ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
“خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي – رواه الترمذي (3895) وابن ماجه (1977) وصححه الألباني في صحيح الترمذي .
މާނައަކީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހަކީ ތިމަންކަލޭގެފާނެވެ.”
އެއް ފިރިހެނަކު އެއް އަންބައް ވުރެ ގިނަ އަނބިން ނުވަތަ އެއްފަހަރާ 4 އަނބިން ގެންގުޅުން މިއީވެސް މިޒަމާނުގައި ވަރަށް ބަހުސްކުރެވޭ މަޢުޟޫއެކެވެ. އެއް ފިރިހެނަކު ގިނަ އަނބިން ގެންގުޅުމަކީ އެކިއެކި މުޖުތަމަޢުތަކުގައި އޮންނަ ކަމެކެވެ. މިއީ ވަކި ޚާއްޞަ ބަޔަކު ކުރާ ކަމެއް ނޫނެވެ.
އެގޮތުން އެއްވެސް ޙައްދެއް ނެތި ކައިވެނި ކުރާ މީހުން ދުނިޔޭގައި ވަނީ އުޅެފައެވެ.
އިސްލާމްދީނުގައި ވަނީ މިކަމުގެ ޙުކުމްތައްވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެއީ އެކަކަށްވުރެ ގިނައިން އެއްވަގުތެއްގައި އަނބިން ގެންގުޅުމުގެ ޤަވާއިދެވެ. އެޤަވާއިދުގައިވަނީ:
- އެއްފަހަރާ ގެންގުޅެވޭނީ އެންމެ ގިނަވެގެން 4 އަނބިން ކަމެވެ.
وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا [سورة النساء]
މާނައީ:” ޔަތީމުންނާމެދު ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ އަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.”
- އަދި 1 އަންބައްވުރެ އިތުކުރެވޭނީ އަނބިންނާއި މެދު ހަމަހަމަކަމާއި ޢަދުލުވެރި ވެވޭނެކަމުގައި ވާނަމައެވެ.
وَلَن تَسْتَطِيعُوا أَن تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ غَفُورًا رَّحِيمًا [سورة النساء]
މާނައީ:” ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) ޢަދުލުވެރިވުމަކަށް ތިޔަބައިމީހުންނަކަަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، އިޞްލާޙު ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި، ތިޔަބައިމީހުން (އެކަން) އިޞްލާޙު ކޮށް ތަޤުވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.”
އަނބިންނަށް ޚަރަދު ދެވޭނެ ފަދަ މީހަކަށް ވުން ހިމެނެއެވެ.
= ނުނިމޭ =
_________________________