އިސްލާމްކަމުގެ ރުކުންތައް ފަހެކެވެ. އެއީ؛ ﷲފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހުގެ ރަސޫލާކަމުގައި ހެކިވުމެވެ. އަދި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމާ އަދި ކަޢުބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުމެވެ.
ޝަހާދަތުގެ ދަލީލަކީ: ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
﴿شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾ ([1])
މާނައީ: “ހަމަކަށަވަރުން، ﷲ، އެއިލާހު ފިޔަވައި (ޙައްޤުގޮތުގައި އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ހެއްދެވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެއިލާހު ޤާއިމުވެވޮޑިގެންވެއެވެ. އެއިލާހު މެނުވީ (ޙައްޤުގޮތުގައި އަޅުކަންވެވޭ) އިލާހަކު ނުވެއެވެ. (އެއީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”
މިކަލިމައިގެ މާނައަކީ: ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވާކަމެވެ.
لَا إِلـٰهَ: ﷲ ފިޔަވައި އަޅުކަން ވެވޭ ހުރިހާ ފަރާތްތައް ނަފީކުރަމެވެ.
إلا الله: ހަމައެކަނި އެއިލާހަށް އަޅުކަން ޘާބިތުކުރަމެވެ.
އެއިލާހަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއް ބައިވެރިކުރުމެއް ނުވެއެވެ. މިލްކުވެރިކަމުގައި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާފަދައިންނެވެ.
އަދި لَا إِلـٰهَ إلا الله ގެ ތަފްސީރު ތަފްޞީލުކޮށްދެނީ އެއިލާހުގެ އަންނަނިވި ވަޙީބަސްފުޅެވެ.
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ ﴿٢٧﴾ وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ ﴿٢٨﴾ ([2])
މާނައީ: “އިބްރާހީމު (ޢަލައިހިއްސަލާމު) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. [26] އިސްވެދިޔަ މިސާލަކާ ނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. [27] އަދި އެބަސްފުޅު (އެބަހީ: لَا إِلـٰهَ إلا الله މިކަލިމަ) އެކަލޭގެފާނުގެ ދަރިފަސްކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. (އެއީ) ﷲގެ މަގަށް އެއުރެން ރުޖޫޢަވުމަށްޓަކައެވެ. [28]”
އަދި އަންނަނިވި ވަޙީބަސްފުޅެވެ.
﴿قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّـهِ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ﴾ ([3])
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އޭ އަހުލުކިތާބީންނޭވެ. އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަ، ޢަދުލުވެރި ކަލިމައަކަށް އަންނާށެވެ. (އެއީ) ﷲއަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެއިލާހާ އެއްވެސް އެއްޗެއް އަހުރެމެން ޝަރީކު ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކު ﷲ ފިޔަވައި ރައްބުންތަކެއްކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ ހަމަކަށަވަރުން، ތިމަންމެންނީ މުސްލިމުން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* (لَا إِلـٰهَ إلا الله) މިކަލިމައަކީ: މިމަތިވެރިވެގެންވާ ކަލިމައިގެ ޙަޤީޤަތަށް ކާއިނާތުގެ ވެރިރައްބު ހެކިވޮޑިގެންވާ ކަލިމައެކެވެ. އަދި ޙައްޤުގެ އަހުލުވެރިންވެސް އެކަމަށް ހެކިވެއެވެ.
* لَا إِلـٰهَ إلا الله ގައި ދެކަމެއް އެކުލެވިގެންވެއެވެ.
– ފުރަތަމައީ: ﷲ ފިޔަވައި އަޅުކަން ވެވޭ ހުރިހާ ފަރާތްތައް ނަފީކުރަމެވެ.
– ދެވަނައީ: ހަމައެކަނި އެއިލާހަށް އަޅުކަން ޘާބިތުކުރަމެވެ.
* ޚަލްޤުކުރެއްވުމުގައްޔާއި ތަދުބީރުކުރެއްވުމުގައި ﷲއަށް ބައިވެރިއަކު ޝަރީކަކު ނުވާފަދައިން، އަޅުކަމުގައިވެސް އެއިލާހަށް ބައެވެރިއަކު ޝަރީކަކުނުވެއެވެ.
* لَا إِلـٰهَ إلا الله އަކީ އިސްލާމްދީނުގެ ދަޢުވަތެވެ. އެންމެހާ މީސްތަކުންނަށްވެސް މުސްލިމުން ގޮވާލަނީ އެކަލިމައަށެވެ.
* لَا إِلـٰهَ إلا الله ހެކިވުމުގައި ޝިރުކާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުން ހިމެނެއެވެ. އެއީ އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނާމެދު ޢަމަލުކުރެއްވިފަދައިންނެވެ.
* އަހުލުކިތާބީންނަކީ: ޔަހޫދީންނާއި ނަޞާރާއިންނެވެ.
* އިސްލާމްދީނަށް ވަނުމަށް މީސްތަކުން އިންކާރުކުރިޔަސް، އޭގެ ސަބަބުން މުސްލިމުއަޅާ އޭނާގެ އިސްލާމްކަން އިޢުލާނުކުރުމާއި އެއަށް ދަޢުވަތުދިނުމުން އެއްކިބާވާކަށް ނުޖެހެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿… فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ﴾
މާނައީ: “… ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ ހަމަކަށަވަރުން، ތިމަންމެންނީ މުސްލިމުން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ.”
ސުވާލުތައް
- لَا إِلـٰهَ إلا الله ގައި ނަފީކުރުމާ ޘާބިތުކުރުން ހިމެނިގެންވެއެވެ. ފަހެ މިކަލިމައިން ޘާބިތުކުރަނީ އަދި ނަފީކުރަނީ ކޮންކަމެއް ހެއްޔެވެ؟
- އަންނަނިވި ހުސްތަން ފުރާށެވެ.
މިކައުނު ޚަލްޤުކުރައްވާ އަދި ތަދުބީރުކުރައްވަނީ ﷲ ތަޢާލާއެވެ. އެކަމުގައި އެއިލާހަށް ބައިވެރިއަކު ޝަރީކަކު ނުވެއެވެ. އެހެންކަމުން ހަމައެކަނި އެއިލާހަށް ތިބާ ______________ ވާޖިބުވެގެންވެއެވެ.
- ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކުނުވާކަމުގެ ދަލީލެއް ބަޔާންކުރާށެވެ.
- މުސްލިމުންނަށް އެބައިމީހުންގެ ދީނާމެދު ޢަމަލުކުރުން ވާޖިބުވެގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟
- އަންނަނިވި އާޔަތްތަކުގައި ނަފީކުރައްވާފައިވާ ތަންތަން، އެއްރޮނގުން ފާހަގަކުރާށެވެ.
އަދި ޘާބިތުކުރައްވާފައިވާ ތަންތަން، ދެރޮނގުން ފާހަގަކުރާށެވެ.
– وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ ﴿٢٧﴾
މާނައީ: “އިބްރާހީމު (ޢަލައިހިއްސަލާމު) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. [26] އިސްވެދިޔަ މިސާލަކާ ނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. [27] “
– ﴿وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ … ﴾ [سورة الأعراف ٦٥]
މާނައީ: “އަދި ތިމަންއިލާހު ޢާދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚާ، ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި، (ޙައްޤުގޮތުގައި އަޅަކަންވެވޭ) އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.
“
____________________________