ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅެއްގައިވެއެވެ. (عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنْ اللَّيْلَةِ فَلَمَّا انْصَرَفَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَقْبَلَ عَلَى النَّاسِ فَقَالَ هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ قَالَ أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ) رواه البخاري ޒައިދު ބުނި ޚާލިދު އައްޖުހަނީ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިއެކީ ޙުދައިބިއްޔާގައި ފަތިސް ނަމާދު ކުރެއްވީމެވެ. ފާއިތުވި ރޭގައި ވާރޭވެހިފައިވާ ޙާލުގައެވެ. ނަމާދުކޮށް ނިމުނުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މީސްތަކުންނާއި ކުރިމަތިލައްވައި ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ރައްބު ވާޙީކުރެއްވި އެއްޗެއް ތިޔަބައިމީހުންނަށް އެނގޭތޯއެވެ؟ ދެން ޞަޙާބީން ދެންނެވިއެވެ. “އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއަށްފަހު އެނގިވަޑައިގަންނަވާނީ އެއިލާހުގެ ރަސޫލާއަށެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ އަޅުންގެތެރއިން އެއްބަޔަކު ތިމަންއިލާހަށް އީމާންވެއްޖެއެވެ. އަދި އަނެއްބަޔަކު ތިމަންއިލާހަށް ކާފަރުވެއްޖެއެވެ. ފަހެ ﷲ ގެ ފަޟުލުވަންތަކަމާއި ރަޙްމަތުން ތިމަންމެންގެ މައްޗަށް ވާރޭވެހިއްޖެޔޭ ބުނި މީހުން ތިމަންއިލާހަށް އީމާންވެ ތަރިތަކަށް ކާފަރު ވެއްޖެއެވެ. އަދި ތިމަންމެންގެ މައްޗަށް ވާރޭވެއްސީ މިވެނި އެވެނި ތަރިއަކުންނޭ ބުނާ މީހުން ތިމަން އިލާހަށް ކާފަރުވެ ތަރިތަކަށް އީމާންވެއްޖެއެވެ.”
ނޫސްތަކުގައި ހުންނަ ހޮރޮސްކޯޕް ކޮލަމްތައް ލިޔެފައި ހުންނަނީ ތަރިތަކުގެ ހަރަކާތްތަށް ބަލައިގެން އެއަށް އީމާންވާ މީހުންނެވެ. ދިވެހިރާއްޖޭގައި ނެރޭ މެގަޒިންތަކުންވެސް ހޮރޮސްކޯޕު ކޮލަމްތައް ފެނިފައިވެއެވެ. ނޫސްތަކުގަޔާއި މެގަޒިންތަކުގައި ހުންނަ ހޮރޮސްކޯޕުގެ ކޮލަމްތައް ކިޔައި ތަރިތަކުން އިންސާނަގެ ޙަޔާތަށް ބާރުހިންގާކަމަށް އިޢުތިޤާދުކޮށް އޭގައިވާއެއްޗެއް ޤަބޫލްކުރުމަކީ ﷲ ތަޢާލާއަށް ކުރެވޭ ޝިރުކެކެވެ. އަދި މުނިފޫހުފިލުވުމަށްޓަކައި ހޮރޮސްކޯޕު ކޮލަމްތައް ކިޔުމަކީ ބޮޑުވެގެންވާ ފާފައެކެވެ.