[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 32

womens rights

އަދި ހަމައެއާއެކު މުސްލިމުންގެ ރަންޒަމާންތަކަށް ބަލާލާއިރު އެތައް އަންހެން ބޭކަނބަލުންނީ ޢިލްމީ މައިދާނުގައި މަޝްހޫރު ބޭކަލުންގެ ތެރޭގައި ނަން ކިޔާލެވޭ ބޭކަނބަލުންނެވެ. މިސާލަކަށް:

  • ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާ

ޢާއިޝާ ރަޟިޔަﷲ ޢަންހާ އާ ބެހޭގޮތުން އެކަމަނާގެ ދަރިވަރެއްކަމުގައިވާ ޢުރްވާ ބުން އައްޒުބައިރު ވިދާޅުވެފައިވެއެވެ.

“ޤުރުއާން އުނގެނުމާއި، ވާޖިބުތައް އުނގެނުމާއި، ޙަލާލުކަންތަކާއި ޙަރާމްކަންތައްތައް އުނގެނުމާއި، ޅެންވެރިކަމާއި ބަހަށާއި، ޢަރަބިންގެ ތާރީޚަށް އަދި ނަސަބުގެ ޢިލްމު އުނގެނުމުގައި ތިމަންކަލޭގެފާނު ޢާއިޝާއަށް ވުރެ މޮޅު މީހަކު ނުދެކެމެވެ.”

އަދި އެކަމަނާއަކީ ބޭސްވެރިކަން ދަންނަ ބޭކަނބަލެކެވެ. އަދި އެކަމަނާއަކީ ހިސާބު ޢިލްމުގައި މޮޅު ބޭކަނބަލެކެވެ. އެހެންކަމުން އޭރުގެ ބައެއް ޞަޙާބީން އެކަމަނާގެ ޤާތަށް މުދާ ބެހުމުގެ ކަންކަމުގައި ވަޑައިގަންނަވާކަމުގައިވެއެވެ.

އަދި ހަމައެއާއިއެކު އެކަމަނާ ވަނީ އެތައް ޞަޙާބީންނަކަށް އެކަމަނާގެ އަރިހުން ނަޞޭޙަތަށް އެދުމުން ނަޞޭޙަތް ދެއްވާ އިރުޝާދު ދެއްވާފައެވެ. އެގޮތުން އެކަމަނާ ނަޞޭޙަތާއި އިރުޝާގެ ދެއްވެވި ބޭކަލުންގެ ތެރޭގައި ޢަބްދުލްﷲ ބުން ޢުމަރު އަދި އަބޫ ހުރައިރާ ވެއެވެ. އެކަމަނާއަކީ ހިތުދަސްކުރުމުގައި އަރާހުންނެވި ބޭކަނބަލެކެވެ. ގިނަ ޙަދީޘްފުޅުތަކެއް ވަނީ ހިތުން ދަސްކުރައްވާފައެވެ. އެގޮތުން 2210 ޙަދީޘް އެކަމަނާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ.

އަބޫ މޫސާ އަލް އަޝްޢަރީ އަކީ މަޝްހޫރު ޤާޟީއެކެވެ. އަދި ޢިލްމުވެރިއެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަހަރުމެންނަށް، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީންނަށް، އެއްވެސް ޙަދީޘްއަކާމެދު މައްސަލައެއް އުފެދިއްޖެނަމަ، އެކަމެއް ޢައިޝާއާއި ހަވާލުކުރަމުއެވެ. އަދި އަހަރުމެންނަށް އެކަމަނާގެ ކިބައިގައި އެކަމުގެ ޢިލްމުވާކަން އަހަރުމެންނަށް އެނގިގެން ދެއެވެ.”

އެކަމަނާއަކީ ޢިލްމުވެރިއެކެވެ. އަދި ޢިލްމު އުނގަންނަވައިދެއްވި އުސްތާޒާއެކެވެ. އެކަމަނާގެ އަރިހުން 88 ބޮޑެތި ޢިލްމުވެރިން އުފެދިގެން ގޮސްފައިވެއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް