المعنى الإجمالي
ކޮންމެވެސް ސަބަބުތަކަކާހުރެ ވަރިކުރެވިފައިވާ އަންހެނުން، އެކަނބަލުންގެ ރަޙިމުގެ ހުސްކަން ސާބިތުކުރުމަށްޓަކައި ޢަދަދު ކުރެވިގެންވާ ދުވަސްތަކަކު އިންތިޒާރުކުރާށެވެ. އެއީ ޢިއްދާގައި އިނުމެވެ. (އެއީ ތިން ޠުހުރު ނުވަތަ ތިން ޙައިޟެވެ.) އަދި، ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާކަމުގައިވާ އަންހެނެއްކަމުގައިވާނަމަ މާތްﷲ އެކަނބަލުންގެ މައިބަނޑުގައި ހައްދަވާފައިވާގޮތް (އެބަހީ: މާބަނޑުވުން ނުވަތަ ޙައިޟުވުން) ވަންހަނާކުރުން ހަލާލުވެގެން ނުވެއެވެ. އަދި ޢިއްދާ ހަމަވުމުގެކުރިން އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ. އެއީ އަނިޔާވެރިވުމެއްނެތި ޞުލްޙަވެރިކަމާ ހެޔޮގޮތުގައި ދިއުޅުމަށެވެ. އަދި ހަމައެފަދައިން އެކަނބަލުންގެ މައްޗަށްވެސް ﷲ އަމުރުކުރެއްވިކަންތައްތަށް ކުރުންވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއްވެއެވެ. ބާރެއްވެއެވެ. އަދި އެކަނބަލުންނަށް ޚަރަދު ދިނުންވެއެވެ. އަދި އެކަނބަލުން، ފިރިންނަށް ކިޔަމަންތެރިވުން ހުށްޓެވެ.
ދެން އެއަށްފަހު ﷲ ތަޢާލާ ބަޔާންކުރައްވާފައި އެވަނީ، ވަރިކުރުންވަނީ ދެފަހަރުކަމަށެވެ. ފަހެ ތިންވަނަ ފަހަރަށް އެކަނބަލުން ވަރިކޮށްފިކަމުގައިވާނަމަ، އެކަނބަލުން އެހެންމީހަކާ ކައިވެނިކޮށްފުމަށްދާނދެން ވަރިކުރެވުނު ފިރިހެން މީހާއަކަށް އެކަނބުލޭގެއަކާ ކައިވެނިކުރުން ޙަލާލުވެގެން ނުވެއެވެ. އަދި ދަންނާށެވެ. ތިންފަށް ވަރިއަކުން ވަރި ނުކުރާކަމުގައިވާނަމަ ކައިވެނި ރުޖޫޢަކުރެވިދާނެއެވެ. ފަހެ، ހެޔޮގޮތުގައި އެކަނބަލުންނާއެކުގައި ދިރި އުޅެވޭނެކަމުގައިވާނަމަ އެކަނބަލުންނާއެކުގައި ދިރިއުޅުން ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެންނޫންނަމަ އެކަނބަލުން ބޭނުންވާ އެހެންމީހަކާ ކައިވެނިކުރުމަށްޓަކައި ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
(وَإِن يَتَفَرَّقَا يُغْنِ الله كُلاًّ مِّن سَعَتِهِ)[النساء:130]
މާނައީ: “އަދި، އެ ދެމީހުން ވަކިވާނަމަ، اللَّه ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ.”
އަދި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުންފުޅުތައް، އެދެމީހުން ޤާއިމް ނުކުރާނެކަމާމެދު، އެދެމީހުން ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ރަނުގެގޮތުގައި ދިން ތަކެތީގެ ތެރެއިން އެއްޗެއް އަތުލުން ޙަލާލުވެގެން ނުވެއެވެ. އެއީ އެކަމާމެދުގައި މާތްﷲ ކަނޑައޅުއްވާފައިވާ ޙުކުމްފުޅުތަކެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ޙުކުމްފުޅުތައް ފަހަނައަޅާދާމީހުން ދަންނާށެވެ. އަނިޔާވެރިންނަކީ ހަމަ އެބައިމީހުންނެވެ.
ދެން އެއަށްފަހު އެންމެހާ ފިރިހެންތަކުންނަށް ﷲ ތަޢާލާ އަމުރު ކުރައްވާފައިއެވަނީ، އެބައިމީހުންގެ އަނބިންނަށް އިޙްސާންތެރިކަމާއެކު ހެޔޮގޮތުގައި މުޢާމަލާތްކުރުމަށެވެ. އަދި އެއްވެސް ހާލެއްގައި އެކަނބަލުންނަށް އަނިޔާވެރި ނުވުމަށެވެ. އެކަނބަލުން ވަރިކޮށްފިކަމުގައިވާނަމަ، އަދި އެކަނބަލުން ޢިއްދާ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި އެކަނބަލުން ރުޖޫޢަކުރާށެވެ. ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެކަބަލުންނަށް އަނިޔާވެރި ނުވާށެވެ. އަދި ތިޔަބައިމީހުން ﷲ ތަޢާލާގެ އާޔަތްތައް އެއީ މަލާމާތެއް ކަމުގައި ނަހަދާށެވެ. އަދި ތިޔަބައިމީހުންނަށް މާތްﷲ ދެއްވި ނިޢުމަތާއި ޙިކުމަތާއި ފޮތުގެ ތެރެއިން ބާވާލެއްވި ތަކެތި ތިޔަބައިމީހުން ހަނދާންކުރާށެވެ. ﷲ ތަޢާލާ އެއިން، އެބަހީ: އެކަލާނގެ ބާވައިލެއްވި ޙުކުމްފުޅުތަކުން ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރި ވާށެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާއީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އަދި ތިޔަބައިމީހުންގެ އަނބިން ވަރިކޮށް، އެކަނބަލުންގެ ޢިއްދައިގެ ދުވަސްތައް ހަމަވުމަށްފަހު، އެކަނބަލުން އިޚްތިޔާރުކުރާ ފިރިޔަކާ ކައިވެނި ކުރުމަށް، އެނގިގެންވާ ހެޔޮގޮތުގައި އެދެފަރާތް ރުހި އެއްބަސްވެއްޖެނަމަ، އަނިޔާވެރިގޮތުގައި އެކަނބަލުންނަށް އެކަން މަނާނުކުރާހުށިކަމެވެ. ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ވަޢުޡުވެވި އަމުރުކުރެވިގެންވަނީ އެފަދައިންނެވެ. އެއެންމެހާ ގޮތްތައް ތިޔަބައިމީހުންނަށްޓަކައި ހެޔޮކަންބޮޑެވެ. އަދި ޠާހިރުކަންވެސް ބޮޑެވެ. ތިޔަބައިމީހުންނަށް މަޞްލަޙަތު ހުރިގޮތް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
=ނުނިމޭ=