ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަނބަލުން ޒައިނަބް ބިންތު ޖަޙްޝް رضي الله عنها ގެ އަރިހުގައި ތިމަންކަމަނާގެ މިކަންތަކާ މެދުގައި ސުވާލުކުރައްވާ ކަމުގައިވިއެވެ. އަދި ޖަވާބުގައި ޒައިނަބު ވިދާޅުވާކަމުގައި ވިއެވެ: ‘އޭ ﷲ ގެ ރަސޫލާ صلى الله عليه وسلم އެވެ. ތިމަންކަމަނާގެ އިވުމާއި ފެނުން (ތިޔަ ކަމުން) ރައްކާތެރި ކުރަމެވެ. ﷲ ގަންދީ ބުނަމެވެ. (ޢާއިޝާގެ ފަރާތްޕުޅުން) ހެޔޮކަމެއް މެނުވީ ތިމަންކަމަނާއަށް އެނގިގެން ނުވެއެވެ”.
އަދި މިސްޠަޙް رضي الله عنه އާއި މެދު އަބޫ ބަކުރު رضي الله عنه ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. ޢާއިޝާއާ މެދުގައި އޭނާ ދެއްކި ވާހަކައިގެން ސަބަބުން އޭނާގެ މައްޗަށް ދެން ދުވަހަކުވެސް ތިކަންކަލޭގެފާނު ހޭދައެއް ނުކުރާނަމެވެ”. އެހިނދު ﷲ ތަޢާލާ (ولا يأتل أولو الفضل منكم والسعة… ) މިއާޔަތް ބާއްވައިލެއްވިއެވެ. މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، اللَّه ގެ މަގުގައި ހިޖުރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ”. އޭއާއެކު އަބޫ ބަކުރު رضي الله عنه : (والله إني لأحب أن يغفر الله لي ، لا أنزعها منه أبدا) “މާނައީ: ﷲ ގަންދީ ބުނަމެވެ. ﷲ މިއަޅާގެ ފާފަ ފުއްސަވައި ދެއްވުމައް މިއަޅާ ލޯބިކުރަމެވެ. އޭނާއަށް ހޭދަކުރުން ދުވަހަކުވެސް ތިމަންކަލޭގެފާނު ހުއްޓައެއް ނުލާނަމެވެ”، މިފަދައިން ވިދާޅުވެ މިސްޠަޙް رضي الله عنه އަށް އަލުން ހޭދަކުރެއްމުގައި ދެމިހުންނެވިއެވެ.
އޭގެ އިތުރުން ޢާއިޝާ رضي الله عنها އާއި މެދު ބޮޑުވެގެންވާ މިވާހަކަ ދައްކައި ރަށުތެރޭގައި ފެތުރި މީހުންގެ ގައިގައި އައްޑިހަ އެތިފަހަރުން ހައްދުޖެހުނެވެ. އެބޭކަލުންގެ ތެރޭގައި ޙައްސާން ބުނު ޘާބިތި އާއި މިސްޠަޙް އާއި ޙަމްނާ ބިންތު ޖަޙްޝި رضي الله عنهم ވިއެވެ.
މަތީގައި މިބަޔާންވެ ދިޔައީ ﷲ ތަޢާލާގެ ޙިކުމަތްވަންތަކަމާއި ޢިލްމުފުޅުގެ ފުރިހަމަކަމުގެ ތެރެއިން މިއުއްމަތުގެ މީސްތަކުންނަށް މުހިއްމު އެތަކެއް ޢިބުރަތްތަކެއްވާ ބޮޑުވެގެންވާ އިމްތިޙާނެއްގެ ޙާދިޘާއެވެ. އޭގެ ސަބަބުން އެތައް ޙަޤީޤަތްތަކެއް ހާމަވަގެން ދިޔަ އަގުބޮޑު ފިލާވަޅުތަކެކެވެ. އަޅުގަނޑުމެންގެ އިޖުތިމާޢި ދިރިއުޅުމުގައި ދޭދޭ މީހުންގެ ދެމެދުގައާއި ވަކިވަކި ފަރުދުންގެ މެދުގައި ހުންނަންޖެހޭ ހަމަތަކާއި މުޢާމަލާތް ކުރަންޖެހޭ އުޞޫލުތާ އަދި މައްސަލަތައް ދިމާވުމުން އެކަންކަން ޙައްލުކުރުމައްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި މީނޫންވެސް ގުނާ އަދަދަ ނުކުރެވޭހާ ގިނަ ފައިދާތައް ލިބިގެންދިޔަ މަތިވެރި ޢިބުރަތްތެރި ޤިއްޞަ އެކެވެ.
ދުޢާއަކީ ހެޔޮބަސް އަހައި ހެޔޮބަހަށް ޢަމަލުކުރާ ބަޔަކު ކަމުގައިވުމުގެ ތައުފީޤު ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވައި އެކަލާނގެ ރުއްސެވުމާއި ފުއްސެވުން އެދި މިދުނިޔޭގެ ދުވަސްތައް ހޭދަކުރާ ބަޔަކަށް ވުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވުމެވެ.
وآخر دعوانا أن الحمد لله رب العالمين. وصل اللهم وسلم على نبينا محمد وآله وأصحابه ومن تبعهم بإحسان إلى يوم الدين.
-ނިމުނީ-