[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (1): ޒަކާތުގެ ތަޢުރީފާއި ޒަކާތުގެ މަތިވެރިކަން

ބަހުގެ ގޮތުންނާއި އިޞްޠިލާޙީގޮތުން ޒަކާތް

ބަހުގެގޮތުން ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ.(1)

އިޞްޠިލާޙީގޮތުން ޒަކާތަކީ؛ ކަނޑައެޅިފައިވާ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ވަކި ޚާއްޞަ ބަޔަކަށް ނުވަތަ ފަރާތަކާ ޙަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ.(2)

 ޒަކާތުގެ މަތިވެރިކަން

ޒަކާތަކީ މަތިވެރި ޘަވާބު ލިބިގެންވާ، މަތިވެރިކަން ބޮޑު ކަމެކެވެ. އޭގެ ތެރޭގައި؛

(1) ﷲ ތަޢާލާގެ ފޮތުގައި ޒަކާތުގެ ވާހަކަ ނަމާދާއެކު ގެންނަވާފައިވުމެވެ. ނަމާދުކުރުމަށް އައިސްފައިވާ އަމުރާ ވިދިގެން ޒަކާތް ދިނުމަށް އަމުރުކުރައްވާފައިވެއެވެ. މިގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَأَقِيمُوا الصَّلاة وَآتُوا الزَّكاة وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللهِ)) (البقرة: 110) މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ޘަވާބު، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ.”

(2) ޒަކާތަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިން ވަނަ ރުކުނެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ))(3) މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްރުކުނެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.”

(3) ޒަކާތްދިނުމަކީ ތަޤްވާވެރިކަމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. އަދި ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ * آخِذِينَ مَا آتَاهُمْ رَ‌بُّهُمْ ۚ إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُحْسِنِينَ * كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ * وَبِالْأَسْحَارِ‌ هُمْ يَسْتَغْفِرُ‌ونَ * وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُ‌ومِ)) (الذاريات: 15 – 19) މާނައީ: “ހަމަކަށަވަރުން، ތަޤްވާވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އެބައިމީހުންވަނީ، އެބައިމީހުންގެ ވެރިރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ޘަވާބު ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެބައިމީހުންވީ އިޙްސާންތެރިން ކަމުގައެވެ. އެބައިމީހުން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. އަދި އެބައިމީހުން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ. އަދި ސަލާންޖާހާ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެބައިމީހުންގެ މުދަލުގައި ޙައްޤެއްވެއެވެ.”

އަދި އަބުއް ދަރުދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. އަބުއްދަރުދާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((خَمْسٌ مَنْ جَاءَ بِهِنَّ مَعَ إِيمَانٍ، دَخَلَ الْجَنَّةَ: مَنْ حَافَظَ عَلَى الصَّلَوَاتِ الْخَمْسِ عَلَى وُضُوئِهِنَّ وَرُكُوعِهِنَّ وَسُجُودِهِنَّ وَمَوَاقِيتِهِنَّ، وَصَامَ رَمَضَانَ، وَحَجَّ الْبَيْتَ إِنِ اسْتَطَاعَ إِلَيْهِ سَبِيلاً، وَأَعْطَى الزَّكَاةَ طَيِّبَةً بِهَا نَفْسُهُ))(4)(5) މާނައީ: “އީމާންކަމާއެކު ފަސްކަމެއްކޮށްފިމީހަކު ސުވަރުގެ ވަދެއްޖެއެވެ. އެ މީހަކީ؛ ނަމާދުތަކުގެ ވުޟޫއަށާއި، ރުކޫޢުއަށާއި، ސަޖިދައަށާއި ވަގުތަށް ފަރުވާތެރިވެގެންވާ ޙާލު ފަރުޟުފަސްނަމާދަށް ރައްކާތެރިވާ، އަދި ރަމަޟާންމަހު ރޯދަހިފައި، އަދި ކުޅަދާނަކަން ލިބިގެންވާނަމަ ގެފުޅަށްގޮސް ޙައްޖުވާ، އަދި އެމީހާގެ ނަފްސު ރުހިގެންވާ ޙާލު ޒަކާތްދޭ މީހާއެވެ.”

އަދި ޒަކާތްދިނުމަކީ ޤިޔާމަތްދުވަހުގައި މީހާއަށް ދަތި އުނދަގޫތަކުން އަމާންކަން ލިބި، އެ ދުވަހުގެ ބިރުވެރިކަމުން މިންޖުވާނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((الَّذِينَ يُنْفِقُونَ أَمْوَالَهُمْ بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ)) (البقرة:274) މާނައީ: “އެބައިމީހުންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެބައިމީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެބައިމީހުންގެ ދަރުމަ، އެބައިމީހުންނަށް ހުށްޓެވެ. އަދި، އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.”

އަދި ޒަކާތްދިނުމަކީ ހެޔޮ އަޖުރާއި ޘަވާބު އިތުރުވެގެންދާނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا آتَيْتُم مِّن زَكَاةٍ تُرِ‌يدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ)) (الروم: 39) މާނައީ: “އަދި ﷲގެ ވަޖުހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެބައިމީހުންނެވެ.” الْمُضْعفُون (އިތުރުކުރާމީހުންނަކީ)، އެބައެއްގެ ޘަވާބާއި އަޖުރު އިތުރުވެގެންވާ މީހުންނެވެ. އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ وَاللهُ يُضَاعِفُ لِمَنْ يَشَاءُ وَاللهُ وَاسِعٌ عَلِيمٌ)) (البقرة:261) މާނައީ: “ﷲގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ، وَلَا يَقْبَلُ اللَّهُ إِلَّا الطَّيِّبَ، وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ))(6) މާނައީ: “ހެޔޮ ރަނގަޅުގޮތުގައި ހޯދާފައިވާ އެއްޗަކުން ކަދުރުއޮށެއްގެ މިންވަރު ޞަދަޤާތްކޮށްފިމީހާ (ދަންނާށެވެ!) ހެޔޮ ރަނގަޅު ތަކެތި މެނުވީ ﷲ ޤަބޫލުނުކުރައްވަތެވެ. އަދި ހަމަކަށަވަރުން ﷲ އެ އެއްޗެއް އެކަލާނގެ ކަނާއަތްޕުޅުން ޤަބޫލުކުރެއްވެވުމަށްފަހު، ތިޔައިގެ ތެރެއިން މީހަކު ކުޑަ އަހެއް ފަރުބަދައެއްހާވަރުވަންދެން ބަލަހައްޓާފަދައިން، އެކަލާނގެ އެމީހަކަށްޓަކައި އެ އެއްޗެއް ބަލަހައްޓަވައި ދެއްވައެވެ.”

(4) ޒަކާތްދިނުމަށް ރައްކާތެރިވުމަކީ ޞިއްދީޤުންނާއި ޝަހީދުންގެ މަންޒިލަށް ވާޞިލުވެވޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ޢަމްރު ބުން މުއްރަތަލް ޖުހަނީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ޤުޟާޢާ ޤަބީލާގެ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. ‘ހަމަކަށަވަރުން ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި، ކަލޭގެފާނަކީ ﷲގެ ރަސޫލާކަމަށް ތިމަން ހެކިވަމެވެ. އަދި ތިމަން ފަރުޟު ފަސްނަމާދުކޮށް، އަދި ރަމަޟާންމަހު ރޯދަހިފައި، އެ މައްސަރުގައި ރޭއަޅުކަންކޮށް، އަދި ޒަކާތްދެމެވެ. ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ مَاتَ عَلَى هَذَا كَانَ مِنَ الصِّدِّيقِينَ وَالشُّهَدَاء))(7) މާނައީ: “މިކަންކަންކުރުން މަތީ މަރުވެއްޖެމީހަކު ވާހުށީ ޞިއްދީޤުންނާއި ޝަހީދުންގެ ތެރެއިންނެވެ.”

(5) ނަފްސު ރުހިގެންވާ ޙާލު ޒަކާތްދޭމީހަކަށް އީމާންކަމުގެ ރަހަ ލާނެއެވެ. ޢަބްދުﷲ ބުން މުޢާވިޔަތަލް ޣާޟިރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ثَلاَثٌ مَنْ فَعَلَهُنَّ فَقَدْ طَعِمَ طَعْمَ الإِيمَانِ: مَنْ عَبَدَ اللَّهَ وَحْدَهُ وَأَنَّهُ لاَ إِلَهَ إِلاَّ اللَّهُ، وَأَعْطَى زَكَاةَ مَالِهِ طَيِّبَةً بِهَا نَفْسُهُ رَافِدَةً عَلَيْهِ كُلَّ عَامٍ، وَلاَ يُعْطِي الْهَرِمَةَ وَلاَ الدَّرِنَةَ وَلاَ الْمَرِيضَةَ وَلاَ الشَّرَطَ اللَّئِيمَةَ، وَلَكِنْ مِنْ وَسَطِ أَمْوَالِكُمْ، فَإِنَّ اللَّهَ لَمْ يَسْأَلْكُمْ خَيْرَهُ وَلَمْ يَأْمُرْكُمْ بِشَرِّهِ))(8) މާނައީ: “ތިންކަމެއް ކޮށްފިމީހަކަށް އީމާންކަމުގެ ރަހަލާނެއެވެ. (އެއީ) ﷲއަށް ހަމައެކަނި އަޅުވެތިވާ، އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ ފަރާތެއް ނުވާކަމަށް ހެކިވާ، އަދި ކޮންމެ އަހަރަކު އެމީހާގެ ނަފްސު ރުހިގެންވާ ޙާލު، އެ ނަފްސަށް ހިތްވަރުދީގެން ޒަކާތްދޭ މީހާއެވެ. އެފަދަ މީހަކު، މުސްކުޅިވެފައިވާ ޖަނަވާރެއް، އަދި ހަޑިވެފައިވާ ޖަނަވާރެއް، އަދި ބަލިޖެހިފައިވާ ޖަނަވާރެއް، އަދި މުދަލުގެ ތެރެއިން ދެރަ މުދަލެއް (ޒަކާތުގެ ގޮތުގައި) ނުދޭނެއެވެ. އަދި ތިޔަބައިމީހުން (ޒަކާތްދޭހުށީ) ތިޔަބައިމީހުންގެ މުދަލުގައިވާ މެދުފަންތީގެ މުދަލުންނެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދަލުގައިވާ ހެޔޮ މުދަލުން (ޒަކާތްނެރުމަށް) ﷲ ނާންގަވައެވެ. އަދި ތިޔަބައިމީހުންގެ މުދަލުގައިވާ ނުބައި މުދަލުން (ޒަކާތްނެރުމަށްވެސް) އެކަލާނގެ އަމުރުނުކުރައްވައެވެ.”

(ނުނިމޭ)

______________________

(1) ((النهاية في غريب الحديث والأثر)) لابن الأثير (مادة: زكا)، ((لسان العرب)) لابن منظور(مادة: زكا).

(2) ((الشرح الممتع)) لابن عثيمين (6/13).

(3) رواه البخاري (8)، ومسلم (16).

(4) رواه أبو داود (429)، والطبراني كما في ((مجمع الزوائد)) للهيثمي (1/52) وفي ((المعجم الصغير)) (2/56) (772)، والبيهقي في ((شعب الإيمان)) (3/19) (2750). جوَّد إسناده المنذري في ((الترغيب والترهيب)) (2/4)، والهيثمي في ((مجمع الزوائد)) للهيثمي (1/52)، وقال المزي في ((تهذيب الكمال)) (5/495): عزيز فرد لا نعرفه إلا من رواية عمران القطان، وحسَّنه الألباني في ((صحيح سنن أبي داود)) (429).

(5) މި ޙަދީޘްގައިވާ ފަސްވަނަކަމަކީ ((وَأَدَّى الأَمَانَةَ)) މާނައީ: “އަދި އަމާނާތް އަދާކުރާ މީހާއެވެ.” އަމާނާތް އަދާކުރުމަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އަބުއްދަރުދާ ވިދާޅުވިއެވެ. އެއީ، ޖުނުބުވެރިކަމުން ހިނައިގަތުމެވެ. (سنن أبي داود: 429) (މުތަރުޖިމު)

(6) رواه البخاري (1410)، ومسلم (1014).

(7) رواه أحمد (39/522)، وابن خزيمة (3/340) (2212)، وابن حبان (8/223) (3438)، والطبراني في ((مسند الشاميين)) (4/138)، والبيهقي في ((شعب الإيمان)) (3/308) (3617). قال المنذري في ((الترغيب والترهيب)) (1/145): [روي] بإسنادين أحدهما صحيح. وصحَّح إسناده الألباني في ((قيام رمضان)) (18).

(8) رواه أبو داود (1580)، والطبراني في ((المعجم الصغير)) (1/334) (555)، والبيهقي (4/95) (7525). قال ابن حجر في ((التلخيص الحبير)) (2/729): رواه الطبراني وجوَّد إسناده، وسياقه أتم سندًا ومتنًا. وصحَّحه الألباني في ((صحيح سنن أبي داود)) (1580).