މައިންބަފައިންނަށް ކަމޭ ހިތުމާއި ބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: يَا رَسُولَ اللَّهِ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي؟ قَالَ: ((أُمُّكَ)) قَالَ: ثُمَّ مَنْ؟ قَالَ: ((ثُمَّ أُمُّكَ)) قَالَ: ثُمَّ مَنْ؟ قَالَ: ((ثُمَّ أُمُّكَ)) قَالَ: ثُمَّ مَنْ؟ قَالَ: ((ثُمَّ أَبُوكَ)) [متفق عليه]
މާނަ: ”މީހަކު ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކާކަށް ހެއްޔެވެ؟ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ”ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ”ދެން ވެސް ތިބާގެ މަންމައެވެ.” އެ މީހާ ދެންނެވިއެވެ. ”ދެން ކާކުތޯއެވެ.” ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ”ދެން ތިބާގެ ބައްޕައެވެ.”
މިޙަދީޘްގައިވެސް މިވަނީ ބައްޕައަށްވުރެ މަންމަ 3 ދަރަޖައަށް އިސްކުރެވިފައެވެ.
މައިންނަށް ކަމޭ ހިތުމަކީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލުތަކުގެ ތެރެއިން ހިމެނޭކަމެއް.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ سَأَلْتُ رَسُولَ اللَّهِ -صلى الله عليه وسلم- أَىُّ الْعَمَلِ أَفْضَلُ قَالَ « الصَّلاَةُ لِوَقْتِهَا ». قَالَ قُلْتُ ثُمَّ أَىٌّ قَالَ « بِرُّ الْوَالِدَيْنِ ». قَالَ قُلْتُ ثُمَّ أَىٌّ قَالَ « الْجِهَادُ فِى سَبِيلِ اللَّهِ » [متفق عليه]
ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލު الله صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ނަމާދު، އެނަމާދުގެ ވަޤުތުގައި ކުރުމެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. “ދެން ކޮންކަމެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “މައިންބަފައިންނަށް ކަމޭހިތުމެވެ.” ދެން ކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “މާތް ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.”
އަދި އެއީ ސުވަރުގެއަށް މީހާ ވާޞިލުވުމަށް އޮތް މަގެކެވެ.
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- ((رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ )). قِيلَ مَنْ يَا رَسُولَ اللَّهِ قَالَ ((مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ)) [رواه مسلم]
މާނައީ: “އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ.” ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވިއްޖެ މީހާއެވެ.”
= ނުނިމޭ =
_________________________