މަލްސާ ޓިއުޝަނަށްދާއިރު ހުދުހުދު ގެއެއް ފެނެއެވެ. އެގޭ ބޭރުން ބަލާއިރު ފެންނަނީ މުޅިންވެސް ހުދުކޮށެވެ.
ގޭގައި ލައިފައި ހުރީ ހުދު ކުލައެވެ. ދޮރުތަކުގައި ހުދު ދަވާދެވެ. މަލްސާއަށް އެންމެ ޙައިރާންވީ އެ ގޭގެ ފެންއަޅާ ބޮޑުކަޅު ތާނގީގައިވެސް ހުުދުކޮށްފައި ހުރީމައެވެ.ކޮންމެ ދުވަހަކުވެސް ސައިކަލުގެ ފަހަތުގައި އިނދެ އެގެއަށް ބަލައެވެ. އެގެއާ ހަމަވުމުން ، އެގެ ނޫން އެހެން ތަނަކަށް މަލްސާއަކަށް ނުބެލެއެވެ. މަލްސާ ބޭނުންވަނީ އެގޭގެ އެތެެރެއަށް ވަންނާށެވެ.އެގޭ މީހުންނާ ބައްދަލުކުރާށެވެ.
އެއްދުވަހަކު އެ ގެއާ ހަމަވުމުން މަލްސާ މަންމަ ގާތު އެއްސެވެ.” މަންމާ ! އަޅުގަނޑަށް އެހެރަ ހުދު ގެއަށް ވަދެވިދާނެތޯ”
މި ސުވާލުގެ ޖަވާބުގައި މަންމަ ބުންޏެވެ. “އެއީ މަންމަ ދަންނަ ގެއެއް ނޫން. މަންމައަކަށް ނުކެރޭނެ.”
މި ޖަވާބު އަޑު އިވުމުން މަލްސާ މާޔޫސްވިއެވެ. އެހެންނަަމަވެސް މަލްސާ އިތުރު އެއްޗެކޭ ނުބުނެ ހުރީ އެވާހަކަތައް ގަބޫލު ކުރެވޭތީއެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. އެ ހުދުގެއާ ބެހޭގޮތުން މަލްސާ މަންމަޔާ ތަފާތު ސުވާލުކުރެއެވެ. އެގޭމީހުން ހުދުކުލައަށް އެހާ ލޯބިކުރަނީ ކީއްެވެބާއޭ ހިތަށް އަރައެވެ. އެހެންމީހުނަށް އެއީ މާ މުހިއްމުކަމަކަށް ނުވިއަސް މަލްސާއަށް އެކަން ވަރަށް މުހިއްމު ވިއެވެ. އެހެންވެ މަލްސާ ހިތުގައި އެގެއަށް ދިއުމަށް އޮތް ޝައުގަކަށް ބަދަލެއްނާދެއެވެ. ގްރޭޑް 2 ގައި ކިޔަވަމުންދާ މަލްސާ ބޭނުންވީ ކޮންމެވެސް ދުވަހަކުން އެގެއަށްވަދެ އެގޭ މީހުންނާ ސުވާލުކުރާށެވެ.
އެއްދުވަހަކު މަލްސާއާއި އޭނަގެ މަަންމަ ޓިއުޝަނަށް ދަނިކޮށް ވާރޭ ވެހިގެންފި އެވެ. އޭރު މަލްސާގެ ދެމައިން އެއްކަލަ ހުދު ގެއާއި އަަރާހަމަވީ އެވެ. މަލްސާގެ ދެމައިން އެގޭ އަސްކަނިދޮށުގައި މަޑުކޮށްލައިފި އެވެ. އެތާ ތިބޭތާ އިރުކޮޅެއް ވެއްޖެއެވެ. ވާރޭވެހެމުންދާ ވަރަކަށް ވާރޭ ވެހެމުން ދެއެވެ. މަލްސާ ބޭނުންވީ އެ ގޭގެ އެތެރެއަށް ވަންނާނެއެވެ. އެހެންނަމަވެސް ދޮރު ލައްޕާފައި ހުރުމުން ސަލާންވެސް ގޮވަން ނުކެރިފައި ތިބީއެވެ.
އިރުކޮޅަކުން މީހަކު އެ ގޭ ދޮރު ހުޅުވާލި އެވެ. މަލްސާ އުފަލުން ބަލާލިއެވެ. އަސްކަނިދޮށުގައި އެ ދެމައިން ތިބިތަން ފެނުމުން އެގެެއިން ނިކުތް މީހާ ވަރަށް ބޮޑަށް ހީނލާފައި އެތެރެއަށް ވަންނަން އެދުނެވެ. މަލްސާގެ މަންމަ ނުކެރިފައި ހުރެ ވަނެވެ. ހުދު ގަމީހަކާއި ހުދު މުންޑެއް އަނދެގެން ހުރި އެ މީހާ ފެނުމުން މަލްސާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. އަދި އެންމެ ޙައިރާން ކުރުވި ކަމަކަށްވީ އެމީހާގެ އަނގައިގެ ދަތްޕިލައިގެ ހުދު ކަމެވެ.
މަލްސާގެ ދެމައިން އިށީނުމާއެކު އެ މީހާ އެ ދެމައިންނަަށް ސައި ދިނެވެ. ކޮންމެ ވާހަކައެއް ދައްކަނީ ހިނިތުންވުމާއެކު ގައެވެ. މަލްސާ އެންމެ ފަހުން ނުހުރެވިގެން ބުންޏެވެ. “ބޭބޭ. މި ގެ ވަރަށް ރީތި. ބޭބޭގެ ދަތްޕިލަވެސް ވަރަށް ރީތި. ބޭބޭ ކިހިނެތްތަ ދަތްޕިލަ ތިހާ ހުދުކުރަނީ؟…ބޭބެ ކީއްވެ މިގެ މުޅިން ހުދުކޮށްފައި ބަހައްޓާފައި ހުންނަނީ”
ކުޑަކުޑަ މަލްސާ ކުރި މި ސުވާލުތަކުން މާހައުލުގައިވާ ބީރައްޓެހިގެން ފިލައިފިއެވެ. އެ ބޭބެ ހީނލަމުން ބުންޏެވެ. “ހުދު ކުލައަކީ ބޭބެއަށް ވަރަށް ރީތި ކުލައެއް. ބޭބެ ބޭނުންވަނީ ސާފުކޮށް އަލިކޮށް ބާއްވަން. ބޭބެގެ ހަށިގަނޑުގެ އެތެރެ ރީތިކުރަން މަސައްކަތްކުރާގޮތަށް ބޭރުފުށުންވެސް އެގޮތަށް ފެންނަން ބޭނުންވޭ. “އެގޮތަށް ދަތްޕިލަ ހުދުކުރުމަށްޓަކައި ބަރާބަރަށް ދަތް އުގުޅަން ސަމާލުވަން.”
“ބޭބެ ހަށިގަނޑުގެ އެތެރެ ރީތި ކުރަނީ ކިހިނެއް؟” ދެނެފަރިތަ މީހަކާ ސުވާލުކުރާހެން މަލްސާ ސުވާލުކުރިއެވެ. ހިތްތިރިކަމާއެކު ބޭބެ ޖަވާބު ދިނެވެ. “ބޭބެގެ ކުއްޖަކު ނުހުރޭ. މިގޭގައި އުޅެނީ ބޭބެ އެކަނި. އެކަމަކު ބޭބެ ވަރަށް ހިތްހަމަ ޖެހިގެން މިއުޅެނީ އެތެރެހަށީގައިވާ ހިތުގެ މުއްސަނދިކަމުން. މުއްސަނދިކޮށް ރީތިކުރުމަށްޓަކައި ކުރާ ކަމަކީ ﷲ އެންގެވިގޮތަށް ރަނގަޅަށް އުޅުން. ނަމާދުކޮށް ޤުުރުއާން ކިޔެވުން. އެހެންމީހުންނަށް އެހީވުން.”
މިހާރު މަލްސާއަށް އެގޭގެ އުޖާލާ ކަމާ ސާފުކަމާ “ހުދު” ކަމުގެ ޙަޤީޤަތް އެނގިއްޖެއެވެ. އެ ހުދު ގޭތެރެއިން ފެނުނީ ހަމަ ހަޤީޤަތުގައިވެސް “ހުދު” ދަތްޕިލައެކެވެ. ވާރޭ ހުއްޓާލުމާއެކު ބޭބެގެ އިޒުނައާއެކު ދެމައިން ގެއަށްދާން ނިކުތެވެ. ގެއަށް ދިޔަ މަގުމަތީ އެ ބޭބެގެ ރަނގަޅުކަމަށްޓަކައި ހެޔޮދުޢާކުރިއެވެ.