މީސްތަކުންކުރެ ބައެއް މީހުން، ދަތްޕިލަ އެކީގައި ޖަހާފައި ހުރެއެވެ. ނުވަތަ ބައެއް ދަތްތައްވެސް ޖަހާފައި ހުރެއެވެ. ޖަހާފައި ހުންނަ ބައެއް ދަތްޕިލަ ނުވަތަ ދަތްތަކަކީ ނަގާ ހެދޭ އެއްޗެއްކަމުގައިވާނަމަ، އެފަދަ މީހަކު ވުޟޫކުރުމަށް ނުވަތަ ހިނައިގަންނަން ބޭނުންވެއްޖެނަމަ، އެފަދަ ދަތްޕިލާ ނުވަތަ ދަތް ނެގުން އެމީހާގެ މައްޗަށް ވާޖިބުވާނެ ހެއްޔެވެ؟ ނުވަތަ ނުވާނެ ހެއްޔެވެ؟
ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި މަޝްހޫރު ބަހަކީ؛ ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ވާޖިބުކަމެކެވެ. އަދި ވުޟޫއާއި ހިނައިގަތުމުގެ ފަރުޟުތަކުގެ ތެރެއިން ދެ ފަރުޟުވެސް މެއެވެ. މިއީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން އެހެން މަޛްހަބުތަކުގެ ޢިލްމުވެރިންނާ ޚިލާފުވެފައިވާ ޙުކުމެކެވެ.
ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި، ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ހަމައެކަނި ހިނައިގަތުމުގައި ފަރުޟެކެވެ. ވުޟޫކުރުމުގައި ފަރުޟެއް ނޫނެވެ.
ޝާފިޢީ މަޛްހަބާއި މާލިކީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި، ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ވުޟޫކުރުމާއި، ހިނައިގަތުމުގައި ސުންނަތެކެވެ.
ޝާފިޢީ މަޛްހަބާއި މާލިކީ މަޛްހަބުގެ ޢިލްމުވެރިންގެ ރައުޔަށް ބުރަވާކަމުގައިވާނަމަ، އެގޮތަށް ޖަހާފައި ހުންނަ ދަތްޕިލާ ނުވަތަ ދަތް ޠާހިރުވާއިރު ނެގުން ވާޖިބެއް ނުވާނެއެވެ. އެއީ، އެ ދެ މަޛްހަބުގައި ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ޠާހިރުވުމުގައި ސުންނަތަކަށް ވާތީއެވެ.
އެހެންކަމުން، ބާކީވެ އޮތީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ރައުޔަށް ބުރަވާއިރު އެގޮތަށް ޖަހާފައި ހުންނަ ދަތްޕިލާ ނުވަތަ ދަތް ނެގުމުގެ ޙުކުމެވެ. އެ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ވާޖިބުކަމެކެވެ. އަދި ވުޟޫއާއި ހިނައިގަތުމުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެއްވެސް މެއެވެ.
ކޯދޮވުމާއި، ނޭފަތަށް ފެންލުމުގެ ޙުކުމަށް ބަލާއިރު، ރާޖިޙު ރައުޔަކީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ރައުޔެވެ. އެއީ އޭގެ ކޮންމެ ކަމަކީ ވުޟޫކުރުމާއި، ހިނައިގަތުމުގައި ވާޖިބު ކަމެއްކަމުގައި ދެކޭ ރައުޔެވެ. މިކަމުގެ ދަލީލުތަކަކީ؛
* ﷲ ވަޙީ ކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ} (المائدة: 6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުންގެ މޫނުތައް ދޮންނާށެވެ.” ނޭފަތަކީ މޫނުގެ ބައެކެވެ. އެއްވެސްމީހަކު ނޭފަތަކީ މޫނުގެ ބައެއް ނޫނޭ ނުބުނާނެއެވެ. އަދި އަނގައަކީވެސް މޫނުގެ ބައެކެވެ. އަނގަ ހަށިގަނޑުގެ އެތެރޭގައި ވީނަމަވެސް، އަނގައިގެ ޙުކުމަކީ ހަށިގަނޑުން ބޭރުގެ ޙުކުމެވެ. ރޯދައަށް ހުންނަމީހާ ކޯދޮވުމުން ރޯދަ ނުގެއްލެނީ އަނގައިގެ ޙުކުމަކީ ހަށިގަނޑުން ބޭރުގެ ޙުކުމްކަމުގައި ވާތީއެވެ.
* އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِى أَنْفِهِ مَاءً ثُمَّ لْيَنْتَثِرْ)) މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާކަމުގައި ވާނަމަ، ފަހެ، އެމީހަކު، އެމީހެއްގެ ނޭފަތަށް ފެންލުމަށްފަހު، އެ ފެން ފޮޅާލާށެވެ.” މި ޙަދީޘްގައި މިވަނީ އަމުރެކެވެ. އަމުރެއްގެ އަޞްލު ޙުކުމަކީ ވާޖިބެވެ.
* ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވުޟޫކުރެއްވިގޮތް ބަޔާންކޮށްދެއްވާފައިވާ ޞަޙާބީ ބޭކަލުންގެ ޢަދަދު ގާތްގަނޑަކަށް 22 އަށް އަރައެވެ. އެއިގެ ތެރެއިން އެއްވެސް ބޭކަލަކު އެކަލޭގެފާނު ކޯދޮވުމާއި، ނޭފަތަށް ފެންލުން ދޫކޮށްލެއްވިކަމަކަށް ބަޔާންކުރައްވާ ފައެއް ނުވެއެވެ. (އެކަލޭގެފާނު އެއްވެސް ފަހަރަކު ކޯދޮވުމާއި، ނުވަތަ ނޭފަތަށް ފެންލުން ދޫކޮށްލައިފައި ނުވުމުން ދޭހަކޮށްދެނީ އެ ދެކަމަކީ ވާޖިބު ދެކަންކަމެވެ.)
މި ދަލީލުތަކުގެ މައްޗަށް ބުރަވެ، ކޯދޮވުމާއި، ނޭފަތަށް ފެންލުމަކީ ވުޟޫކުރުމުގައާއި، ހިނައިގަތުމުގައި ވާޖިބު ދެކަންކަމުގައި ވާއިރު، ނެއްޓޭގޮތަށް ޖަހާފައި ހުންނަ ދަތްޕިލަ ނުވަތަ ދަތް ވުޟޫކުރުމުގައާއި، ހިނައިގަތުމުގައި ނެގުން ވާޖިބު ވާނެ ހެއްޔެވެ؟
“يَوْمُ الكُلاَبِ (ޖާހިލިއްޔަ ޒަމާނުގައި މަޝްހޫރު ހަނގުރާމަ ހިނގި ދުވަހެއް)” އޭ ކިޔުނު ދުވަހުގައި ޢުރްފުޖާ ބިން އަސްޢަދުގެ ނޭފަތް ބުރިވުމުން، ރިހިން ނޭފަތެއް ހައްދަވައިގެން އުޅުއްވަނިކޮށް، އެ ނޭފަތް ކަންފަތިވުމުން، ރަނުން ނޭފަތެއް ހެއްދެވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދު ދެއްވިއެވެ. (رواه أبو داود (4233 ، 4234) والنسائي (2 / 286) والترمذي (1/ 328) والطحاوي في “شرح المعاني” (2/349) والبيهقي (2/425) وأحمد (5/25))
ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ބަޔާންކުރައްވާފައިވާގޮތުގައި؛ މީހަކު (ނޭފަތް ހަލާކުވެގެން) ރަނުން ނޭފަތެއް ހަދައިފިނަމަ، އެ ނޭފަތަކަށް އަންނާނީ އަޞްލު ނޭފަތުގެ ޙުކުމެވެ. ވުޟޫކުރާއިރު ނުވަތަ ހިނައިގަންނައިރު އެ ނޭފަތް ނަގާކަށް ނުޖެހޭނެއެވެ. އެފަދަ މީހެއްގެ މައްޗަށް އޮތީ މޫނު ދޮންނައިރު، ނޭފަތް ނުނަގާ ދޮވުމެވެ. އަދި ހަމައެފަދައިން މީހެއްގެ އިނގިލީގެ ކޮޅު ބުރިވުމުގެ ސަބަބުން، ރަނުން އިނގިލީގެ ކޮޅު ހަދައިފިކަމުގައިވާނަމަ، ވުޟޫކުރާއިރު ނުވަތަ ހިނައިގަންނައިރު އެ ނަގާކަށް ވާޖިބެއް ނުވާނެއެވެ. އެހެނީ، އެއަށް އަންނާނީ ބުރިނުވާއިރު އިނގިލީގެ ކޮޅަށް އަންނަ ޙުކުމެވެ.
ބަޔާންވެދިޔަ ދަލީލުތަކުގެ މައްޗަށް ބުރަވެ، މި މަސްއަލާގައި ޞައްޙަގޮތަކީ؛ ދަތްޕިލާ ނުވަތަ ދަތްތަކެއް ޖަހައިފައިވާނަމަ، އެފަދަ މީހަކު ވުޟޫކުރާއިރު، ނުވަތަ ހިނައިގަންނައިރު އެ ދަތްޕިލާ ނުވަތަ ދަތްތައް ނެގުން ވާޖިބެއް ނުވާނެއެވެ. އެއީ އަންނަނިވި ދެ ދަލީލުގެ މައްޗަށް ބުރަވެއެވެ.
(1) ޢުރުފުޖާ ބުން އަސްޢަދު ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. އެ ޙަދީޘްގައި؛ “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ރަނުން ނޭފަތެއް ޖެހުމަށް ޢުރުފުޖާއަށް އަންގަވާފައެވެ.” މިފަދަ ނޭފަތަކީ އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ފެންޖެހުން މަނާކުރާނެ އެއްޗެކެވެ. އެހެންނަމަވެސް، ވުޟޫކުރާއިރުގައްޔާއި، ހިނައިގަންނައިރު އެ މަޞްނޫޢީ ނޭފަތް ނެގުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢުރުފުޖާއަށް އަންގަވާފައެއް ނުވެއެވެ.
(2) އަނގޮޓި އެޅުމަކީ ޝަރުޢުގައި ހުއްދަކުރައްވާފައިވާކަމެއްކަމުގައި ވާއިރު، ވުޟޫކުރާއިރު، ނުވަތަ ހިނައިގަންނައިރު އެ އަނގޮޓި ނެގުމަށް ނުވަތަ ޙަރަކާތްކޮށްލުން ވާޖިބުވެގެންވާކަމަށް އެއްވެސް ދަލީލެއް ވާރިދުވެފައެއް ނުވެއެވެ. އަނގޮޓިއަކީވެސް އެ އަނގޮޓި އަޅާފައިވާތަނުގައި ފެންޖެހުން މަނާކުރާ އެއްޗެކެވެ. ހަމައެފަދައިން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަނގޮޓިކޮޅެއް އަޅުއްވާކަން އައިސްފައިވާއިރު، އެކަލޭގެފާނު ވުޟޫކުރައްވާއިރު، ނުވަތަ ހިނައިގަންނަވާއިރު އެ އަނގޮޓިކޮޅު ޙަރަކާތްކުރައްވަވާކަމެއް ނުވަތަ ނަންގަވާކަމެއް ސާބިތުވާކަށް ނެތެވެ. އެހެންކަމުން، މިކަންކަމުގައި ދަލީލެއް ވާރިދުވެފައިނެތުމުން ދޭހަކޮށްދެނީ، މިފަދަ ކުދިކުދި ކަންކަމަކީ ޢަފޫވެގެންވާ ކަންކަންކަމެވެ. އަނގޮޓިއަކީ އިނގިލީގެ ކޮންމެވެސް ވަރެއް ފެންޖެހުމުން މަނާކުރާ އެއްޗަކަށް ވާހިނދު، އެކަން އެވަނީ ޢަފޫވެގެންނެވެ.
ދަންނަވާލަން އޮތީ، ދަތްފަދަ ބައެއް މަޞްނޫޢީ ތަކެއްޗަކީ ނެގޭ އެއްޗެއްކަމުގައި ވީނަމަވެސް، އެކަމަކީ ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ގެނުވާނެ ކަމެކެވެ. އެހެންކަމުން، އެފަދަ އެއްޗެއް އަޅާ މީހަކު، ޠާހިރުވާއިރު، އެ އެއްޗެއް ނެގުމެއް އަދި ޙަރަކާތްކޮށްލުމެއް ނުވެއެވެ. އެހެނީ، އަނގޮޓީ އެޅުމަށް ޝަރުޢުގައި ހުއްދަ އައިސްފައިވާއިރު، ޠާހިރުވާހިނދު، އެ އަނގޮޓީ ބޭލުމަށް ނުވަތަ ޙަރަކާތްކުރުމަށް ދަލީލެއް އައިސްފައެއްނުވެއެވެ. ހަމަ މިޙުކުމް ޖަހާފައި ހުންނަ ދަތްޕިލާ ނުވަތަ ދަތަށް އަންނާނެއެވެ.
__________________
މަރުޖިޢު:
فقه النوازل في العبادات: للدكتور : خالد بن علي المشيقح.