[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި މީހަކާ ކުރެވިފައިވާ އިންޓަވިއުއެއް (1)

މި ލިޔުމުގައި ކިޔުންތެރިންނަށް ހުށަހަޅާލަ މިދެނީ، ޞަޙީފަތުލް މައްކަތިލް އިލަކްތުރޫނިއްޔާ (މައްކާ ނިއުސް)’ ގައި 31 ޖުލައި 2010 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ އިންޓަވިއުއެއްގެ ދިވެހި ތަރުޖަމާއެވެ. މި އިންޓަވިއުއަކީ، ސިޙުރު ވާރުތަވަމުން އައި ޢާއިލާއަކަށް ނިސްބަތްވެ، 40 އަހަރު ވަންދެން ސިޙުރު ހެދުމުގައި ހޭދަކޮށްފައިވާ ދާވުދު އައްރީމީއާ އެ ނޫސް އެޖެންސީގެ މުޙައްމަދު ރާބިޢު ސުލައިމާން ކޮށްފައިވާ އިންޓަވިއުއެކެވެ.

މި އިންޓަވިއު އަޅުގަނޑު ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މުހިއްމު މަޤްޞަދަކީ އަންނަނިވި ނުކުތާތައް، އެތައް އަހަރެއްވަންދެން ތަޖުރިބާކޮށްފައިވާ މީހެއްގެ ތަޖުރިބާގެ އަލީގައި ހާމަކޮށްދިނުމެވެ. އެ ނުކުތާތަކަކީ؛

1- ސިޙުރުވެރިންގެ މަކަރުވެރިކަމާއި، ޙީލަތްތެރިކަން މީސްތަކުންނަށް ބަޔާންކޮށްދިނުން،

2- ސިޙުރުވެރިންނަކީ ﷲއަށް ކުފުރުވެރިވާ ބައެއްކަމާއި، ﷲއަށް ކުފުރުވެގެން މެނުވީ ޝައިޠާނުންގެ އެހީތެރިކަން ނުލިބޭނެކަން ބަޔާންކޮށްދިނުން،

3- އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ޝަރުޢީ ރުޤްޔާކުރާމީހުންނާއި، ސިޙުރު ހަދާމީހުންނާއި، ޖިންނި ޝައޠާނުން ބޭނުންކުރާމީހުންގެ ތަފާތު ހާމަކޮށްދިނުން،

4- ސިޙުރުން ސަލާމަތްވުމަށްޓަކައި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ޤުރުއާން ކިޔަވައި، ޛިކުރުތަކާއި، ދުޢާތައް ކުރުމުގެ މުހިއްމުކަން ބަޔާންކޮށްދިނުން،

5- ސިޙުރުވެރިންގެ ގާތަށް ގޮސް ކަންކަން ކޮށްދިނުމަށް އެދުމަކީ، ސިޙުރުވެރިން ﷲއަށް ކުފުރުވެރިވާ ކުފުރުވެރިވުމުގައި ބައިވެރިވެވި، ޝިރުކުގެ ތެރެއަށް މީހާ ގެންދާނެކަމެއްކަން ބަޔާންކޮށްދިނުމެވެ.

 

 ***

 

ސިޙުރުވެރިންގެ ތެރެއިން މަޝްހޫރު ސިޙުރުވެރިއަކަށްވުމުގެ ކުރިން، ސިޙުރުގެ ޢާލަމާއި ތިބާއާ ހުރި ގުޅުމަކީ ކޮބައިތޯ؟

ސިޙުރުގެ ޢާލަމަށް އަޅުގަނޑަށް ވަދެވުނު ގޮތުގެ ވާހަކައަކީ ބަޔާންކުރެވޭ ވަރަށްވުރެ ދިގު ވާހަކައެއް. އެހެންނަމަވެސް، މި އަނިޔާވެރި މަގަށް އަޅުގަނޑަށް ވަދެވުނުގޮތުގެ ސަބަބުތަކުގެ ކުރު ޚުލާޞާއަކީ އެންމެ ފުރަތަމަ ދީނާމެދު ޖާހިލުވުމާއި، ދީނީ ޢިލްމު ރަނގަޅަށް ނޭނގުމާއި، ދީނަށް ގޮވައިލާ އަދި ޞައްޙަ ޢަޤީދާއަށާއި، މީސްތަކުން އެބައިމީހުންގެ ވެރި ރައްބާދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ ކަންކަން މީސްތަކުންނަށް ބަޔާންކޮށްދޭ ދާޢީންތައް ނެތުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ޢާއިލާއަކީ ސިޙުރުގެ ޢަމަލުތައް ވާރުތަވަމުން އައި ޢާއިލާއެއް. އަދި (ވަރަށް ކުރިންސުރެ) އަޅުގަނޑުގެ ޢާއިލާއާއި ޖިންނިންނާއި ޝައިޠާނުންނާ ވަނީ ގުޅިފައި. ނިޔާވެއްޖެއުމަށް ދާންދެން އަޅުގަނޑުގެ ބައްޕައަކީ ބައްޕަގެ މުޅި ޙަޔާތުގައި ސިޙުރުވެރިއެއް. ބައްޕަ ނިޔާވުމުގެ ކުރިން، ބައްޕަގެ ޢުމުރުން އައްޑިހައަށްވުރެ މައްޗަށް ދިޔަ ފަހުން، ޝައިޠާނުންގެ އިޙްސާސްތައް އަޅުގަނޑަށް ކުރަންފެށި. އަދި ބައްޕަ ދުނިޔޭގެ ޙަޔާތާ ވަކިވުމާ ކައިރިވެފައިވާކަން އަޅުގަނޑަށް އެނގުން. އަދި ބައްޕަގެ ބަދަލުގައި އެހެންމީހަކު ނެތުމުން އަޅުގަނޑު ކުޑަކުއްޖެއްގެ ގޮތުގައި ވަނިކޮށް އެ ޝައިޠާނުންތައް އަޅުގަނޑުގެ ކައިރިއަށް އައިސް އަޅުގަނޑަށް އުނދަގޫކުރަން ފެށި. އެގޮތުން މޮޔަވުމާއި ހޭނެތުން ފަދަ ކަންތައްތައް ކުރިމަތިވެ، މި ކަންކަން ތަކުރާރުވާން ފެށި. އެހިނދު ޖިންނިތައް އައިސް އަޅުގަނޑުގެ ބައްޕަގެ ކިބައިން އެދުނީ އިބްނު ޢުލްވާން ކިޔާ މީހަކަށް އަޅުގަނޑު ހިބަކުރުމަށް. ބުނެއުޅޭގޮތުގައި އެ މީހަކީ ދީނީ އަދި ޤަބުރުތަކުގެ ޢިލްމު ދަންނަ ޔަމަނުގެ ތާއިޒު ރައްކާތެރިކުރާމީހާ. މީގެ އެތައްއެތައް އަހަރެއްކުރިން މަރުވެފައި އެވާ މީހާއަށް އަޅުގަނޑު ހިބަކުރުމާއެކު އަޅުގަނޑަށް ކުރިމަތިވެފައިވާ މޮޔަވުންތައް ފިލައިގޮސްފި. އަދި އަޅުގަނޑު ޞިއްޙަތު ރަނގަޅުކަމާއެކު ބޮޑުވަމުން އައިސް ބައްޕަ ނިޔާވެއްޖެ. އޭރު އަޅުގަނޑުގެ ޢުމުރަކީ ބާރަ އަހަރު. އަދި އަޅުގަނޑު ބާލިޣުވެ ބުއްދިހަމަޖެހޭ ޢުމުރަށް އައުމުން ޝައިޠާނުންތައް އަޅުގަނޑުގެ ގާތަށް އަންނަން ފަށައިފި. އަދި ޚަބަރުދިން: އިބްނު ޢުލްވާންގެ ޤަބުރު ބަލަހައްޓާމީހާ ޚަބަރުދިންގޮތުގައި އަޅުގަނޑުގެ ބައްޕައަކީ ބޮޑު ކަރާމާތްތެރިއެއްކަމަށާއި، އަޅުގަނޑު ވަނީ ހެޔޮކަމުގެ ތެރޭގައިކަމުގައި އަޅުގަނޑަށް ވިސްނައިދިން. އަދި އެކަންކަމުގެ ދަލީލަކަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައްވެސް ކިޔައިދިން. އޭގެތެރޭގައި؛ “مَنْ اسْتَطَاعَ أَنْ يَنْفَعَ أَخَاهُ بِشَيءٍ فَلْيَفْعَلْ” މާނައީ: “ކަމަކުން އެމީހެއްގެ އަޚާއަށް މަންފާކޮށްދިނުމަށް ކުޅަދާނަވެގެންވާމީހާ، ފަހެ އެކަމެއް ކުރާށެވެ.” އަޅުގަނޑަކީ އޭރު ދީނީ ކަންތައްތައް ވަރަށް ނޭނގޭމީހެއް. އަދި ޑޮކްޓަރީގޮތުން ފަރުވާނުކުރެވޭ އެތައް ބަލިތަކަކަށް އަޅުގަނޑަށް ފަރުވާކުރެވިދާނެކަމަށް ޝައިޠާނުން އައިސް ބުނަމުންދިޔަ. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ބައްޕަގެ ޚަލީފާއެއްކަމަށް ބުނި. އޭގެފަހުން މަޑުމަޑުން ސިޙުރުގެ ތެރެއަށް ވަންނަމުން ދިޔައިން. އަދި ޚަންޖަރުން އަޅުގަނޑުގެ ނަފްސު ޒަޚަމްކޮށް، ކަންކަން ޚިޔާލުކޮށް ދެއްކުމުގެ މަސައްކަތްކޮށް، މީސްތަކުންނަށް އޮޅުވާލަން ފެށިން.

 

(ޝައިޠާނުންނާއެކު) އެކަހެރިވުމުގެ ވާހަކައާއި، އެކަމަށް ވަދެވުނުގޮތުގެ ތަފްޞީލަކީ ކޮބައިތޯ؟

(ޝައިޠާނުންނާއެކު) އެކަހެރިވުމަކީ ޖިންނިންނާއި ޝައިޠާނުން ގާތްކުރުވާފަދަ ގޮވެލިތަކެއް ގޮވުމުގައި ދެމިހުރުމަށްޓަކައި އެކަހެރިވާ އެކަހެރިވުމެއް. އެ އެކަހެރިވުމަށް ޝައިޠާނުން އަޅުގަނޑަށް ޝަރުޠުކުރީ ސާޅީސްދުވަހުގެ މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި ސިޙުރުގައި މަތީ ދަރަޖައަކަށް ވާޞިލުވުމަށްޓަކައި ބައެއް ކަންކަން ކުރުމަށް އަޅުގަނޑަށް ވާޖިބުކުރުވި. އަދި އެއްބަސްވުމަކަށް އައިސް، މީސްތަކުންގެ މެދުގައި ވަރުގަދަ ޤަދަރެއް ހޯދައިދޭނެކަމުގައި ބުނި. އަޅުގަނޑުގެ މައްޗަށް އެބައިމީހުން ވާޖިބުކުރުވި ކަންކަމުގެ ތެރޭގައި؛ ނަޖިސް ޙާލުގައި ސާޅީސްދުވަސް ހޭދަކުރުމަށް އެންގި. ޖުނުބުވެރިވެގެންވެސް، އަދި ޤަޟާޙާޖަތަށް ގޮސްފަވެސް ޠާހިރުވުން މަނާކުރި. އޭގެ ފަހުގައި އެބައިމީހުން އަޅުގަނޑުގެ ކިބައިން އެދުނީ ޤުރުއާނަށް އިހާނެތިކޮށް ހިތުމަށް.

 

ތިބާ ބޮޑު ސިޙުރުވެރިއަކަށްވުމަށްފަހު، ތިބާގެ ގާތަށް އެންމެ ގިނައިން އައިސްއުޅެނީ ކޮން ބައެއް؟

ޞަރީޙަކޮށް އަޅުގަނޑު ދަންނަވާނީ؛ އޭރު އަޅުގަނޑުގެ ގާތަށް އައިސްއުޅެނީ އީމާންކަން ބަލި މީހުން. އެފަދަ މީހުންނަށް ކިރިޔާވެސް ބޮޑުކަމެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑުގެ ގާތަށް އާދެ. ޛިކުރުތަކަށް ރައްކާތެރިވެ އުޅޭ މުއުމިނުންނަށް ސިޙުރުގެ އުނދަގުލެއް ކޮށްފައެއް ނުވޭ. އަޅުގަނޑުގެ ގާތަށް އައިސްއުޅެނީ ޢަޤީދާ ބަލިކަށި މީހުން.

 

ސިޙުރުގެ ކޮންކޮންކަމެއް ކުރުމަށްތޯ މީހުން އެދެނީ؟

އެންމެ ގިނައިން އައިސް އުޅެނީ އަންހެނުން. އެއީ އެކަނބަލުންގެ އީމާންކަމުގެގޮތުންނާއި ބުއްދީގެގޮތުން ބަލިކަށިވުމުން. އެކަނބަލުންގެ މައިދައިތަ، ނުވަތަ ފިރިމީހާގެ އުޚްތެއް، ނުވަތަ ބޮޑުދައިތައެއް، ނުވަތަ ފަހަރިއެއް، ނުވަތަ ދޮން މަންމަ ކިބައިން ބަދަލުހިފުމަށްޓަކައި އެކަނބަލުން އަތުގައި ހުރި ހުރިހާ ފައިސާއެއްވެސް އެކަމަށް ހޭދަކޮށްލަފާނެ. ﷲ ކިބައިން އަޅުގަނޑު ރައްކާތެރިކަމަށް އެދެން. ބޮޑުވެގެންވާ ހިތާމަޔާއެކު ދަންނަވާނީ މިކަމަށް އެދިގެން ގިނައިން އަންނަނީ އަންހެން ކަނބަލުން. މި ހިނދުގައި އަޅުގަނޑު ދަންނަވާލާނީ ސިޙުރު ހެދުމަށްޓަކައި އައި ގިނަ އަންހެނުންނަކީ، ﷲ އެކަނބަލުންގެ ހިތްތަކުން އީމާންކަމާއި، ލަދުވެތިކަން ނަންގަވާފައިވާ ކަނބަލުން. އަޅުގަނޑު ތަކުރާރުކޮށް އަންހެން ކަނބަލުންގެ ވަލީންނަށް ދަންނަވާލާނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ތެދުކުރެއްވުމުގެ ގޮތުން އެމީހެއްގެ ބެލުމުގެ ދަށުގައިވާ އަންހެނުންނާއި ދަރިންތައް ސިޙުރުގެ ޢާލަމުން ދުރުކުރުވުމަށް. އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ ((يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارً‌ا)) (މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހްލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ!”) އެފަދަ ބެލެހެއްޓުން ތެރިއަކަށް އަޅުގަނޑު ދަންނަވާނީ؛ އޭ އަޚާއެވެ! ތިބާގެ އަހްލުން ނަރަކައިން ސަލާމަތްކުރާނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއްވެސް ނެތްގޮތުގައި އެކަނބަލުން ޝުބުހަތަކުން ދުރުކުރަންޖެހޭނެ. އަދި އެކަނބަލުން ތާކަށް ދާނަމަ، އެދަނީ ކާކު ގާތަށްކަން ތިބާއަށް އެނގެންވާނެ. އަދި ޢާއިލާގެ ގެތަކުގެ ތެރެއިންވެސް އެކަނބަލުން އެދަނީ ހެޔޮ ރަނގަޅު ގެއަކަށްތޯ ނުވަތަ އެކަނބަލުންނަށް ނުބައި އަސަރުތަކެއް ކުރުވަނިވި ގެއަކަށްތޯ ބަލަންވާނެ.

 

ސިޙުރުޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ ޢަލާމާތްތަކަކީ ކޮބައިތޯ؟

ބޭރުފުށުން ފެންނާނެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި؛ ގިނަގިނައިން ހަނދާންނެތުމާއި، ހަށިގަނޑަށް ލޮޑުކަން އިޙްސާސްވުމާއި، ހަށިގަނޑުގެ އެތެރެއިން އަންނަ ރިއްސުންތަކާއި، ގެއަށް ވަނުމުން ހާސްވާގޮތް އިޙްސާސްވުމާއި، ކުއްލިއަކަށް ދެމަފިރިންގެ ދެމެދުގައިވާ ގުޅުން ބޭއްވުމަށް ނުރުހުންވުމާއި، އަދި ބައެއްފަހަރަށް ސިޙުރުގެ ސަބަބުން ތިމާގެ އަނބިމީހާ ހުތުރު ސިފައެއްގައި ފެނުން. އެއީ ޝައިޠާނާ އެމީހާގެ ލޮލުގައި އަޅުވާ ފަރުދާއެއް. އަނެއްބައިފަހަރަށް އަނބިމީހާގެ އަނގައިން ނުވަތަ ހަށިގަނޑުން ނުރުހޭކަހަލަ ވަހެއް ދޮއްވުން ފަދަ ކަމެއްވެސް ކޮށްފާނެ. މިފަދަ ކަމެއް ކުރިމަތިވެފައިވާ މީހަކަށް އަޅުގަނޑު ދަންނަވާނީ ﷲ މަތިން ގިނަގިނައިން ޛިކުރުކޮށް، ގިނަގިނައިން ބަޤަރާ ސޫރަތް ކިޔެވުމަށް. މިފަދަ ކަމެއް މެދުވެރިއްޖެނަމަ، ރަނގަޅަށް ޔަޤީންކުރައްވާ. އަދި އަނބިމީހާ ވަރިކުރުމަށް އަވަސްވެނުގަތުމަށް ދަންނަވަން.

 

ތިބާއަށް މީހަކު ހުވަފެނުގައި ފެނިފައި، ތިބާއަށް ތިޔަހުރީ މިވެނި މީހެއްގެ ފަރާތުން ސިޙުރުޖެހިފައޭ ބުނެފިނަމަ، ތިބާ އެކަން ޤަބޫލުކުރާނަންތޯއެވެ؟

ތިމަން އެ ވާހަކައެއް ތެދެއްނުކުރާނަން. އެހެނީ ފަހަރެއްގައި ޝައިޠާނާ އައިސް ތިބާއަށް އޮޅުވާލައި ވަސްވާސް ދީފާނެ.

 

އެކިއެކި ބޭނުންތަކުގައި ތިބާގެ ގާތަށް އަންނަ މީހުންގެ ބޭނުންތައް ސިޙުރުގެ ބޭނުންކޮށްގެން ފުއްދައިދެން ހެއްޔެވެ؟

ނޫން. ކޮންމެ ކަމެއް ނުކޮށްދެވޭނެ. މިސާލެއްގެ ގޮތުން؛ އެއްފަހަރެއްގައި ދިމާވި ޙާދިސާއަކީ މީހެއްގެ ފިހާރައެއް ކުންފުންޏަކަށް ބަދަލުކުރަންވެގެން، އެ ފިހާރައިގެ ބައެއްކަންކަން ކުންފުންޏެއްގެ ނިޒާމުތަކަށް ނުފެތޭތީވެ، އެ ބަދުލުގެނައުމުގައި އެމީހާއަށް ސިޙުރުގެ އެހީތެރިކަން ދިނުމަށް އެދި އައި. އެހެންނަމަވެސް ހެދި ސިޙުރުން އެއްކޮށް އެ ފިހާރަ ބަންދުކުރީ. އަދި އަޅުގަނޑުގެ ބާރުގައި ނުވާ ތަކެއްޗާއި، ކަންކަމަށް އެދި އައިކަމުގައިވީނަމަވެސް އެކަންކަމެއް ނުވާނެ. އަޅުގަނޑަށް މީސްމީހުންނަށް އެއްޗެހި ދީ ހެދޭނަމަ، ފުރަތަމަވެސް އަޅުގަނޑުގެ އަމިއްލަ ނަފްސަށް އެއްޗެހި ހޯދައިދީ، މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުން ދޫކޮށްލާނެ ނޫންތޯ؟ (އެފަދަ މީހުން އެފަދަ ކަންކަމުގައި އައުމުން) އަޅުގަނޑު އެމީހުންގެ މޮޔަކަމާހުރެ ހީ ހަދަން. އަދި ބޮޑެތި ފާފަތަކަށް އަރައިގަންނަން. އެ ފާފަތަކުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާއާ ދުރުވެގެންދޭ. މިއީ ޝައިޠާނާ އަޅުގަނޑަށް އަމުރުކުރާ ކަންކަން. އަދި އެހެންފަހަރެއްގައި، އަންހެނަކު އެކަނބުލޭގެ ފިރިމީހާ އެހެންމީހަކާ ކައިވެނި ކުރިޔަ ނުދިނުމަށްޓަކައި ސިހުރު ހެދުމަށް އެދި އަޅުގަނޑުގެ ގާތަށް އައި. އަޅުގަނޑު ސިޙުރުދިނުމަށްފަހު، އެ ސިޙުރު އަޅާފަހުރި ތަށިން، ފިރިމީހާއަށް އެއްޗެއް ބޯންދިނުމަށް ބުނިން. އެ ކަނބުލޭގެ ފިރިމީހާއަށް މިކަން އެނގިގެން އައި ރުޅީގައި، އެ އަންހެންމީހާގެ ގައިގައި ޖެހި އެތިފަހަރަކުން، އެ އަންހެންމީހާ ހޭނެތިގެން ޖެހުނީ ހޮސްޕިޓަލަށް ގެންދަން. ހޮސްޕިޓަލްގައި އޮންނަތާ 10 ދުވަސް ފާއިތުވުމަށްފަހު، އެ ފިރިހެންމީހާ އެ އަންހެންމީހާ ވަރިކޮށްފިކަމުގެ ލިޔުމެއް އެ އަންހެންމީހާއަށް ފޮނުވި.

 

މީސްތަކުންނަށް ސިޙުރު ހަދާއިރު އެއްވެސް ކަމަކާމެދު ބިރުގަނޭ ހެއްޔެވެ؟

ސިޙުރުގެ ސަބަބުން ގެއްލުން ލިބޭ މީހުންގެ ފަރާތުން ބަދަލު ހިފުމެއް އަތުވެދާނެތީ ބައެއްފަހަރު ބިރުގަނޭ. އެހެންނަމަވެސް، ﷲއާމެދު ހިތުގައި ޛައްރެއްގެ މިންވަރުވެސް ބިރުވެތިކަމެއް ނުހުރޭ.

 

ސިޙުރުވެރިޔާ ޖިންނިންނާ ގުޅުން ފުރިހަމަ ވަނީ ކިހިނެއް ހެއްޔެވެ؟

ސިޙުރުވެރިޔާގެ މައްޗަށް ޝަރުޠުކުރާ ޝަރުޠުތަކެއް ހުންނާނެ. މިސާލަކަށް؛ ގެއަކަށް ގޮސް ސިޙުރު ހަދާކަމުގައިވާނަމަ، ފާޚާނާއަށް ވަންނާނެ. މީސްތަކުންނަށް ހީވެގެންދާނީ އެވަންނަނީ ވުޟޫކުރަންކަމަށް. އަދި ﷲ އާ ކުއްތަންވުމަށް ނަމާދުކުރާކަންވެސް ދައްކާނެ. މިއީ ހައްތަހާވެސް މީސްތަކުންނަށް އޮޅުވާލާ އޮޅުވާލުން.

 

(ނުނިމޭ)

__________________

ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި ބޭފުޅަކާ ކުރެވިފައިވާ އިންޓަވިއުއެއް (2)