އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ لَا إِلَـٰهَ إِلَّا اللَّـهُ ކިޔުމެވެ. އަދި އޭގެ އެންމެ ދަށު ދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމެވެ.އަދި ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
އަދި އީމާންކަމުގެ ރުކުންތައް ހައެކެވެ. އެއީ ﷲ އަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހުގެ ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހާއި، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.
މި ހަ ރުކުނުގެ ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ …﴾ ([1])
މާނައީ: “ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގުފަރާތަށް )ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއް ނޫނެވެ. އަދި ކިއެއް، (އަޞްލު، ޙަޤީޤީ) ހެޔޮކަމަކީ ﷲ އާއި، އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާންވުމެވެ…”
އަދި މިންވަރަށް އީމާންވުމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ﴾ ([2])
މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއް) ތިމަން އިލާހު ހެއްދެވީ ކަނޑައެޅިގެންވާ މިންވަރަކަށެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ހިތުން ތެދުކުރުމާއި ދުލުން އިޤުރާރުވުމާއި ގުނަވަންތަކުން ޢަމަލުކުރުން އީމާންކަމުގައި ހިމެނެއެވެ.
* އީމާންކަމަކީ ޢަމަލުތައް ޞައްޙަވުމުގެ ޝަރުޠެކެވެ. އީމާންނުވެ ކުރާ ޢަމަލެއްގެ އެއްވެސް ފައިދާއެއް ނެތެވެ. އަންނަނިވި ވަޙީ ބަސްފުޅުގެ މުރާދަކީ އެއީއެވެ.
﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ …﴾ ([3])
މާނައީ: “ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގުފަރާތަށް )ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއް ނޫނެވެ. އަދި ކިއެއް، (އަޞްލު، ޙަޤީޤީ) ހެޔޮކަމަކީ ﷲ އާއި، އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާންވުމެވެ…”
* މުސްލިމުމީހާގެ މައްޗަށް އޮތީ އޭނާގެ ހިތުގައި އީމާންކަން އަށަގެންނެވުމަށްޓަކައި ދާއިމީ ގޮތެއްގައި އެކަން އިތުރުވާނޭފަދަ ކަންތައްތައް ކުރުމެވެ. އެއީ ކިޔަމަންތެރިކަން އަދާކުރުމާއި ޙަރާމްކަންތައްތަކުން ދުރުހެލިވުމެވެ.
ސުވާލުތައް
- އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ ކޮބާ ހެއްޔެވެ؟ އަދި އެންމެ ދަށުދަރަޖައަކީ ކޮބާ ހެއްޔެވެ؟
- އަންނަނިވި ހުސްތަންތަން ފުރާށެވެ.
________ ތެދުކުރުމާއި _______ އިޤުރާރުވުމާއި ____________ ޢަމަލުކުރުން އީމާންކަމުގައި ހިމެނެއެވެ.
- އަންނަނިވި ޖަވާބުތަކުން ޞައްޙަ ޖަވާބު ޚިޔާރުކުރާށެވެ.
އީމާންކަމުގައި ހިމެނެނީ:
(أ) ހިތުން ތެދުކުރުމާއި ގުނަވަންތަކުގެ ޢަމަލުތައް
(ب) ދުލުން އިޤުރާރުވުން
(ج) ހަމައެކަނި ޢަމަލުކުރުން
(د) (أ) އަދި (ب)
- އީމާންކަމުގެ ތިން ރުކުނެއް އޭގެ ދަލީލާއެކު ބަޔާންކުރާށެވެ.
- މިންވަރަށް އީމާންވުމުގެ ދަލީލު ބަޔާންކުރާށެވެ
_____________________________