ނަމާދާއި ޒަކާތުގެ ދަލީލަކީ އަދި ތައުޙީދުގެ ތަފްސީރަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾([1])
މާނައީ: “ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.”
ރޯދައިގެ ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ ([2])
މާނައީ: “އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީ މީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”
ޙައްޖުގެ ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿…وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ عَنِ الْعَالَمِينَ﴾ [3]
މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނައެވެ.) ފަހެ، ހަމަކަށަވަރުން، ﷲއީ، އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން) ފުދިވޮޑިގެންވާ އިލާހެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ނަމާދަކީ އިސްލާމްކަމުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފުރިހަމައަށް ހެކިވެވޭނީ އެކަން އަދާކޮށްގެންނެވެ. އެހެންކަމުން ނަމާދު އަޅާމީހަކީ ކާފިރެކެވެ. މުއްދައްޘިރު ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
مَا سَلَكَكُمْ فِي سَقَرَ ﴿٤٢﴾ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾ [ سورة المدثر]
މާނައީ: ” ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ [42] އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ. [43]”
* ރުހިގެންވާ ޙާލު ޒަކާތް ނެރުމަކީ މުދަލާ ގުޅުންހުރިކަންކަމުގައި މުސްލިމުމީހާ ﷲ އަށް ބޯލަނބާކަމުގެ ފުރިހަމަ ހެއްކެކެވެ.
* ރޯދައާއި ޙައްޖަކީ އިސްލާމްކަމުގެ ދެރުކުނެވެ. އިހުގެ ނަބީންނަށް، ﷲ ތަޢާލާވަނީ އެދެރުކުން އަދާކުރުމަށް އަމުރުކުރައްވާފައެވެ. ހަމަފަދައިން، ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް، އެދެރުން އަދާކުރުމަށް އެއިލާހު އަމުރުކުރެއްވިއެވެ.
* މިހަތަރު ރުކުނަކީ އިންސާނާ ޙަޤީޤީ މުސްލިމަކަށް ހަދާ ކަންތައްތަކެވެ.
– ފަހެ ނަމާދަކީ ﷲ މަތިވެރިކުރުމާއި އެއިލާޙު ހަނދުމަކުރުމާއި ޤުރުއާން ކިޔެވުންފަދަ އަޅުކަންތަކުގެ އަސާސެވެ.
– ޒަކާތަކީ މުދަލާ ގުޅުން ހުރިކަންކަމުގެ އަސާސެވެ.
– ރޯދައަކީ ޙައްޤުގެ މަތީގައި ނަފްސު ސާބިތުކުރުމުގެ އަސާސެވެ.
– ޙައްޖަކީ ﷲގެ މަގުގައި ނަފްސާއި މުދަލުން ހޭދަކުރުމުގެ އަސާސެވެ.
ފަހެ އިސްލާމްދީނަކީ ކިހާ މަތިވެރި ދީނެއް ހެއްޔެވެ!
ސުވާލުތައް
- އިސްލާމްކަމުގެ ރުކުންތައް ބަޔާންކުރާށެވެ.
- އިސްލާމްކަމުގެ ތަނބަކީ ނަމާދުކަމުގައިވީ ކީއްވެ ހެއްޔެވެ؟
- އަންނަނިވި އާޔަތުގައި މުޚާޠަބުކުރެވިގެންވަނީ ކޮން ބަޔަކަށް ހެއްޔެވެ.
﴿…كُتِبَ عَلَيْكُمُ الصِّيَامُ … ﴾ [سورة البقرة ١٨٣]
- އަންނަނިވި ސުވާލުތަކަށް ރަނގަޅު ފާހަގައިން ނުވަތަ ނުބައި ފާހަގައިން ޖަވާބުދޭށެވެ.
– ޒަކާތަކީ ﷲ ތަޢާލާ، އެއިލާހުގެ އަޅުތަކުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަމެކެވެ. ( )
– ނަމާދަކީ އިސްލާމްކަމުގެ ތަނބެވެ. ( )
– ޙައްޖުކުރުމުގެ ކުޅަދާނަކަން ލިބުނަސް ނުވަތަ ނުލިބުނަސް ޙައްޖަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ( )
– ރޯދައިގެ ސަބަބުން އުނދަގޫތައް ތަޙައްމުލުކުރުމަށް ނަފްސު ހޭނެއެވެ. ( )
- ޒަކާތާއި ރޯދައާ އަދި ޙައްޖުކުރުމުގެ ވާޖިބުކަން ބަޔާންކޮށްދޭ ދަލީލުތައް ލިޔާށެވެ.
= ނުނިމޭ =
____________________________