އަޅުކަންތަކުގައި) ޝައްކު ތިންހާލަތެއްގައި އެޔަށް ބަލާކަށް (ރިޢާޔަތްކުރާކަށް) ނުޖެހޭނެއެވެ.
- ފުރަތަމައީ: އެއްވެސް ޙަޤީޤަތެއްނެތް ވަސްވާހެއްފަދަ ވަހުމެއް މެދުވެރިވެއްޖެނަމައެވެ.
- ދެވަނައީ: މީހަކު ޝައްކުވުން ގިނަވުމެވެ. އެމީހަކު އަޅުކަމެއްކުރާއިރަށް ޝައްކުއުފެދެއެވެ. (މިފަދައިން ޝައްކުބޮޑުވުމެވެ.)
- ތިންވަނައީ: އަޅުކަންކޮށް އަވަދިވުމަށްފަހު (ޝައްކުވެއްޖެނަމަ)، ޔަޤީންނުވާ ކަމެއްގެ މައްޗަށް ބުރަވުމެއްނެތެވެ. (އެބަހީ: ޔަޤީންވާ ޔަޤީންވުން ދޫކޮށްލައި ޝައްކުގެ މައްޗަށްބިނާކޮށް ކަމެއްކުރާކަށް ނުޖެހޭނެއެވެ). މިޙާލަތުގައި ދެން ޢަމަލު ބިނާކުރާނީ އެކަމެއްގައި ޔަޤީންވާ ކަމެއްގެ މައްޗަށެވެ.
އެކަމުގެ މިޘާލެއް: މީހަކު މެންދުރު ނަމާދުކުރިއެވެ. އޭނާ ނަމާދުކޮށް އަވަދިވުމުން ކުރެވުނީ ތިން ރަކުޢަތްތޯ ނުވަތަ ހަތަރު ރަކުޢަތްތޯ ޝައްކުއުފެދެއެވެ. މި ޝައްކު އޭނާ ތިން ރަކުޢަތްނޫނީ ނުކުރެވޭ ކަމަށް ޔަޤީންވެއްޖެނަމަ މެނުވީ އެކަމަށް ރިޢާޔަތްކުރާކަށް ނުޖެހޭނެއެވެ. (ނަމާދު އަވަދިވެގެން) އަދި މާގިނައިރުތަކެއް ނުވާނަމަ، (ތިންރަކުޢަތް ނޫނީ ނުކުރެވޭ ކަމަށް ޔަޤީންވުމުން)، އޭނާ ނަމާދު ފުރިހަމަކޮށް(ނުކުރެވޭ ރަކުޢަތްކޮށް)، ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަ ޖަހާނީއެވެ. ފަހެ އެކަން ހަދާންވީ ވަރަށް ގިނައިރުފަހުން ކަމުގައިވާނަމަ، ނަމާދު އަލުންކުރަން ޖެހޭނެއެވެ.
މިނޫން ޙާލަތްތަކުގައި ޝައްކުވެއްޖެނަމަ އެ ޝައްކަށް ރިޢާޔަތްކުރަން (އެއީ ޝައްކެއް ކަމަށް) ބަލަންޖެހޭނެއެވެ.
ނަމާދުގައި އުފެދޭ ޝައްކު ދެޙާލަތެއްގެ މައްޗަށް މެނުވީ ނު އުފެދޭނެއެވެ.
- ފުރަތަމަ ޙާލަތު: ޝައްކުވާ ދެކޮޅުން ކުރެ ކަމެއް، އޭނާގެ ގާތުގައި ޔަޤީންވުމެވެ(އެބަހީ އެކަމުގެ މައްޗަށް ބުރަވެވުމެވެ). ދެން ޢަމަލުކުރާނީ ޔަޤީންވާ ގޮތުގެ މައްޗަށެވެ. އޭގެ މައްޗަށް ބިނާކޮށް، ނަމާދު ނިންމައި ސަލާމްދޭނީއެވެ. އެޔަށް ފަހު ކުށުސަޖިދަ ޖަހައި ސަލާމްދޭނީއެވެ.
އޭގެ މިޘާލެއް: މީހަކު މެންދުރު ނަމާދު ކުރަނީއެވެ. ރަކުޢަތެއްގައި އެއީ ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯ ޝައްކު އުފެދިއްޖެއެވެ. ނަމަވެސް އެޔަށްފަހު ބޮޑަށް ބުރަވެވުނީ އެއީ ތިންވަނަ ރަކުޢަތްކަމުގައެވެ. ދެން އެ ރަކުޢަތް ތިންވަނަ ރަކުޢަތުގައި ކޮށްފައި، އޭގެ ފަހުން ރަކުޢަތެއްކޮށް ސަލާމްދޭނީއެވެ. އެޔަށްފަހު ކުށު ސަޖިދަޖަހައި ސަލާމް ދޭނީއެވެ.
އޭގެ ދަލީލު:
ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި އަދިވެސް އެނޫން ފޮތްތަކުގައި ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ވާރިދުވެފައިވާ އަންނަނިވި ޙަދީޘެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إِذَا شَكَّ أَحَدُكُمْ فِي صَلاَتِهِ، فَلْيَتَحَرَّ الصَّوَابَ فَلْيُتِمَّ عَلَيْهِ، ثُمَّ لِيُسَلِّمْ، ثُمَّ يَسْجُدُ سَجْدَتَيْنِ) (1)
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ނަމާދުގައި ޝައްކުވެއްޖެނަމަ، ރަނގަޅުގޮތް (ބޮޑަށް ބުރަވެވޭގޮތް އިޖުތިހާދުކޮށްގެން) ޙިޔާރުކުރުމަށްފަހު، އޭގެ މައްޗަށް ބިނާކޮށް ނަމާދު ނިންމާހުށިކަމެވެ. އެޔަށްފަހު ސަލާމްދޭށެވެ. އެޔަށްފަހު ދެ ސަޖިދަ(އެބަހީ ކުށު ސަޖިދަ) ޖަހާހުށިކަމެވެ.” (ޞަޙީޙް ބުޚާރީގައި އައިސްފައިވާ ލަފުޒު)
- ދެވަނަ ޙާލަތް: ދެކޮޅުން ކުރެ ކޮޅަކަށް ބުރަނުވެވުން.
އެތަނުން (ޢަމަލުކުރާނެ ގޮތަކީ) ކުރެވުނު އެންމެ މަދުމިންވަރުގެ މައްޗަށް ބުރަވުމެވެ. އޭގެ މައްޗަށް ބިނާކޮށް ނަމާދު ނިންމާނީއެވެ. ދެން ސަލާމްދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހައި ސަލާމްދޭނީއެވެ. (ނޯޓު: އެފަދައިން ކަންތައްކުރީ ޝައްކުވި ދެކަމުން ކުރެ މަދުމިންވަރު ހަމަޔަޤީނުންވެސް ކުރެވިފައިވާނެތީއެވެ.)
އޭގެ މިޘާލެއް: މީހަކު ޢަޞުރު ނަމާދުކުރަނިކޮށް، ރަކުޢަތެއްގައި އެއީ ދެވަނަ ރަކުޢަތްތޯ ނުވަތަ ތިންވަނަ ރަކުޢަތްތޯ ޝައްކު އުފެދިއްޖެއެވެ. އަދި އޭނާއަށް އެހުރެވުނީ ތިންވަނަ ރަކުޢަތް ކަމާމެދުގައިވެސް، ނުވަތަ ދެވަނަ ރަކުޢަތުގައި ކަމާމެދުވެސް ބުރަނުވެވުނެވެ. (ދެން ހަދާނެ ގޮތަކީ) އެއީ ދެވަނަ ރަކުޢަތް ކަމުގައި ބަލައި، (އެރަކުޢަތްކޮށް) އެރަކުޢަތުގައި(ދެވަނަ ރަކުޢަތަށްވީތީވެ) އައްތަޙިއްޔާތުގައި އައްތަޙިއްޔާތު ކިޔައި، އެޔަށްފަހު ދެރަކުޢަތްކޮށް، ކުށު ސަޖިދަޖަހައި ސަލާމްދޭނީއެވެ.
އެކަމުގެ ދަލީލު:
އެކަމުގެ ދަލީލަކީ ޞަޙީޙް މުސްލިމުގައި އަބޫ ސަޢީދު އަލްޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ، فَلَمْ يَدْرِ كَمْ صَلَّى ثَلَاثًا أَمْ أَرْبَعًا، فَلْيَطْرَحِ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ، ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ، فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلَاتَهُ، وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ) (2)
މާނައީ: “ތިޔަބައިމީހުންގެ މީހަކު އޭނާގެ ނަމާދުގައި ޝައްކުވުމަށްފަހު، އޭނާއަށް ކުރެވުނީ ތިންރަކުޢަތްތޯ ނުވަތަ ހަތަރުރަކުޢަތްކަން ނޭންގިއްޖެ ކަމުގައިވާނަމަ، ފަހެ ޝައްކު ދުއްވާލާށެވެ.(އެބަހީ އެންމެ މަދުމިން އެއީ ޔަޤީންވާ ކަމުގެ މައްޗަށް ނިންމައި ޝައްކު ފުހެލާށެވެ.) އަދި ބޮޑަށްބުރަވެވޭ މިންވަރުގެ މައްޗަށް ބިނާކޮށް (ނަމާދުކޮށް)، އެޔަށް ފަހު ސަލާމްދިނުމުގެ ކުރިން ދެ ސަޖިދަ(ކުށު ސަޖިދަ) ޖަހާހުށިކަމެވެ. (އެޔަށްފަހު) އޭނާކުރީ ފަސްރަކުޢަތް ކަމުގައިވާނަމަ، (ކުށު ސަޖިދަ ޖެހުމުގެ ސަބަބުން) އޭނާގެ ނަމާދު ފަސް ރަކުޢަތް އެވަނީ ހިރިޢަދަދަށް(ދޭކުން ގެއްލޭ)(3) އަދާކުރެވިފައެވެ. އަދި އޭނާ ކުރީ ހަތަރު ރަކުޢަތްކަމުގައިވާނަމަ، އެއީ ޝައިޠާނާއާއި ދެކޮޅަށްވާ ދެސަޖިދައެވެ.”
ނުނިމޭ.
(ދެން އަންނަ ބައެއްގައި ޝައްކުވުމުގެ އިތުރު މިޘާލުތައް.)
____________
ރެފަރެންސު.
- (1) متفق عليه. رواه البخاري في كتاب الصلاة، باب التوجه نحو القبلة (401)، رواه مسلم (572). كتاب المساجد، باب السهو في الصلاة.
- (2) رواه مسلم 571
(3) ހިރި: ރައީސްއޮފީހުން ފަހުން ނެރުއްވާފައިވާ ޤުރުއާންތަރުޖަމާ، ފަޖުރު ސޫރަތުގެ ތިން ވަނަ އާޔަތް ބައްލަވާ.