[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 12

Ifku ge haadhisaa

 

ފަހެ ޢާއިޝާ رضي الله عنها އެކަލޭގެފާނަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފަހު އޮށޯންނެވިތަނާހެން ، އަދި މާތް ނަބިއްޔާ صلى الله عليه  وسلم އިށީންދެވަޑައިގެން އިންނެވި ތަނުން ތެދުވެވަޑައިވެސްނުގަންނަވަނީސް އެކަލޭގެފާނަށް ﷲ ތަޢާލާގެ ޙަޟްރަތުން ޥަޙީ ބާއްވައިލެއްވޭ ހިނދު ވާކަންތައްތައް ކުރިމަތިވާން ފެއްޓިއެވެ. އެކަލޭގެފާނަށް ބާއްވައިލެއްވުނު ޥަޙީބަސްފުޅުގެ ބުރަކަމުން ފިނި މޫސުމުގެ އެފިނީގައި އެކަލޭގެފާނުގެ ހަށިކޮޅުން ދާފޮދުގެ ތިކިތިކިވެސް ފައިބަން ފެއްޓިއެވެ. އަދި ޥަޙީބަސްފުޅު ބާއްވައިލެއްވި ނިމުމާއެކު އެކަލޭގެފާނުގެ ބަރަކާތްތެރި މޫނުފުޅު މުޅިން އަލިވެއުޖާލާވެގެން ދިޔައެވެ. އަދި އުފާފުޅުވެ ހިނިތުންވެވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ: “އޭ ޢާއިޝާއެވެ! އުފާފުޅުކުރައްވާށެވެ. ފަހެ ﷲ ތިޔަކަމަނާ ބަރީއަކުރައްވައިފިއެވެ”.

އެއާއެކު އެތަނުގައި ތިއްބެވި ހުރިހާ ބޭކަލުންގެ މޫނުފުޅުތަކަށް ވެރިވެފައިވި ހިތްދަތިކަން މުޅިން ފިލައި އުފާވެރިކަމާއި އުޖާލާކަމުން އަލިވެގެން ދިޔައެވެ. އަދި އެނދުމަތިން ތެދުވެވަޑައިގެން އެކަލޭގެފާނަށް ޝުކުރު އަދާކުރުމައްޓަކައި ނަބިއްޔާ صلى الله عليه  وسلم ގެ އަރިހަށް ވަޑައިގެންނެވުމަށް ޢާއިޝާ رضي الله عنها އަށް އެކަމަނާގެ މަންމާފުޅު އެހިނދު ދެންނެވިއެވެ. ނަމަވެސް ޢާއިޝާ رضي الله عنها އެކަމަށް އިންކާރުކުރައްވައި ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ އެކަލޭގެފާނުގެ އަރިހަކަށް ތެދުވަޑައެއްނުގަންނަވާނަމެވެ. ތިމަންކަމަނާ ﷲ އަށް މެނުވީ ޙަމްދެއް ނުކުރާނަމެވެ. ތިމަންކަމަނާ ބަރީއަކޮށްދެއްވީ އެކަލާނގެއެވެ”.

ހިގައިދިޔަ ބޮޑުވެގެންވާ މި ޙާދިޘާއިން ލޮބުވެތި މާތް ޠާހިރު ކަމަނާ ޢާއިޝާ رضي الله عنها ގެ ކުށެއް ނެތްކަން ގަދަކީރިވަންތަ ﷲ ތަޢާލާ ހަތް އުޑުމަތިން ބަޔާންކުރައްވައި ބާވައިލެއްވި އާޔަތްތަކާ މެދު ހިތުގެ އެންމެ އަޑިން އުފާކުރައްވާ ޙާލު އެކަމަނާ ވިދާޅުވެއެވެ: “އަދި (إن الذين جاءوا بالإفك عصبة منكم…) ގެ ދިހަ އާޔަތް ބާއްވައިލައްވައި ﷲ ތަޢާލާ ތިމަންކަމަނާ ބަރީއަކުރެއްވިއެވެ”. “މާނައީ: މަކަށަވަރުން ، ބޮޑުވެގެންވާ ދޮގުވާހަކައާއިގެން އައި މީހުންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ…”.

(ނުނިމޭ)