[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 7 –ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެނެގަތުން )

thauheedh 5

ތިންވަނަ އަޞްލު: ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ މަޢުރިފާކޮށް ދެނެގަތުން

އެކަލޭގެފާނަކީ ހާޝިމުގެ ދަރި ޢަބްދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲ ގެ ދަރި މުޙައްމަދެވެ. އަދި ހާޝިމުއަކީ ޤުރައިޝުވަންހައިގެ މީހެކެވެ. އަދި ގުރައިޝުވަންހައަކީ ޢަރަބިންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބީންނަކީ އިބްރާހީމު ޢަލައިހިއްސަލާމުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމުގެ ދަރިސްފަސްކޮޅުގެ ތެރެއިންވާ ބައެކެވެ. (އިބްރާހީމުގެފާނަށާއި އަހަރެމެންގެ މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމު ހުށްޓެވެ.) އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ ފަސްދޮޅަސް ތިން އަހަރެވެ. އޭގެތެރެއިން ސާޅީސް އަހަރަކީ ނަބީކަމުގެ ކުރިއެވެ. އަދި ތޭވީސް އަހަރު ނަބީކަމާއި ރަސޫލުކަމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ:

(اقْرَأْ)  ([1])  

 މާނައީ: “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ.”

މިބަސްފުޅާ އެކުގައެވެ.

އަދި ރަސޫލުކަމައިގެން ފޮނުއްވުނީ:

(الْمُدَّثِّرُ)  ([2]) 

މާނައީ: “އޭ ފޭރާންތަކުން ނިވާވެގެންވާ ކަލޭގެފާނެވެ.”

މިބަސްފުޅުންނެވެ. އެކަލޭގެފާނުގެ ރަށަކީ މައްކާއެވެ. އަދި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ.

ފިލާވަޅުގެ އިރުޝާދުތައް

* ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ކަންތައްތައް ތަފްޞީލުކޮށް އިސްލާމީ އުންމަތަށް އެނގުމަކީ އެބައިމީހުންގެ މައްޗަށްވާ ﷲ ތަޢާލާގެ ފަޟްލުވަންތަކަމެކެވެ. އެކަލޭގެފާނުގެ ސިޔަރަތަކީ ސާފުސީދާ އެއްޗެކެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ނަމޫނާގައި ހިފުމަށް މުޅި އުންމަތަށް ފަސޭހަވެގެންވެއެވެ.

* ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ނަބީކަން ފެށުނީ ޖިބްރީލު ޢަލައިހިއްސަލާމް ޢަލަޤު ސޫރަތައިގެން އެކަލޭގެފާނުގެ އަރިހަށް ފައިބައިވަޑައިގަތުމުންނެވެ. އެއަށްފަހު މީސްތަކުންނަށް ރިސާލަތު ފޯރުކޮށްދިނުމަށް ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވީ، މުއްދައްޘިރު ސޫރަތައިގެން އެކަލޭގެފާނުގެ އަރިހަށް ޖިބްރީލު ޢަލައިހިއްސަލާމް ފޮނުއްވާފައެވެ.

ސުވާލުތައް

  1. ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ނަސަބުފުޅު ބަޔާންކުރާށެވެ.
  2. އަންނަނިވި ހުސްތަންތަން ފުރާށެވެ.

– އެކަލޭގެފާނުގެ އުފަންވެވަޑައިގަތީ ___________. އަދި އެކަލޭގެފާނު __________ އަށް ހިޖުރަކުރެއްވިއެވެ.

– އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ ____________ އަހަރެވެ. އޭގެ ތެރެއިން _______ އަހަރަކީ ނަބީކަމުގެ ކުރިއެވެ. އަދި ________ އަހަރު ނަބީކަމާއި ރަސޫލުކަމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ: ____________  މިބަސްފުޅާ އެކުގައެވެ. އަދި ރަސޫލުކަމައިގެން ފޮނުއްވުނީ: _____________  މިބަސްފުޅުންނެވެ.

  1. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ކަންތައްތައް ތަފްޞީލުކޮށް ދެނެގަތުމުގެ ފައިދާއަކީ ކޮބާ ހެއްޔެވެ؟

__________________________

([1]) [العلق: ١]

 ([2])[المدثر: ١]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް